ޝާރުކް، ޚާން، ސަލްމާން ޚާން، އަކްޝޭ ކުމާރު އަދި އެހެން ބޮލީވުޑް ތަރިންނަށް ބޮލީވުޑް ފިލްމުތަކުގައި ބައިވެރިވުމަށް ލިބޭ ބޮޑެތި މުސާރަތަކުގެ ވާހަކއަކީ ވަރަށް ގިނައިން އަޑުއިވޭ ވާހަކަތަކެކެވެ. ނަމަވެސް ފިލްމުތަކުގެ އަންހެން ތަރިންނަށް ލިބޭ މުސާރައިގެ މަޢުލޫމާތު ވަރަށް މަދުން ނޫނީ ނުލިބެއެވެ. ގިނަފަހަރަށް ހުރިހާ އަންހެން ތަރިންނަށްވެސް ލިބެނީ އެމީހުންގެ ފިރިހެން އެކްޓަރުންނަށްވުރެ މާ ކުޑަ މުސާރައެއްކަން އެއީ އެނގިފައިވާ ޙަޤީޤަތެކެވެ.
މިހާރު އަންހެން ތަރިންނަށް ލިބޭ މުސާރައިގެ އައު ލިސްޓެއް ނެރެފިއެވެ. ރިޕޯޓުތަކުގައިވާ ގޮތުން، އެންމެ މަޝްހޫރު އަންހެން ތަރި ދީޕިކާ ޕަދުކޯންއެވެ. ދިޕިކާ ކޮންމެ ފިލްމަކަށް ގާތްގަނޑަކަށް 15-20 ކްރޯރު ރުފިޔާ ނަގާ ކަމަށް ބުނެވެއެވެ.
ދެވަނައަށް އަންނަނީ އާލިޔާ ބަޓްއެވެ. އޭނާ ކޮންމެ ފިލްމަކަށް 15 ކްރޯރު ރުފިޔާ ނަގާ ކަމަށް ބޮލީވުޑް ހަންގާމާއިން ބުނެފައިވެއެވެ. ދީޕިކާ އެންމެ ފަހުން ފެނުނީ ނާގް އަޝްވިންގެ ”ކަލްކީ 2898 އޭޑީ“ ގައެވެ. މިހާރު އޭނާވަނީ ދަރިފުޅު ވިހެއުމަށް ޓަކައި މަސައްކަތުން ވަގުތީ ގޮތުން ދުރުވެފައެވެ.
އަނެއްކޮޅުން، އާލިޔާ އެންމެ ފަހުން ފެނުނީ ”ރޮކީ އައުރް ރާނީ ކީ ޕްރެމް ކަހާނީ“ އަދި ގަލް ގަޑޮޓާއެކު ”ހާޓް އޮފް ސްޓޯން“ ގައެވެ. ދެން އޭނާ ފެންނާނީ ”ޖިގްރާ“ އާއި، ވައިއާރްއެފް ޖާސޫސީ ސިލްސިލާގެ ”އަލްފާ“ އަދި ސަންޖޭ ލީލާ ބަންސާލީގެ ގިނަ ބަޔަކު އިންތިޒާރުކުރާ ”ލަވް އެންޑް ވޯރ“ ގައި ރަންބީރް ކަޕޫރު އަދި ވިކީ ކައުޝަލްއާ އެކުގައެވެ.

