ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބްލޮގަރު ޔާމީން މަރާލި މައްސަލާގައި ދެ މީހަކު އުމުރަށް ޖަލަށްލާން ކުރި ހުކުމް ރަނގަޅު: ދައުލަތް

ޝެއާރކޮށްލާ ކަހަލަދޯ؟

ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލާގައި ދެ މީހަކު އުމުރަށް ޖަލަށްލާން ކުރި ހުކުމް ރަނގަޅު ކަމަށް ހައި ކޯޓުގައި ދައުލަތުން ބުނެފިއެވެ.

ޔާމީން ދިރިއުޅުނު ގޭގެ ސިޑިގޮޅި ތެރޭގައި އޭޕްރީލް 2017 ގައި ތޫނު އެއްޗަކުން ހަމަލާދީ އޭނާ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ ހަސަން ޝިފާޒްގެ އިތުރުން މ. ތާއިފް އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ. އޭގެ ތެރެއިން ކުށް ސާބިތުވެ، އުމުރު ދުވަހުގެ ޖަލު ހުކުމެއް 2022 ވަނަ އަހަރު ކްރިމިނަލް ކޯޓުން އިއްވީ ހައިޝަމާއި ޒިހާންގެ މައްޗަށެވެ.

އެ މައްސަލަ އެ ދެ މީހުންގެ ފަރާތުން އިސްތިއުނާފް ކުރުމުން މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ އެ ދެ މީހުންނާ ދެކޮޅަށް ދަށު ކޯޓުގައި ހެކިބަސް ދިނީ އެކަމުގައި ބައިވެރިވި މީހެއް ކަމަށް ތުހުމަތު ކުރިޔަސް، އެ މީހުންގެ ހެކިބަހުގައި އެފަދަ ކަމެއް ފާހަގަނުވާ ކަމަށެވެ. އަދި އެކަން ދަށު ކޯޓުން ވެސް ފާހަގަ ކޮށްފައިވާ ކަމަށާއި އެހެންވެ، އެ މީހުން ހެކިބަސް ދިނުން މަނާވާ ހާލަތްތަކެއް އެ މައްސަލާގައި ފެންނަން ނެތް ކަމަށް ވެސް ދައުލަތުން ބުންޏެވެ.

ދައުލަތުން ބުނެފައިވަނީ ޔާމީން ދިރިއުޅުނު ގޭގެ ސިޑި ގޮޅީގައި ހުރި ކެމެރާ އަނބުރާލާ މަންޒަރު ވީޑިއޯތަކުން ފެންނަކަމަށާއި އެ ކެމެރާ ބޭރުން ނެގި ފިންގަޕްރިންޓާއި ހައިޝަމްގެ ފިންގަޕްރިންޓް ދިމާވާ ކަމަށެވެ. އަދި ފިންގަޕްރިންޓް ނެގުމަށް އަމަލުކުރި އިޖުރާތާ މެދު ދަށު ކޯޓުގައި ސުވާލު އުފެއްދި ނަމަވެސް އެކަން ހިނގި ގޮތް ދަށު ކޯޓުން ބެލި ކަމަށާއި އަދި ފިންގަޕްރިންޓްގެ ސައްހަކަމާ މެދު ސުވާލެއް ނެތް ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ވީޑިއޯ އެނާލިސިސް ރިޕޯޓް ތައްޔާރުކުރި ފުލުހުންގެ ހެކިބަހާ މެދު ދިފާއީ ވަކީލުން ސުވާލު އުފެއްދިޔަސް އެ ފުލުސް މީހާ ފުލުހުންގެ އިދާރާގެ މަސައްކަތް ކުރުމަކީ އޭނާގެ ބަސް ގަބޫލު ނުކުރެވޭނެ ސަބަބެއް ނޫން ކަމަށް ވެސް ދައުލަތުން ވަނީ ބުނެފައެވެ. އެހެންކަމުން ދައުލަތުން އެދުނީ ހައިޝަމާއި ޒިހާން ޖަލަށްލާން ކުރި ހުކުމަށް ތާއީދުކޮށް ދިނުމަށެވެ. އެ މައްސަލާގެ އިތުރު އަޑުއެހުމެއް ފަހުން ބާއްވާނެ ކަން ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވިއެވެ.

ހައި ކޯޓުން އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އާއި ފަނޑިޔާރު އަބްދުލްމާނިއު ހުސައިނެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝަފީއުއެވެ. އެ މައްސަލާގައި ދެން ތިބި މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ދަށު ކޯޓުން ހުކުމް ކުރިއިރު އޭގެ ތެރެއިން އިސްމާއިލް ރަޝީދާއި ދިފްރާންގެ ބައި ދައުލަތުން އޮތީ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ.

މި މައްސަލައިގައި 2022 ވަނަ އަހަރު ޔާމީންގެ މަރަށް ފަސް އަހަރު ވީއިރު މައްސަލައިގެ ތަހުގީގު އެކަށީގެންވާ ގޮތެއްގައި ކުރިޔަށް ގެންދެވިފައި ނުވާކަން ފާހަގަކޮށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން އާއްމު ކުރި ބަޔާނެއް އާއްމުކޮށް އިންސާފް ގާއިމްކޮށް ދިނުމަށް ވަނީ ސަރުކާރަށް ގޮވާލައިފައެވެ. އަދި ރަނގަޅު މިންގަންޑަކަށް ކުރަންޖެހޭ ތަހުގީގުތައްކޮށް ޝަރުއީ މަރުހަލާގެ ދަށުން މިފަދަ އަމަލެއް ހިންގުވުމަށް ފަންޑު ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ފިޔަވަޅު އަޅައިދޭން ތަކުރާރުކޮށް ގޮވާލާ ކަމަށެެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: