ފެނަކައާއި ހަވާލުކޮށްފައިވާ މަޝްރޫއުތަކެއް ނުނިންމައި، ބަޖެޓު އެއްކޮށް ހުސްކޮށްލި މައްސަލަތަކެއް ބަލަން ފަށައި ޝައްކު ކުރެވޭ މީހުންގެ ބޭންކު ޓްރާންސެކްޝަން އެނަލިސިސް ތައްޔާރު ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް އާދަމް ޝާމިލް ވިދާޅުވެއްޖެ އެވެ.
ފެނަކައާއި ގުޅޭ ތަފާތު އެކި މައްސަލަތައް ފެންމަތިވި ނަމަވެސް މިދިޔަ ސަރުކާރުގައި ކުންފުނީގެ މައްޗަށް ކުރި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނުބަލައި ވަނީ ދިފާއުވުމަށް މަސައްކަތްކޮށްފަ އެވެ. އަދި ވެރިކަމުގެ ދައުރު ނިމުނު ފަހުން އޭސީސީ ވެސް ވަނީ ފެނަކައާއި ގުޅުން ހުރި މައްސަލަތަކެއް ބަލަމުން ގެންދާކަމަށް ބުނެފަ އެވެ.
މަސައްކަތް ފެށި މިދިޔަ ހަތް މަސް ދުވަހުގެ ތެރޭގައި، ފެނަކައިގެ މައްޗަށް ކުރެވުނު ތުހުމަތުތަކާއި ކުންފުނީގެ ދަރަނިތައް އާންމުވި އެވެ.
އޭސީސީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް މި ދެ ދުވަހު ވެސް ހާޒިރުވެ ދެއްކެވި ވާހަކައިގައި އެންމެ ބޮޑަށް ފާހަގަކުރީ ފެނަކައިގެ މައްސަލަތަކެވެ. އެގޮތުން އިއްޔެ ވެސް ވަނީ ކޮމިޝަނުން ހޯދަން އެދުނު ލިޔެކިއުންތަކެއް އަދިވެސް ލިބިފައި ނުވާކަން ހާމަކުރައްވާފަ އެވެ.
މިއަދު މިނިވަން މުވައްސަސާތަކުގެ ކޮމިޓީގައި ޝާމިލް ވިދާޅުވީ، ފެނަކައިގެ 60 މަޝްރުއޫއުއެއް ނުނިންމައި ބަޖެޓު ހުސްކޮށްލިކަމަށް ތުހުމަތުވާ މައްސަލަތަކެއް ބަލަމުންދާކަމަށެވެ.
މަޝްރޫއު ނުނިމެނީސް ބަޖެޓު ހުސްކޮށްލި މި މައްސަލަތަކަކީ، މިދިޔަ ފަސް އަހަރުގެ ތެރޭގައި އިންހައުސްކޮށް އެ ކުންފުނިން ކުރިޔަށް ގެންގޮސްފައިވާ ޕްރޮޖެކްޓުތަކެކެވެ. މައްސަލަތަކުގެ ތަހުގީގަށް ބައެއް މީހުން ފާހަގަކުރެވިވާއިރު އެއީ ޝައްކު ކުރެވޭ މީހުންކަމަށް ޝާމިލް ވިދާޅުވި އެވެ.
ކޮމިޝަނުން މިހާރު ކުރަމުން ދަނީ ޝާމިލް ވިދާޅުވި ގޮތުގައި އެ މީހުންގެ ބޭންކް ޓްރާންސެކްޝަން ދިރާސާ ކުރުމުގެ މަސައްކަތެވެ. އެ މައުލޫމާތުތައް ހޯދައި، އެ މީހުންނަށް ލިބިފައިވާ ނުހައްގު މުއްސަނދިކަން ދެނެނުގަނެވޭނެކަމަށް ޝާމިލް ވިދާޅުވި އެވެ.
ޝާމިލް ވިދާޅުވީ ތުހުމަތު ކުރެވޭ ނުވަތަ ޝައްކު ކުރެވޭ މީހުންގެ ބޭންކް ޓްރާންސެކްޝަން ހިންގާފައިވާ ގޮތް ބަލައި އޭގެ އެނަލިސިސްއެއް ތައްޔާރު ކުރާނެކަމަށެވެ.
މި މީހުންގެ މައްޗަށް ކުރަނީ ޝާމިލް ވިދާޅުވި ގޮތުގައި މަގާމު ބޭނުންކޮށްގެން ނުހައްގު މަންފާ ހޯދައިދިނުމާއި، މަގާމު ބޭނުންކޮށްގެން ނުހައްގު މަންފާ ލިބިގަތުން އަދި ހިޔާނާތައި ރިޝްވަތު އަދި ނުހައްގު މުއްސަނދިކަމުގެ މައްސަލައެވެ.
މީގެއިތުރުން އޭނާ ވިދާޅުވީ ފެނަކަ ކޯޕަރޭޝަންގެ މިދިޔަ މެނޭޖްމަންޓާއި ގުޅޭ ގޮތުން އާދަޔާ ޚިލާފަށް ޝަކުވާ ލިބިފައިވާ ކަމަށެވެ. އަދި އެ ޝަކުވާ ތަކުގައި އެ ކޮމިޝަނުގެ ވަގުތާއި، މުވައްޒަފުންނާއި، ހިއުމަން ރިސޯސަސް އިން އާދަޔާ ޚިލާފަށް ހޭދަކުރަން ޖެހުނު ކަމަށެވެ.
ޝާމިލް ވިދާޅުވީ ފެނަކަ އާ ގުޅިގެން އެންމެ ބޮޑަށް ހުށަހަޅާފައިވަނީ ޕްރޮކިއުމަންޓާ މުވައްޒަފުން ވެއްދުމާ ގުޅޭ މައްސަލަ ކަމަށެވެ. އޭނާ ވިދާޅުވީ ބައެއް މައްސަލަތައް ނިމިފައިވާ ކަމަށާ ފަސް މައްސަލައެއްގައި ކޮރަޕްޝަންގެ އަމަލެއް ނެތް ކަމަށް ނިންމާފައިވާނެ ކަމަށެވެ. އެއް މައްސަލަ އެހެން އިދާރާ އަކަށް ފޮނުވާފައިވާ ކަމަށެވެ. އަދި ބޭނުންވި ސްޕީޑުގައި މައުލޫމާތު ނުލިބުމުން ފެނަކަ ސަރޗް ކޮށް، އެތަނަށް ގޮސް މައްސަލައަށް ބޭނުންވާ ހުރިހާ މައުލޫމާތެއް ހޯދާފައިވާ ކަމަށެވެ.

