ރާއްޖޭގައި އިގްތިސާދީ ކާރިސާއެއްގެ ބިރު މިހާރު ބޮޑުވެފައި ވަނީ މަރުކަޒީ ބޭންކު އެމްއެމްއޭއާއި ބައިނަލްއަޤުވާމީ މާލީ އިދާރާތްތަކުން ދެމުން ދިޔަ އިރުޝާދުތަކަށް ވޭތުވެދިޔަ އަހަރުތަކުގައި ސަރުކާރުން އަހަމިއްޔަތުކަމެއް ދީފައި ނެތުމުގެ ސަބަބުންކަމަށް އެމްއެމްއޭގެ ގަވަނަރު އަލީ ހާޝިމް ވިދާޅުވެއްޖެ އެވެ.
ގަވަނަރު ކަމުން ހާޝިމް މަގާމުން ވަކި ކުރުމުގެ ކުރިން ޖަވާބުދާރީ ކުރުވުމަށް ހާޒިރު ކޮމިޓީ މިއަދު ވެސް ކުރިޔަށް ގެންދެވޭ ގޮތެއް ވަނީ ނިންމާލާފަ އެވެ. ހާޝިމަށް މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރެވޭތީ މަގާމުން ވަކި ކުރުމަށް ނިންމާފައިވާ މައްސަލަ ބަލަމުން ދަނީ މާލިއްޔަތު ކޮމިޓީންނެވެ.
މިއަދު ތާވަލު ކުރި ބައްދަލުވުމަށް ވެސް ހާޝިމް ހާޒިރުވެފައި ނުވަނީ ސިއްހީ ހާލަތު ގޯސްވުމުގެ ސަބަބުންނެވެ. އަދި އެކަން އިއުލާނު ކުރައްވައި ކޮމިޓީގެ މުގައްރިރު ގާސިމް އިބްރާހިމް ވިދާޅުވީ ފަހު ފުރުސަތު ދީ މާދަމާ އިތުރު ބައްދަލުވުމެއް ބޭއްވުމަށް ހުށަހަޅުއްވާކަމަށެވެ. އެކަމަށް މެމްބަރުން ތާއީދު ކުރުމުން، މިއަދުގެ ޖަލްސާ އިތުރަށް ކުރިޔަށް ނުގެންގޮސް ނިންމާލީ އެވެ.
މަޖިލިސް ކޮމިޓީއަށް ހާޒިރު ނުވި ނަމަވެސް ހާޝިމް ވަނީ ވަކި ކުރަން އުޅޭ މައްސަލައިގައި ލިއުމުން ޖަވާބުދާރީވެ ރިޕޯޓެއް ފޮނުވާފަ އެވެ. އެ ރިޕޯޓުގައި ހާޝިމް ވިދާޅުވީ ރާއްޖޭގައި އިގްތިސާދީ ކާރިސާއެއްގެ ބިރު މިހާރު ބޮޑުވެފައި ވަނީ މަރުކަޒީ ބޭންކު އެމްއެމްއޭއާއި ބައިނަލްއަޤުވާމީ މާލީ އިދާރާތްތަކުން ދެމުން ދިޔަ އިރުޝާދުތަކާއި ލަފާތަކަށް ވޭތުވެދިޔަ އަހަރުތަކުގައި ސަރުކާރުން އަހަމިއްޔަތުކަމެއް ދީފައި ނެތުމުގެ ސަބަބުން ކަމަށެވެ.
ހާޝިމް ވިދާޅުވީ އިގްތިސާދީ ކާރިސާއެއް ދިމާވާ ހާލަތެއްގައި އެ ފުން އަނދަވަޅަށް ވެއްޓުނަ ނުދީ ރައްކާތެރި ދިމާލަކަށް ވާސިލުވާނެ ގޮތް ޔަގީން ކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.
ހާޝިމް މަގާމުން ވަކިކުރުމަށް ހުށަހެޅީ، ރައްޔިތުންގެ މަޖިލީހަށް މިވަގުތު ހުށަހަޅާފައިވާ ދަރަނި މެނޭޖު ކުރުމާއި ފިކްސަލް ޒިންމާގެ ބިލުގެ ބަހުސްގައި ގަވަނަރު ޒިންމާ އަދާނުކުރާކަން ފާހަގަކޮށް ދެކެވުނު ވާހަކައިގެ ތެރެއިންނެވެ. ހާޝިމް މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރައްވާތީ، ސުވާލުކޮށް ޖަވާބުދާރީ ކުރުވުމަށް ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް އެވެ.
އެ ދުވަހުގެ ޖަލްސާގައި މަނިޓަރީ ޕޮލިސީއަކީ ދިވެހި ދައުލަތުގެ މަރުކަޒީ ބޭންކުގެ ގަވަރުނަރާ ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތެއް ނަމަވެސް ހާޝިމަށް އެ ޒިންމާ އަދާކުރެވިފައި ނެތް ކަމަށެވެ. އަދި ސަރުކާރުގެ ފުރަތަމަ ހަ މަސް ދުވަހުގައި ގަވަނަރުގެ އެއްވެސް ލަފައެއް ވެސް ލިބިފައި ނުވާކަން ފާހަގަކުރެއްވި އެވެ.
އެ މައްސަލަ ނަންގަވައި، ހާޝިމް މަގާމުން ވަކި ކުރުމަށް މާލިއްޔަތު ކޮމިޓީއަށް ވެސް ނާޒިމް ހުށަހެޅުއްވި އެވެ. އެ ހުށަހެޅުމަށް މެމްބަރުން ތާއީދުކޮށް، އޭނާ މަގާމުން ވަކި ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ ދިނުމަށް ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.
އެމްއެމްއޭގެ ގާނޫނު ބުނާ ގޮތުގައި އެ އޮތޯރޮޓީގެ ގަވަނަރާއި ޑެޕިއުޓީ ގަވަނަރު އައްޔަނުކޮށް ވަކި ކުރާނީ މަޖިލީހުގެ ލަފާގެ މަތީން ރައީސުލްޖުމްހޫރިއްޔާ އެވެ.

