މީގެ ކުރީގެ ސަރުކާރުތަކުން ގައުމުގެ ކުރިމަގަށް ވިސްނައި، ދައުލަތުގެ ހަރަދު ކުޑަކުރުމަށް އެއްވެސް ވަރަކަށް މަސައްކަތްކޮށްފައި ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ނާޒިމް މިފަދައިން ވިދާޅުވީ، ޕީއެންސީގެ ހަރުގޭގައި ކުރިޔަށް ދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ގައުމެއްގެ ކުރިމަގަށް އެންމެ މުހިންމުކަމަކީ، ނާޒިމް ވިދާޅުވި ގޮތުގައި އިގްތިސާދީ މިނިވަންކަމެވެ. އަދި ގައުމުގެ އިސްލާހުގެ މަގަށް މަސައްކަތް ކުރުމުގައި، އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް އެޅުމަށް ރައީސް ތައްޔާރުކަން އެމަނިކުފާނު އެންމެ ފަހުން ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކައިގެން އެނިގެން ދިޔަކަމަށް ނާޒިމް އެވެ.
ނާޒިމް ވިދާޅުވީ ގައުމުގެ ހައްގުގައި ކުރާ މަސައްކަތުގައި، އެ މީހަކީ ކާކުތޯ ބެލުމެއް ނެތްކަން ރައީސް އެރޭގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުން ސާފުވާކަމަށެވެ. އެގޮތުން މީގެ ކުރިން އެއްވެސް ވެރިކަމެއްގައި، އަތްލާން ނުކެރިފައި ތިބި އެތައް މައްސަލައެއް ބަލައި އެކަމުގެ އަޑި ހޯދަން ސަރުކާރުން ފަށާފައިވާކަމަށް ނާޒިމް ވިދާޅުވި އެވެ.
މިސާލެއްގެ ގޮތުގައި ނާޒިމް ފާހަގަކުރެއްވީ، ޒަމާންވެ ހައްލު ނުވެ އޮތް ބިދޭސީންގެ މައްސަލަ އެވެ. ރާއްޖޭގައި ގަވައިދާއި ހިލާފަށް އުޅޭ ބިދޭސީން ހޯދައި، އެ މީހުން ފުރުވާލުމުގެ މަސައްކަތް ސަރުކާރުން ކުރިޔަށް ގެންދަނީ ކާމިޔާބުކަމާއި އެކުކަމަށް ނާޒިމް ވިދާޅުވި އެވެ.
މީގެއިތުރުން ނާޒިމް ވިދާޅުވީ، ސަރުކާރުތަކުން މީގެ ކުރިން ހަރަދު ކުޑަކުރުމުގެ ނަޒަރަކުން ވިސްނާފައި ނެތްކަމަށެވެ. އެކަމަކު މި ސަރުކާރުގެ ޕްލޭންތައް އެކުލަވާލައި، އަޅާ އެއްވެސް ފިޔަވަޅަކުން ރައްޔިތުންނަށް ލިބޭނެ އެއްވެސް ގެއްލުމެއް ނެތްކަމަށް ނާޒިމް ވިދާޅުވި އެވެ.
ހަރަދު ކުޑަކުރުމަށް އަޅުގަނޑުމެން ފިޔަވަޅު އަޅަން ޖެހިފައި ވިޔަސް.. ރައްޔިތުންގެ ތެރެއިން އެ ބޭނުން ޖެހިފައިތިބި އެއްވެސް ބަޔަކަށް އެކަމުގެ އަސަރެއް ނުކުރާނެ..
ނާޒިމް ވިދާޅުވީ މަޖިލީހުގެ ކޮމިޓީތަކުގައި ކުރިޔަށް ގެންދާ ބައްދަލުވުންތަކުގައި ކަންބޮޑުވާ ވަރަށް ގިނަ ކަންކަން ފެންމަތިވެފައިވާކަމަށެވެ. އެގޮތުން ކުރީ ސަރުކާރުން އާސަންދައިގެ ނުދައްކާ ހުރި ފީގެ އަދަދު އެއް ބިލިއަނަށް އަރާކަމަށް ނާޒިމް ވަނީ ވިދާޅުވެފަ އެވެ.
މި ސަރުކާރުން ވެރިކަމަށް އައިސް އެ ބިލުތައް ދެއްކިއިރު ވެސް، އާސަންދައިގެ އެއްވެސް ދަތިކަމެއް ރައްޔިތުންނަށް ދިމާވެފައި ނުވާނެކަމަށް ނާޒިމް ވިދާޅުވި އެވެ.

