ތެލަށް ކުރާ ހަރަދާއި ދަރަނީގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ އަދަދުތައް ކުޑަކުރުމުން ދިވެހިރާއްޖޭގެ ރިޒާވަށް އެކަމުގެ ހެޔޮ އަސަރުތައް ކުރާނެކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިނިވަންދުވަހުގެ ޖަލްސާގައި ރައީސް ވިދާޅުވީ، ގައުމުގެ މިނިވަންކަން ޔަގީންކުރަންޏާ ބަލަންވީ ގާތަށް ނޫންކަމަށާއި ބަލަންވީ އުދަރެހުގެ އެންމެ ކޮޅަށްކަމަށެވެ. އަދި ދަރަނިންގެ ކުރިމަގަށްޓަކައި އިގްތިސާދު ހަރުދަނާގޮތެއްގައި ސިޔާދަތީ މިނިވަންކަމާއި ހިސާބަށް ގެންދެވޭނީ އޭރުންކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ވަރަށް ގިނަ މަސައްކަތްތައް އިގްތިސާދު ފުޅާކުރުމަށްޓަކައި ކުރެވިގެންދާނެކަމަށާއި ރާއްޖޭގައި ފުރަތަމަ ފަހަރަށް ބަންކަރިންގް ސާވިސް ފެށުމަށް ކުރިއަށް އޮތް މަހުގެ ތެރެއަށް ކަނޑައެޅިފައިވާކަމަށް ހާމަކުރެއްވިއެވެ. ރައީސް ވިދާޅުވީ، އަބަދު ދައްކާ ވާޙަކައެއްގެ ގޮތުއި ނުވެ، 2024 ގެ އޮގަސްޓު މަހުގެ ތެރޭގައި އެކަން ފެށިގެންދާނެކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އެ މަސައްކަތްތައް ފެށުމާއިއެކު ފުރަތަމަ އަހަރުގެ ތެރޭގައިވެސް ދިވެހިރާއްޖޭގެ ޖީޑީޕީއަށް 400 މިލިއަން ޑޮލަރު އިތުރުކޮށްދޭނެކަމަށާއި އެއީ އެންމެ އަހަރެއްގައި އިތުރުވެގެންދާނެ މިންވަރުކަމަށް ހިއްސާކުރެއްވިއެވެ.
ރައީސް ވިދާޅުވީ، އޭރުން ދަރަނި ކުޑަވެގެންދާނެކަމަށާއި އުފެއްދުންތެރިކަމާއި އަޅާ ބަލާއިރު ދަރަނި ދަށްވެގެންދިއުމުގެ އިތުރުިންވެސް ބޮޑެތި ފައިދާތައްވެގެންދާކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ބިޒްނަސް ޕްރޮފިޓް ޓެކްސްއިން ފައިދާތައް ލިބިގެންދާނެއިރު ވަޒީފާތައް އިތުރުވެގެންދިއުމުގެ މަންފާވެސް ހާސިލުވެގެންދާނެކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، އެމްޕީއެލް ފުޅާވެ ހަރުދަނާ ވެގެންދާނެކަމަށާއި ރައްޔިތުންނަށް އެކަމުގެ ފައިދާތައް ކުރާނެކަމަށްވުމުން ކުރެވެމުންދަނީ ފައިދާވަނިވި މަސައްކަތްތަކެއްކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ދައުލަތުގެ ރިޒާވަށް އަސަރުކުރަނީ ދެ ކަމަކުންކަމަށެވެ. އެގޮތުން އެއްކަމަކީ ދަރަނިކަމަށްވާއިރު ބަންކަރިންގެ ހިދުމަތްތަކާއިއެކު ދަރަނި ކުޑަކުރުމަށް ފަހިވެގެންދާނެކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އަނެއްކަމަކީ ތެލަށް ކުރާ ހަރަދުކަމަށާއި ރާއްޖޭގެ އިގްތިސާދީ ސިޔާދަތު ޔަގީންކުރަންޏާ ތެލަށް ކުރާ ހަރަދުތައް ކުޑަކުރަންޖެހޭކަމަށް ފާހަގަކުރެއްވިއެވެ.
އެމަނިކުފާނު ވިދާޅުވީ އަހަރެއްގެ މައްޗަށް 700 މިލިއަން ޑޮލަރާއި ގާތްކުރާ އަދަދެއްގެ ތެޔޮ ގަތުމަށް ހަރަދުކުރަންޖެހޭކަމަށްވުމުން އެކަން ހައްލުކުރުމުގެ ގޮތުން ސަރުކާރުންވަނީ ފުރަތަމަ ފަހަރަށް ސްޕެޝަލް އިކޮނޮމިކް ޒޯން ހުޅުވާލާފައިކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެކަން ފެށުމާއިއެކު އެންމެ ފުރަތަމަވެސް ލިބުނީ ސޯލާ ސިޓީއެއް ގާއިމުކުރުމަށް ޕްރޮޕޯސަލްއެއްކަމަށާއި މިހާރު ބަނޑޮސް ކައިރިން ފަޅެއް ހަމަޖައްސައި އެ މީހުންނާއިއެކު އެއްބަސްވުމަކާއި ހިސާބަށް ވާސިލުވެވިފައިވާކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ މަޝްރޫޢުގެ ދަށުން 100 މެގަވޮޓު ކަރަންޓު އުފައްދާނެއިރު، ގިރާވަރުވެސް ހިމެނޭހެން މުޅި މާލެ ސަރަހައްދަށް ބޭނުންވަނީ 160 ވަރަކަށް މެގަވޮޓުކަމަށްވުމުން 4 ވަރަކަށް އަހަރުގެ ތެރޭގައި މަސައްކަތްތައް ނިންމި ސްޓެލްކޯގެ ގްރިޑާއި ގުޅުވާލުމުން ނަތީޖާއެއްގެ ގޮތުގައި މިހާރު ތެލަށް ކުރާ ހަރަދު މި ފަސް އަހަރުގެ ތެރޭގައި ދެބައިކުޅަ އެއްބަޔަށް ކުޑަވެގެންދާނެކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެއީ މާލެ ސަރަހައްދުގެ ވާހަކަ ކަމަށާއި، ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބައި ދިރިއުޅެނީ މި ސަރަހައްދުގައިކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ދަރަނި ކުޑަކުރުމަށް ތެލަށް ކުރާ ހަރަދުކުޑަކުރުމުން ރާއްޖޭގެ ރިޒާވަށް ހެޔޮ އަސަރުކުރާނެކަމަށެވެ.

