ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ސިސްޓަމް؛ މުޅިން ފެއިލްވެފައި އޮތް ނިޒާމެއް؟

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި އަބަދުވެސް ކަންކަން ރަނގަޅު ނުކުރެވޭ ވާހަކަ ނުވަތަ ކޮރަޕްޝަންގެ ވިހަ އިންތިހާއަށް ބޮޑު ވާހަކަ އާއި ޝަރުއީ ކޯޓުތަކަށް ނުފޫޒު ފޯރުވާ ވާހަކައާއި އިންސާފް ގާއިމުކުރުމުގައި ކަންބޮޑުވާ މިންވަރަށް ލަސްތަކެއް ވަމުން އަންނަ ވާހަކަ އަބަދުވެސް ދެކެވެ. އަދިވެސް އެތައް ބައިވަރު މައްސަލަ ތަކުގެ މައްޗަށް ދެކެވެނީ އޭގެން އެއްވެސް ނަތީޖާއެއް ނުނިނުންނަ، ބަޔަކު ހިންހަމަ ޖައްސާލުމަށް ދެކެވޭ ވާހަކަތަކެވެ. ކޮންމެ ކަމަކާއި މެދުވެސް އާއްމު ރައްޔިތު މީހާ އިން ފެށިގެން ރައްޔިތުންގެ ކަންކަމުގައި އެންމެ ބޮޑު ޒިންމާ ނަގަންޖެހޭ ފަރާތަށް ޖެހެންދެންވެސް މިފަދަ މައްސަލަ ތަކުގެ މައްޗަށް ވާހަކަ ދައްކާ ހައްލު އޮތް ކަމަށް ބުނެއެވެ.

އެހެންނަމަވެސް ތެދު ހަގީގަތަތީ އެކަމަށް ހައްލު ތަކެއް ހުރި ނަމަވެސް އެމައްސަލަ ތަކަށް ހައްލެއް ފެންނާނެ ވަރުގެ މަސައްކަތެއް ކުރަން ކެރޭވަރުގެ ވެރިއެއްވެސް ނެތުމެވެ. ފުރަތަމަ ޝަރުއީ ކޯޓުތަކެވެ. އެއް ދައުރު ނިމި އަނެއް ދައުރަށް ދަތުރު ފަށާއިރު ޝަރުއީ ކޯޓުތައް މިނިވަން ކަމަށް ބުނެ ދައްކާ ”ދޮގު“ ވާހަކައިގައި އިރެއްގައި ބަޔަކު ޖެހުނަސް މިހާރު ނުޖެހޭނެއެވެ. މި ގައުމަކީ ނިކަމެތި މީހަށް އަބަދުވެސް ނިކަމެތި ގޮތް އަދި ”އަޑު ގަދަ“ މީހާއަށް ހެޔޮގޮތް އޮންނަ ގޮތަށް ކަން ހިނގާ ގައުމެކެވެ. ބަޔަކު މިކަމާއި ދެކޮޅު ހެދިސްޔަ ގަބޫލު ކުރަން ބޭނުން ނުވިއަސް އަދި ކަންތައްތަކެއް ބަދަލުވެއްޖެއޭ ބުނި ނަމަވެސް މި ހަގީގަތެއް ދޮގު ނުކުރެވޭނެއެވެ.

ކޮންމެ ވެރިކަމެއް ނިމުނަސް ފަހަރެއްގައި އިމާރާތެއްގެ ބޭރުގައި ލާފައި ހުރި ކުލަ ބަދަލުވެދާނެއެވެ. އެހެންނަމަވެސް އެތެރޭގައި އޮތް ސިސްޓަމް އޮތީ މީގެ އަހަރުތަކެއް ކުރިން ހަމަ އޮތް ހާލަތުގައެވެ. ޝަރުއީ ދާއިރާ ”ސިޔާސީ“ ނުފޫޒުން އެއްކިބާ ކުރެވޭނީ ހަމައެކަނި ޖޭއެސްސީގެ ކޮމްޕޮޒިޝަނަށް ބަދަލު ގެނައުމުން ކަމާމެދު ވިސްނޭނަމަ އަދި އުޅެވެނީ ވަރަށް ފަހަތުގައެވެ. ޝަރުއީ ދާއިރާގައި އޮތީ ހަމަ އެކަނި ސިޔާސީ ނުފޫޒުތޯއެ؟ އެހެން އެއްވެސް ދިމާލަކުން ކޯޓުތަކަށް އަތްބާނަ ޝަރީއަތްތައް ލަސްކޮށް އަވަސްކޮށް އަނބުރާ ބޭނުން ގޮތަކަށް ނުވަތަ ހިތު ހިރު ގޮތަކަށް އެކަން ކުރިއަށް ނުގެންދޭތޯއެ؟ ދެން ހަމަ އެކަނި ކްރިމިނަލް ކޯޓުގެ އާބާތުރަ ފިލުވާލުމަކުން މިކަމަށް ހައްލެއް ނުލިބޭނެއެވެ.

މި ރާއްޖޭގައި ސިސްޓަމް ފެއިލްވެފައިވާ މިންވަރަކީ ދުވާލު އެންމެންގެ ކުރިމަތީގައި ނުވަތަ މާލެ ކަމަށް ބަލާނަމަ އެންމެ ކާރޫބާރޫ ބޮޑު މަޖީދީ މަގުގައި ބަޔަކު ބޮޑު ހަމަނުޖެހުމެއް ހިންގި ނަމަވެސް އެތަނަށް ފުލުހުން އޭގެ 2 ނުވަތަ 3 ގަޑި އިރު ލަހުން ދިއުމެވެ. ތަންފީޒީ އިދާރާތައް މިއަދު ކަނު ބަނދެވިފައިވާ ފަދައިން ކުރިމަތީގައި ކުރާ ކުށްތައް ނުފެންނަ ކަމަށް ހަދައެވެ. ދާދި ފަހުން މަޝްވަރާ ކުރި ކަމަކަށް އަލި އަޅުވާލާނަމެވެ. ޖަލުގެ ތެރެއަށް ފޯނު ވައްދާ ކަމަށްބުނެ މެޓަލް ޑިޓެކްޓަރުވެސް ހަރުކޮށްފިއެވެ. ދެން އުފެދޭ ސުވާލަކީ ދުވަހަކުވެސް ޖަލުގެ ތެރެއަށް ފޯނު ނުވެއްދޭނެ ތޯއޭ؟ ޖަލުގެ ތެރެއަށް ފޯނު ވައްދާއިރު އެތަނުގައި ފޯރި މަރަން ހުންނަ ވެރިޔާ އިންނަނީ ނިދާފައިތޯ ނުވަތަ ހޭލައިތޯ ބެލުންވެސް އެއަށްވުރެ މުހިންމެވެ. ތަންފީޒީ އިދާރާތަކުގެ ބައެއް މީހުންގެ ޖީބަށް އެއްބައި ކަހާލައި އެކަން ތަހުގީގުކޮށް ފުރަތަމަ ކުރަނީ ސަސްޕެންޑު، ދެން އަލުން ކުރިން މަސައްކަތް ކުރި ގޮތަށް އޭނާއަށް އެ ފުރުސަތުދެއެވެ. ރައްޔިތުންނާއި ގައުމަށް ވަފާތެރި ބަޔަކު ކަމުގައިވާނެ ކަމަށް ބުނެ ކުރާ ދޮގު ހުވާގެ އަދަބަކީ ހަމައެއީތޯ؟

މިގައުމުގައި މިކަންކަމުގެ އިތުރަށް ދެންއޮންނަނީ ހަމައެކަނި ފެހި ފޮތުގައި ދެލި ކުރެވިފައިވާ މިނިވަން ކަމަށް ބުނާ މުވައްސަސާތަކެވެ. މިއަދު ގަނޫނީ ގޮތުން ބާރުދީފައި އޮތީ ކޮން އެއްޗެއްކަށް ކަމަށް ނޭންގޭވަރަށް ކޮންމެ މީހަކުވެސް ގާނޫނު ބަދަލު ކުރަން ވަރަށް މަސައްކަތް ކުރެވެއެވެ. ގާނޫނުގައި ހުރި ކުށް ފިލުވަން މަސައްކަތް ކުރާތާ 15 އަހަރަށްވުރެ ގިނަ ވެއްޖެއެވެ. ރަތް ފޮތަކާއި ނޫ ފޮތަކަށް އަމަލުކޮށް ފެހި ފޮތެއް އައި އިރުވެސް މިކަމަށް ހައްލެއްނައިތާއެވެ. ގާނޫނުގައި ހުރި ކުށް ފިލުވަން ބަޔަކު ވަރަށް މަސައްކަތްތަކެއް ކޮށް ބޮލުގެ އިސްތަށިގަނޑު ނުރަ ވީއިރުވެސް އެބުނާ ގައުމަށް ހެޔޮ ބަދަލު އަންނާނެ ނުވަތަ ކަންކަން ފަހި ކުރެވޭ ވަރުގެ ގާނޫނެއް ނުހެދުނެވެ. މިހާރު ސުވާލު އުފެދެނީ ހަމަ އަސްލަށްވެސް މައްސަލަ އުޅެނީ ގާނޫނުގައި ތޯ ނުވަތަ އެކަން އިސްލާހު ކުރަން އުޅޭ މީހުންގެތޯ!

ކޮރަޕްޝަންގެ ވާހަކަ ދައްކާއިރު އެބައިމީހުންނަކީވެސް މޫސުމަށް ހޭލައިއުޅޭ ބައެކެވެ. ބަހާރު މޫސުމަށް ނިދާލައިފައި ހަރީފު މޫސުން އައުމުން ވަރަށް ތެޅިފޮޅެއެވެ. ނިކުންނަ ނަތީޖާ އަކީ ހަމަ ސުމެކެވެ. ދެން އަނެއްކާވެސް ހޭލައިފައި ދައްކާލަނީ ކުރެވުނު މަދު މަސައްކަތުގެ 10 އިންސައްތަ ކުރި އެރި ވާހަކަ އެވެ. މި ސްޕީޑުގައި ދަތުރު ކުރާތާވެސް 5 އަހަރަށްވުރެ ގިނަ އަހަރު ވީއެވެ. ދައުލަތަށް ހޯދަންޖެހޭ 74 ލައްކަ ރުފިޔާގެ ތެރެއިން 2 ލައްކައެއްގެ ވާހަކަ މިހާރަކަށް އައިސް ސައިހޮޓާ ތަކުގައި ވެސް ދައްކައެވެ. ލިބުނީ ދުވަހަކު ބަޔަކަށް ނުލިބޭ ވަރުގެ ކުރިއެރުމެކެވެ.

މި ދައްކާލެވުނީ މިގައުގައި ހިނގާ ކަންކަމުގެގާތް ގަނޑަކަށް އެންމެ 2 އިންސައްތައެވެ. މިކަމާމެދު ލިޔެގެން ބަޔަކު ރަނގަޅުވާ ނަމަ މިއަދު މިހެން ލިޔަންވެސް ނުޖެހުނީހެއެވެ. ގައުމުގައި ހިނގާ ނޭދެވޭ ގޯސް އަމަލުތައް ރަނގަޅުވާނީ މި ގައުމުގެ ސިސްޓަމް ރަނގަޅުކޮށްގެންނެއެވެ. މިއީ ދެތިން މުވައްސަސާއަކަށް ބަދަލެއް ގެނެސްގެން ރަނގަޅުވާނެ ކަމެއް ނޫނެވެ. ވަޅުކަށްޓަފުޅި ދާންޏަކަށް ނުސިހޭނެޔޭ ބުނާ ފަދައިން މިހާރު ރައްޔިތުންނަށް މިގައުމުވެސް ހިނގާ ގޮތް އިނގެއެވެ. އެހެންކަމުން މިއަދު ރައްޔިތުން ތިބީ އެއްވެސް ކަމަކީ އާކަމެއް ކަމަށް ދެކިގެނެއް ނޫނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: