މި ދުވަސްވަރު، އިނގިރޭސިވިލާތުގައި ހިނގަމުން ދާ ހަމަނުޖެހުންތަކުގެ މައްސަލައިގައި އެ ގައުމަށް ދަތުރު ކުރުމުގައި ސަމާލުވުމަށް ފޮރިން މިނިސްޓްރީން އެދިއްޖެ އެވެ.
އެ މިނިސްޓްރީން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ، އިނގިރޭސިވިލާތުގެ ހުޅަނގު އުތުރުގައި ހިމެނޭ ސައުތު ޕޯޓްގައި ކުޑަކުދިން ނެށުމަށާއި ޔޯގާ ދަސްކޮށް ދޭ ކުލާހަކަށް ވަދެ ވަޅިން ހަމަލާ ދިން މައްސަލައެއް ގޯސްވެ މުސްލިމުންނާއި ދެކޮޅަށް ސިލްސިލާ މުޒާހަރާތަކެއް ފަށާފައިވާކަމަށެވެ. މި ހަރަކާތްތައް އެ ގައުމުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން ގާތުން ބަލަމުން ގެންދާކަމަށް މިނިސްޓްރީން ބުންޏެވެ.
ވަޅިން ހަމަލާ ދިން މައްސަލައިގައި މަރުވެފައި ވަނީ އުމުރުން ހަ އަހަރާއި ހަތް އަހަރު އަދި ނުވަ އަހަރުގެ ކުއްޖެކެވެ.
ފޮރިން މިނިސްޓްރީން ވަނީ، އިނގިރޭސިވިލާތުގެ ސައުތް ޕޯޓާއި އެތަނުގެ ވަށައިގެންވާ ސަރަހައްދުތަކުގައި އުޅެމުން ދާ ދިވެހިން ސަމާލުވުމަށް އެދިފަ އެވެ. އަދި އެ ގައުމަށް ދަތުރު ކުރުމުގައި ސަމާލުވެ، އެ ސަރަހައްދުތަކަށް ދިއުމުގައި ވެސް ރައްކާތެރިކަމަށް ބެލުމަށް އެދިފަ އެވެ.
މިނިސްޓްރީން ބުނެފައި ވަނީ މި ހަރަކާތްތަކާއި ގުޅުވައި އެއްވެސް ދިވެއްސަކަށް އުނދަގޫތަކެއް ވާނަމަ އެކަން ރިޕޯޓު ކުރަން އެދޭ ކަމަށެވެ. މިނިސްޓްރީން އެދެނީ ހުރިހާ ރައްޔިތުން ވެސް ރަނގަޅަށް ފަރުވާތެެރިވެ ތިނުމަށްކަމާށާއި އެ ގައުމުގައި ހިނގަމުން ދާ ކަންކަން ގާތުން ބަލަމުންދާކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މީގެއިތުރުން އަމާންކަން ގެއްލިފައިވާ ސަރަހައްދުތަކާއި ދުރުވެ އެ ގައުމުގެ ކަމާއި ބެހޭ ފަރާތްތަކުގެ އެންގުންތަކަށް ސަމާލުވުމަށް ވެސް މިނިސްޓްރީން އިލްތިމާސް ކުރި އެވެ.

