ރާއްޖެއަކީ އާބާދީގެ ގޮތުން ބަލާއިރު ކުޑަ ގައުމެކެވެ. ނަމަވެސް މި ގައުމުގައި ކުށް ކުށަށް އަރައިގަތުން އޮތީ އާބާދީގެ ގޮތުންނާއި، އެހެން ގޮތް ގޮތުން ބެލި ނަމަވެސް އިންތިހާ ދަރަހައިޖަގައެވެ. މީގެ ތެރޭގައި ކުޑަ ކުދިން ކުށް ކުރުމުގައި ޝާމިލުވާ މިންވަރު އަންނަނީ ދުވަހުން ދުވަހަކަށް އިތުރުވަމުންނެވެ. ކުޑަ ކުދިން ހިމެނޭހެން، މީހުން މެރުމާއި، ގޭންގު މާރާމާރީއާއި އަދި ފޭރުމުގެ އިތުރުން ވައްކަމުގެ ކަންކަންވެސް މުޖުތަމައުގެ ތެރޭގައި ހިނގަމުން އަންނައިރު، މަސްތުވާތަކެތީގެ މައްސަލަތަކުގައި ވެސް ކުޑަ ކުދިން ހިއްސާވާ މިންވަރު މަދެއް ނޫނެވެ.
މިއީ ހަގީގަތުގައިވެސް މައްސަލައެކެވެ. ފިޔަވަޅު އަޅާ ވާހަކަ ދައްކަނީ ހަރުކަށި އަދަބު ދޭކަށް ނޫނެވެ. ނަމަވެސް އެ މީހަކު ދެން ކުށަށް އަރައިގަތުމާއި ދުރުކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުގައެވެ. އަދި އަނިޔާ ލިބުނު ފަރާތަށް އިންސާފު ހޯދައިދީ، އެމީހެއްގެ ހައްގުތައް ރައްކާތެރިކުރުމަށެވެ. ކުޑަކުދިން ބޭނުންކޮށްގެން ބޮޑެތި ކުށްތަކަށް އަރައިގަތުމާއި، އެ ކުދިން ލައްވާ ކުށްކުރުވާ ކަމީ ހަގީގަތެވެ.
ޒުވާން އުމުރުގައި ކުށް ކުށަށް އަރައިގަތް ނަމަވެސް، އެއިން ކޮންމެ ކުއްޖަކީވެސް އުޖާލާ މުސްތަގުބަލެއްގެ އުއްމީދެއް އޮތް ކުއްޖެކެވެ. އެ ކުދިން އެކަށީގެންވާ ގޮތެއްގައި ކުށްތަކާއި ދުރު ކުރެވިއްޖެނަމަ އެ ކުދިންގެ މުސްތަގުބަލު އުޖާލާ ކޮށްދެވިދާނެއެވެ. އެހެންކަމުން ކުށްތަކަށް އަރައިގަންނަ ކުދިންނަށް، ރަނގަޅު ދިރިއުޅުމެއްގެ އުއްމީދު އާލާ ކޮށްދިނުމަކީ އެ ކުދިންގެ މައްޗަށް ތިބި މީހުންގެ ޒިންމާއެކެވެ. އެހެން ނޫންނަމަ އަޅުގަނޑުމެންގެ ޒުވާން ޖީލު އެކީ ކުށުގެ ވެށީގެ ޝިކާރައަކަށްވެދާނެއެވެ.
މި މައްސަލައަށް މި ސަރުކާރުން ދެއްކި ހައްލަކީ ”ހޯޕް އައިލެންޑް“ އެވެ. ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ދަށުން ހިންގާ އިދާރާތައް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ދާޚިލީ ސަލާމަތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ ހޯޕް އައިލެންޑް ހެދުމަށްޓަކައި މިހާރު ކުރަމުންދަނީ އެތަނުގެ ޕްލޭނިންގެ މަސައްކަތްކަމަށެވެ. ވަޒީރު ވިދާޅުވީ، މި ރަށުގައި ތިބޭ ކުޑަކުދިންނަށް އަސާސީ ތަޢުލީމާއި ދީނީ ތަރުބިއްޔަތު ދެވޭނެ ކަމަށެވެ. އަދި ސައިކޯ ސޯޝަލް އިންޓަވެންޝަން ޕްރޮގުރާމު ނުވަތަ ތެރަޕީ ދިނުމުގެ ޕްރޮގުރާމުތަކާއި، ކޮންޓެކްޓް ސްޕޯޓްސް ޕްރޮގުރާމުތައްވެސް ކުދިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. މިކަމުގެ ނަތީޖާއަކަށް ވެގެންދާނީ ކުށުގެ މާޙައުލުގައި މިވަގުތު އުޅެމުންދާ ކުދިންނަށް ރަނގަޅު މާޙައުލެއް ލިބުންކަމަށާއި، އެކުދިންގެ ޙަޔާތަށް އައު އުންމީދެއް ލިބިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ހޯޕް އައިލެންޑަށް ގެންދާ ކުދިން އެތަނުގައި 18 އަހަރު ވަންދެން އެތަނުގައި އުޅެން ޖެހޭކަން ހާމަކޮށްފައިވާއިރު، އެއަށްފަހު ދިވެހި ފުލުހުން ނުވަތަ ދިވެހި ސިފައިންގެ ޚިދުމަތުން ކުރެ ތަނެއްގައި ވަކި މުއްދަތެއް ވަންދެން އެކުދިން ޚިދުމަތް ކުރަންޖެހޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. އެއަށްފަހު އެކުދިން ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިއުމަށް ފުރުޞަތު ދެވޭނެކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ވަޒީރު ވަނީ ޖިނާޢީ ކުށެއް ކޮށްގެން ކުޑަކުދިން ޒިންމާވާންޖެހޭ ޢުމުރު ކުޑަކުރުމުގެ މަސައްކަތް ފަށާފައިވާކަމަށްވެސް ވިދާޅުވެފައެވެ. ޖިނާޢީ ކުށެއްގެ ޒިންމާ ކުޑަކުއްޖަކު މިހާރު ނަގަންޖެހޭ ޢުމުރަކީ 15 އަހަރެވެ. ނަމަވެސް ޒިންމާ ނަގަންޖެހޭ ޢުމުރު 12 އަހަރަށް ކުޑަކުރަންޖެހޭކަމަށް މީގެ ކުރިން ވަޒީރު ވިދާޅުވެފައިވެއެވެ.
ކުއްޖަކަށްވީތީ އަދި އެކުއްޖާގެ މުސްތަގުބަލު އޮތީތީ ވިސްނުން މުހިންމު ކަންކަން އެބަހުރިއެވެ. އެގޮތުން އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދޭ ދައުލަތުގެ އިދާރާތަކާއި އެފަދަ ޚިދުމަތްދޭ އަމިއްލަ ފަރާތްތަކާއި، ޝަރުޢީ ކޯޓުތަކާއި، ދައުލަތުގެ އެނޫންވެސް މުއައްސަސާތައް ހިމެނޭ ގޮތުން، އެއްވެސް ފަރާތަކުން، މި ޤާނޫނުގެ ދަށުން ކުޑަކުއްޖަކާގުޅޭ ކަމެއް ނިންމުމުގައި އެންމެ ބޮޑު އިސްކަމެއް ދޭންވާނީ، އެކުއްޖާގެ މަޞްލަޙަތަށް އެންމެ ފައިދާވާ ގޮތަށް އެކަމެއް ނިންމުމަމަކީ މުހިންމުކަމެކެވެ.
މިކަން މިގޮތަށް އޮތް އިރު ”ހޯޕް އައިލެންޑް“ އަކީ މި ބައްޔަށް އޮތް އެންމެ ރަނގަޅު ބޭސްތޯ ސުވާލު އުފެދެއެވެ. ސަބަބަކީ އެތަނަށް ކުއްޖާ ދާ ހިސާބުން ވަކި ކަހަލަ ކުއްޖެއްގެ ގޮތުގައި ލޭބަލްވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އަދި އެ ރަށުން ދޭ ތައުލީމާއި، ތަމްރީނުތަކަށްފަހު ދެން އެ ކުއްޖާއަށް މުޖުތަމައުގައި އެހެން މީހުންނެކޭވެސް އެއްފަދައިން އުޅުމުގެ ފުރުސަތު ކިހާ މިންވަރަކަށް ލިބިގެންދާނެތޯ ސުވާލު އުފެދެއެވެ. މިފަދަ މަސައްކަތެއް ކުރާއިރު، މިއީ ތައްޔާރުވެ ދުރާލާ ފިޔަވަޅުތަކެއް އަޅާފައި ހުންނަން ޖެހޭ ކަންތައްތަކެވެ.
އެ ރަށަށް ގެންދަން ޖެހޭ ކުދިންނަކީ ކޮބައިކަން ދެނެގަތުމަށް ވަރަށް ފަރުވާތެރިކަމާއިއެކު، ރަނގަޅު އުސޫލުތަކެއް ކަނޑައެޅިފައި ހުންނަން ޖެހޭނެއެވެ. އެތަނުގައި މި ކުދިންނާއި ގުޅޭ ކަންކަން ކުރުމުގައި ހަރަކާތްތެރިވާނީ އެކަމަށް ބޭނުންވާ ތަމްރީނު ކިހާ މިންވަރަކަށް ލިބިގެން ތިބި ބައެއްކަންވެސް ސާފުވާން ޖެހެއެވެ. އަދި ކަންކަން ނުރަނގަޅު މަގުން ދާ ވަގުތެއްގައި އެކަން ދެނެގަތުމަށްޓަކައިވެސް ބަޔަކު ތިބުން މުހިންމެވެ. ނޫންނަމަ އަޅުގަނޑުމެންނަށް ދެން އިވޭނީ ކުދިންނަށް އިހުމާލުވާ ވާހަކަތަކެެވެ. އެހެންކަމުން މިފަދަ ކަންތައްތައްކަށް ފުރުސަތު ނުދީ މި މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދަން ޖެހެއެވެ.

