ކުރީ ސަރުކާރުން ޕަވަރ ސްޓޭޝަން އަޕްގްރޭޓު ކުރުމުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައި ވަނީ އެއްވެސް ކަހަލަ ޕްލޭނެއް ނެތިކަމަށް މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންވާރަމަންޓް އެންޑް އެނަރޖީ ތޯރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ފެނަކައާއި ހަވާލުކޮށްފައި ހުރި މަޝްރޫއުތައް ކުރިޔަށް ނުދާތީ އެކަމަށް ސުވާލު ކުރެއްވުމަށް މިއަދުގެ ޖަލްސާއަށް ހުށަހަޅުއްވާފައި ވަނީ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރެވެ. އަދި މިދިޔަ ދައުރުގައި ފެނަކައާއި ހަވާލު ކުރި އައު އިންޖީނުގެތައް އެޅުމުގެ މަސައްކަތް ވެރިކަން ބަދަލުވިފަހުން ހުއްޓިފައިވާކަމަށް މައުރޫފް ވިދާޅުވި އެވެ. އޭނާ ސުވާލު ކުރައްވާފައި ވަނީ، ދާއިރާގެ ޕަވަރ ހައުސްގެ މަސައްކަތް ނިމޭނެ ތާރީހަކާއި ގުޅޭގޮތުންނެވެ.
މިނިސްޓަރުގެ ޖަވާބުގައި ވިދާޅުވެފައި ވަނީ، ކެންދޫގެ މަޝްރޫއު 2021 ގައި ހަވާލު ކުރީ އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް ނަމަވެސް އެންވައިރޮމެންޓަލް އެސެސްމަންޓާއި މަސައްކަތުގެ ސްކޯޕަށް ބަދަލުތަކެއް އައުމުގެ ސަބަބުން މަސައްކަތް ފެށިއިރު ވެސް އެއް އަހަރުވެފައިވާކަމަށެވެ. އަދި މިދިޔަ ދައުރުގައި އެކި ފަހަރު މަތީން މުއްދަތުތައް އިތުރުކޮށްދީފައިވާކަމަށް ތޯރިގް ވިދާޅުވި އެވެ.
ޖަވާބަށް ފަހު ހުޅުވާލި ފުރުސަތުގައި މިދިޔަ ސަރުކާރުން ގިނަ މަޝްރޫއުތަކެއް ކުންފުނިތަކާއި ބޮޑުއަގުގައި ހަވާލުކޮށް ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން އެފަދަ ފަރާތްތަކުގެ އަތުން ޕްރޮޖެކްޓު ނަގައި ފިޔަވަޅު އެޅޭނެ ގޮތެއް އެބައޮތްތޯ ސުވާލު ކުރައްވާފައި ވަނީ މުސްތަފާ އެވެ.
ޖަވާބުގައި ތޯރިގު ވިދާޅުވީ ރާއްޖޭގެ އެކި ރަށްތަކުގައި ވަރަށް ގިނަ ޕްރޮޖެކްޓުތައް ފެނަކައާއި ހަވާލުކޮށް ކުރިޔަށް ނުގޮސް މަޑުޖެހިފައި އެބަހުރިކަމަށެވެ. ބައެއް ރަށްތަކުގައި މިދިޔަ ސަރުކާރުގައި އެ ކުންފުނިން މަސައްކަތްތައް ކުރިޔަށް ގެންގޮސްފައި ވަނީ ތޯރިގު ވިދާޅުވި ގޮތުގައި އެއްވެސް މިންވަރަކަށް ސަބްސިޑައިޒް ކުރެވިގެން ނޫނެވެ.
އެއީ ބައެއް ރަށްތަކުގައި، މި ދެންނެވިހެން އެއްވެސް ގޮތަކަށް ޕްރައިވަޓައިޒްކޮށްގެންނެއް ނޫން މި މަސައްކަތްތައްކޮށްފައި ހުރީ.. އެހެންވީމަ އަޅުގަނޑު ދަންނަވާލާނީ، އެންމެ ބޮޑެތި.. އެންމެ އާބާދީ ބޮޑެތި، އެންމެ ބޮޑެތި ރަށްތަކުގައި ވެސް ހުރީ އެ ރަށްރަށަށް ބޭނުންވާ ހާއްސަކޮށް ކަރަންޓަށް ނުވަތަ ޕަވަރ ސިސްޓަމަށް ބޭނުންވާ މަސައްކަތްތަށް ބަކި ހިސާބަކަށް ގޮސް ހުއްޓިފައި..
މަސައްކަތް ހުއްޓިފައިވާ ރަށްތަކުގެ ތެރޭގައި އައްޑޫ، ފުވައްމުލައް އަދި ތިނަދޫ އާއި ކުޅުދުއްފުށި ހިމެނޭކަމަށް ތޯރިގް ވިދާޅުވި އެވެ. އަދި ކުރީ ސަރުކާރުން ޕަވަރ ސްޓޭޝަން އަޕްގްރޭޓު ކުރުމުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައި ވަނީ އެއްވެސް ކަހަލަ ޕްލޭނެއް ނެތިކަމަށް ތޯރިގް ވިދާޅުވި އެވެ.
ތޯރިގް ވިދާޅުވީ މިއަދުގެ ސަރުކާރަށް ހިދުމަތް ދިނުމުގައި ދިމާވެފައިވާ ގޮންޖެހުމަކީ މިދިޔަ ފަސް އަހަރުވެފައިވާ އިހުމާލުތައްކަމަށެވެ. އެހެންކަމުން މިހާރު ސަރުކާރުން ދަނީ ދެމެހެއްޓެނިވި ގޮތަކަށް ރައްޔިތުންނަށް ހިދުމަތް ދެވޭނެ ގޮތްތަކެއް ހޯދުމުގެ މަސައްކަތް ކުރަމުންކަމަށް ރިފާއު ވިދާޅުވި އެވެ.

