ބިދޭސީ މަސައްކަތްތެރިންގެ ވޯކް ޕާމިޓް ފީތައް ނުދައްކައިގެން އެ މައްސަލަ ބޮޑު ކުރާއިރު، އުސޫލުތައް ހަމަޖެހިފައި އޮތީ ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ފީ ދެއްކުމަށް ބޭނުންވާ ލިޔެކިއުން ފުރިހަމަ ކުރުމުގެ މެޑިކަލް ހެއްދޭ ގޮތަކަށް ނޫންކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ދެއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އައްބާސް ވިދާޅުވީ، ބިދޭސީންގެ މައްސަލަ މިއަދާއި ހަމައަށް ހައްލު ނުވެ އޮތީ ގާނޫނާއި ގަވައިދުތަކެއް ނެތުމުގެ ސަބަބުން ނޫންކަމަށެވެ. ގަނޫނުތައް ހުރެމެ، އެއްވެސް ސަރުކާރެއްގެ އިހުލާސްތެރިކަމެއް ނެތުމުގެ ސަބަބުން ގަވައިދާއި ހިލާފަށް ބިދޭސީންނަށް އުޅުމަށް ޖާގަ ތަނަވަސްވެފައިވާކަމަށް ވިދާޅުވި އެވެ.
އައްބާސް ވިދާޅުވީ ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާގެ ކޮންޓްރެކްޓަރުންނަށް ދިމާވާ މައްސަލަތައް އަޑުއަހައި އެކަން ހައްލުކޮށްދޭން އެއްވެސް މަސައްކަތެއް ކުރެވިފައި ނުވާކަމަށް އައްބާސް ވިދާޅުވި އެވެ.
ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅުއްވައިދެއްވި މެމްބަރުގެ ވާހަކައިން ބިދޭސީންގެ ސަބަބުން ގައުމަށް ބޮޑު އުނދަގުލަކަށްވައިވާކަމަށް ދޭހަވީނަމަވެސް އެ މީހުންގެ ސަބަބުން ގައުމުގެ އިގްތިސާދުވީ ރަނގަޅުކަމަށް އޭނާ ވިދާޅުވި އެވެ.
ބިދޭސީންގެ ސަބަބުން ގައުމުގެ އިގްތިސާދުވީ ރަނގަޅު… ދެހާސް ވަނަ އަހަރުގެ ކުރީކޮޅު ދިވެހިރާއްޖޭގައި ދިވެހިންގެ ތެރޭގައި ރާނާ، ސިމެންތި ޖަހާ، ވަޑާންކުރާ މަސައްކަތްތެރިން ތިއްބެއްކަމަކު މިއަދު މި ގައުމުގައި ރާނާ ސިމެންތި ޖަހާ، ވަޑާން ކުރާ މަސައްކަތްތެރިން އުފެދިގެންނެއް ނުދޭ.. ހާއްސަކޮށް ޒުވާން ޖީލުގެ ތެރޭގައި އެ ނިސްބަތް ވަރަށް މަދު..
ބިދޭސީންގެ ފީތަކާއި، ވޯކް ޕާމިޓު ނުދައްކާ ކުންފުނިތަކުގެ ލިސްޓެއް ދާދިފަހުން ސަރުކާރުން އާންމު ކުރިކަން ފާހަގަކޮށް އައްބާސް ވިދާޅުވީ ދައުލަތަށް މިހާ ގިނަދުވަސްވެ އެ ފައިސާ ނުލިބިވަނީ ކީއްވެގެން ތޯ ބަލަން ޖެހޭ ކަމަށެވެ. ކޮންސްޓްރަކްޝަން މަސައްކަތަށް ގެންނަ ގިނަ ބިދޭސީން އުޅެނީ އައްބާސް ވިދާޅުވި ގޮތުގައި އަލަށް ތަރައްގީ ކުރަމުންދާ ރިސޯޓުތަކުގައި ނުވަތަ އަތޮޅުތެރޭގައި ކުރިޔަށްދާ މަޝްރޫއުއެއްގެ މަސައްކަތުގަ އެވެ.
އައްބާސް ވިދާޅުވީ ވޯކްޕާމިޓް ނުދެއްކެނީ، އެ ބިދޭސީން ތިބޭ ސަރަހައްދެއްގައި މެޑިކަލް ނުވަތަ އިންޝުއަރެންސް ނުހެއްދޭ މައްސަލައިގެ ސަބަބުން ކަމަށެވެ. ބިދޭސީ މީހާގެ މެޑިކަލް ނެތި ކޯޓާ ފީ ބަލައިނުގަންނާތީ، ވޯކްޕާމިޓުތައް ދެއްކުމަށް ކުންފުނިތަކަށް ދަތިވެ އެކަން ވިޔަވާރިވެރިން ހިއްސާކޮށްފައިވާކަމަށް އައްބާސް ވިދާޅުވި އެވެ.
މީގެއިތުރުން މެޑިކަލްގެ މަރުހަލާތައް ފުރިހަމަ ކުރުމަށް، އެކި ސަރަހައްދުތަކުން ނަގާ ފީގެ ތަފާތުތަކެއް ހުރިއިރު ކުޑައަގެއްގައި އެކަން ކުރެވެން އޮއްވައި، ބައެއް ރަށްތަކުގައި ހާހުން ރުފިޔާ ނަގާކަމަށް އައްބާސް ވިދާޅުވި އެވެ.
އެހެންކަމުން މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި، ކޮންސްޓްރަކްޝަންގެ ކޮންޓްރެކްޓަރުންނަށް ލުއިތަކެއް ލިބޭނެކަމުގެ އުންމީދު ކުރައްވާކަމަށް އައްބާސް ވިދާޅުވި އެވެ.

