ދިވެހިރާއްޖެ ދަރަނީގެ ހާއްޔަކަށް ވެގެންދިއުމުގެ ޒިންމާ ނަގަންޖެހެނީ ކޮން ބައެއް ތޯ ރައްޔިތުންނާއި ސުވާލުކުރައްވާކަމަށް މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދު ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ރާއްޖޭގެ ދަރަނީގެ ހާލަތު ގޯސްވެގެންދިޔަ ސަބަބާއި ގުޅޭގޮތުން މުފީދު ވިދާޅުވީ، ކަންކަން ބަލައި ވިސްނާވަޑައިގަންނަވާ ބޭފުޅުންގެ ތެރެއިން މީހަކު ނަމަވެސް ދިވެހި ގައުމާއި ރައްޔިތުން އަދި ސަރުކާރު މި ތިންކަމާއިމެދު ވިސްނާލާފައިވޭތޯ ހިތަށް އަރާކަމަށެވެ.
މުފީދު ވިދާޅުވީ، އެ ސުވާލު އުފެއްދެނީ މަލްޓިޕާޓީ ޑިމޮކްރެސީއެއް ރާއްޖޭގައި އެކުލަވާލައި އަމަލުކުރަން ފެށިފަހުން ކޮންމެ ވެރިޔަކަވެސް ފައިބާ ވަޑައިގަންނަވާއިރު ވަރަށް ބައިވަރު ދަރަނިތަކެއް އުފައްދާފައިވާތީކަމަށެވެ. އޭނާ ވިދާޅުވީ، ވެރިކަން ނިމެނީ ރައްޔިތުންގެ ބޮލުގައި ގިނަ އަދަދެއްގެ ދަރަނި އެޅުވުމަށްފަހުކަމަށެވެ. އަދި ވިދާޅުވީ، ސަރުކާރަކީ ރައްޔިތުންގެ ބަލަދުވެރިއެއްކަމަށާއި ރައްޔިތުން ސަރުކާރެއް ވުޖޫދަށް ގެންނަނީ ދައުލަތެއްގެ ބަލަދުވެރިއެއްގެ ގޮތުގައިކަމަށެވެ.
މުފީދު ވިދާޅުވީ، މިކަންކަމާއިމެދު ދިވެހިރާއްޖޭގެ ރައްޔިތުންގެ ތެރޭގައި ކިހާވަރަކަށް ވިސްނާ ފިކުރު ކުރޭތޯ ހިތަށް އަރާކަމަށެވެ. އެ ސުވާލު އުފެއްދެނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ނިމުނު އިރުވެސް ވަރަށް ބޮޑު ދަރަންޏެއް އޮތުމުންކަމަށާއި، ރައީސް މުހައްމަދު ނަޝީދާއި ހިސާބުން ފެށިގެން މިކަމަށް ބަލާލާއިރު ހުރީ ހަމައެކަނި ސިޔާސީ ވިސްނުމެއްގައި ކުރި ކަންތައްކަމަަށް އޭނާ ވިދާޅުވި އެވެ.
މުފީދު ވިދާޅުވީ، ދަރަނި އަޅާ ކިޔާލަނީ ރައްޔިތުންނަށް ހެޔޮ ގޮތުގައި ކަންކަން ކުރެއްވުމުގައިކަމަށެވެ. އެގޮތުން ރައްޔިތުންނަށް ކަމެއް ކޮށްދިނުމުން އެކަމުގެ ލުއި ފަސޭހަތައް އެވަގުތަށް ލިބިގެންދިޔަނަމަވެސް ހަގީގަތުގައި އެއީ ގައުމަށްޓަކައި ނެގޭ އެންމެ ރަނގަޅު ޑިސިޝަން އަށް ނުވެ ހިނގައިދާނެކަމަށް ވިދާޅުވި އެވެ.
ހަމަ އެގޮތަށް ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގެ ދައުރުގައިވެސް މިފަދަ ކަންތައްތަކެއް ހުރިކަމަށް އިޝާރާތްކުރެއްވިއިރު އެކަންކަން ރައްޔިތުންނަށް ފަހުމްވަނީ އެތައް އަހަރެއް ފަހުންކަމަށް ހިއްސާކުރެއްވިއެވެ.
މުފީދު ވިދާޅުވީ، ކަންކަން އެނގިގެންދަނީ އެތައް އަހަރެއް ފަހުން އެ ދަރަނިތައް އަދާކުރުމުގެ ޒިންމާ ނަގާ ބައެއްގެ ފަރާތުންކަމަށެވެ. އޭނާ ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ޒައާމަތުގައިވެސް ދިވެހިރާއްޖެއަށް ބޮޑެތި ކުރިއެރުންތައް ގެނެސްދެއްވިކަމަށެވެ. އެއަށްފަހު މިއަދު މި ފެނިގެންދަނީ ރައީސް ޑރ މުހައްމަދު މުއިއްޒު ނިންމަވާފައިވާ ނިންމުންކަމަށާއި މި ގައުމު ދަރަނީގެ ހާއްޔަކަށް ވެގެްންދިއުމުގެ ޒިންމާ ނަގާނީ ކޮންބައެއް ތޯ މިއީ އޭނާ ކުރައްވާ ސުވާލެއް ކަމަށް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، މިއީ ރައްޔިތުންނާއި ކުރައްވާ ސުވާލެއްކަމަށާއި ދަރަނިވެރިވީ ކޮން ސަބަބާއި ގުޅިގެންތޯ ސުވާލުކުރެއްވިއެވެ.
މުފީދު ވިދާޅުވީ ކޮންމެ ރަށަކުންވެސް ތަރައްގީއާއި ތަހުޒީބީ ދިރިއުޅުމެއް ބޭނުންވާކަމަށެވެ. އަދި ބަނދަރާއި ފަޅާ މަގުތަކުގެ އިތުރުން އެެހެނިހެން ކުރިއެރުންތައް ހޯދަންވެސް ބޭނުންވާކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އިންސާނާގެ ސިކުނޑި މަސައްކަތްކުރާ މާދިއްޔަތުގެ ތެރެއިން ލިބޭ ކުރިއެރުންތަކަށް ފަހިކުރުމަށްކަމަށާއި އެހެންކަމުން ރައީސްއަކުވެސް މަސައްކަތްކުރައްވާނީ އެގޮތުގެ މަތިންކަމަށް ފާހަގަކުރެއްވިއެވެ.
މުފީދު ވިދާޅުވީ، ކުރީގެ ރައީސުންގެ ބޮލުގައި ކަންކަން ގޯސްވެގެންދިއުމުގެ ޒިންމާ އެޅިފައިވާކަމަށް ވިދާޅުނުވާނެކަމަށެވެ. އޭނާ ވިދާޅުވީ، ކުރީގެ ރައީސުން ކުށްވެރިވާކަމަށްވަންޏާ ރައްޔިތުންވެސް އެކަމުގައި ޝާމިލުވާންޖެހޭކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖެ ދަރަނީގެ ހާޔަކަށް ވެގެންދިޔައިރު މިކަމާއި ކަންބޮޑުވި އެކަކުވެސް ނެތްކަމަށާއި އެހެންކަމުން ރައީސް ޑރ މުއިއްޒު ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ނިންމެވުމަކީ ދިވެހިންނަށް ލިބިފައިވާ ފަހުރެއްކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެއީ ރައްޔިތުން ޝުކުރުވެރިވާންޖެހޭ ވަރުގެ ކަމެއްކަމަށެވެ.
ސަބަބަކީ ދިވެހިރާއްޖެއިން ބޭރުގެ ދަރަނީގެ ގޮތުގައި މިއަހަރާއި ކުރިއަށް އޮތް އަހަރުގެ އިތުރުންވެސް ގިނަ އަދަދެއްގެ ފައިސާ ދައްކަންޖެހިފައިވާކަމަށްވުމުން ކަމަށެވެ. އޭނާ ވިދާޅުވީ، 2026 އާއި ހިސާބުން ރާއްޖެއިން ދަރަނީގެ ގޮތުގައި އެއް ބިލިއަން ޑޮލަރު ދައްކަންޖެހޭކަމަށެވެ. އަދި އެތެރޭގެ ދަރަނީގެ ގޮތުގައިވެސް ގިނަ އަދަދެއްގެ ފައިސާ ދައްކަން ހުރިކަމަށް ވިދާޅުވިއެވެ.

