ޗައިނާއާއި އެކު ރާއްޖެއިން އެއްބަސްވެފައިވާ ފްރީ ޓްރޭޑް އެގްރީމެންޓަށް އަމަލުކުރަން ފެށިގެން ދިޔުމަކީ ގިނަފައިދާތަކެއް ލިބޭނެކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބް ވިދަޅުވެއްޖެ އެވެ.
ތިން ގައުމަކާއިއެކު ފްރީޓްރޭޑް އެެއްބަސްވުން ގާއިމުކުރުމުގެ މަސައްކަތްތައް ކުރަމުންދާކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ މިނިވަން ދުވަހުގެ ހާއްސަ ޖަލްސާގައި އިއުލާނު ކުރައްވާފަ އެވެ. ސެޕްޓެމްބަރު މަހު ޗައިނާއާއިއެކު ފްރީ ޓްރޭޑް އެއްބަސްވުމަށް ވެސް އަމަލުކުރަން ފެށޭނެކަމަށާއި މިހާރު ކުރިއަށް ދަނީ ގާނޫނީ މަރުހަލާގެ މަސައްކަތްތައްކަމަށް އެމަނިކުފާނު އެރޭގެ ޖަލްސާގައި ވިދާޅުވި އެވެ.
އޭގެ ފަހުން މިނިސްޓަރ މުއްތަލިބު އެންމެ ފަހުން ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ގައުމަށް ވަޑައިގެން އެކުލަވާލި އެއްބަސްވުންތަކުގެ މަޝްވަރާތައް ކުރިޔަށް ގެންދަވާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ މާލޭގެ ސަރަހައްދުގެ މަގުތައް ތަރައްގީ ކުރުމަށްޓަކައި ޗައިނާއާއި ދިެވހި ސަރުކާރާއި ދެމެދުވެފައިވާ އެއްބަސްވުމާއި، ވިލިމާލެ ހޮސްޕިޓަލް ތަރައްގީގެ މަޝްރޫއުއެވެ. މިނިސްޓަރ ވިދާޅުވީ މި މަޝްރޫއުތަކުގެ ފީސިބިލިޓީއާއި، ޑިޒައިންތަކުގެ މަސައްކަތް ކުރާ ޓީމުތައް ވެސް ވަރަށް އަވަހަށް ރާއްޖެ އަންނާނެ ކަމަށެވެ.
ޗައިނާއައި އެކު ގާއިމު ކުރި 30،000 ހައުސިން ޔުނިޓުގެ ޕްރޮޖެކްޓަށް މިނިސްޓަރ ވިދާޅުވީ އެ އެއްބަސްވުމުގައި ހިމެނޭ ކަންތަކުގެ ތެރެއިން ޔުނިޓުތައް އެޅުމަށް މަސައްކަތް ކުރެވޭނީ ކޮން ގޮތަކުން ތޯ ބަލައި އެކަން ހިއްސާ ކުރެއްވިކަމަށެވެ. އަދި އެ ޕްރޮޖެކްޓުތެ ފުރަތަމަ ޕްރޮޕޯސަލް ހުށަހަޅާފައިވާއިރު އުންމީދަކީ ފޭސްތަކަކަށް ބާހަލައިގެން ކުރިޔަށް އޮތް ފަސް އަހަރުގެ ތެރޭގައި ހައުސިން ޔުނިޓުގެ މަސައްކަތް ކާމިޔާބު ކުރެވުންކަން ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން ޗައިނާއާއި އެކު ރާއްޖެއިން އެއްބަސްވެފައިވާ ފްރީ ޓްރޭޑް އެގްރީމެންޓަށް އަމަލުކުރަން ފެށިގެން ދިޔުމަކީ ގިނަފައިދާތަކެއް ލިބޭނެ ކަމެއްކަންވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. ސަބަބަކީ ރާއްޖޭގެ މުހިއްމު ސިނާއަތްތަށް ކަމަށްވާ މަސްވެރިކަމާއި މަސްވެރިކަމާ ގުޅުން ހުރި އެހެން ސިނާއަތްތައް ތަރައްގީވެގެން ދިޔުމަށް މަގުފަހިފިވުމާއި, ރާއްޖެއިން އެއްޗެހި ޗައިނާއަށް ޒީރޯ ޓެރިފްގައި ބޭރު ކުރެވި، ބޭރު ފައިސާ އިތުރަށް ލިބުމަށް މަގުފަހިވާންފެށުމެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ ސެޕްޓެމްބަރު މަސް އަންނަން ވާއިރަށް، މިކަމަށް ރައްޔިތުންގެ މަޖިލިހުގެ ތެރެއިން ހަދަން ޖެހޭ ޤާނޫނުތައް އިމްޕްލިމެންޓުކުރަން ފެށޭނެކަމަށެވެ. އަދި ސެޕްޓެމްބަރު ނިމޭ ހިސާބަށް ޢަމަލުކުރަންފެށިގެންދާނެކަމަށެވެ.
މިނިވަން ދުވަހުގެ ޖަލްސާގައި ރައީސް ވިދާޅުވީ، އެކަމާއިއެކު ދިވެހި ވިޔަފާރިވެރިންނަށް ޗައިނާއާއި ދެމެދު ވިޔަފާރިކުރުމަށްޓަކައި މަސްވެރިކަމުގެ 298 ބާވަތަކުން ޑިއުޓީ ފްރީވެގެންދާކަމަށާއި ޖުމުލަކޮށް 7897 އައިޓަމެއް 9 ދާއިރާއަކަށް ބެހޭގޮތަށް ޑިއުޓީ މާފުވެގެންދާނެކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިކަމަކީ ފަރުދީ ލެވެލްއެއްގައި ކުންފުނިތަކަށް ލިބޭ ވަރަށް ބޮޑު ފުރުސަތެއްކަމަށާއި ތުރުކީއާއިއެކުވެސް މިފަދަ އެއްބަސްވުމެއް އެކުލަވާލުމުގެ މަސައަކަތްތައް ކުރިއަށް ދާކަން ހާމަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، ސަރުކާރުންދަނީ ޗައިނާ އާއި އިންޑިއާ އާއިއެކު ކަރަންސީ ސްވަޕް އެއްބަސްވުމެއް ގާއިމުކުރުމުގެ މަސައްކަތްތައްވެސް ކުރަމުންދާ މަށެވެ. އެހެންކަމުން ހުރިހާ ގައުމަކަށްވެސް އިގްތިސާދީ ގޮތުން ކުރިއެރުންތައް ލިބިގެންދާނެކަމަށް ފާހަގަކުރެއްވިއިރު އެމަނިކުފާނުވަނީ އެކަމުގެ ސަބަބުން ޑޮލަރުގައި ނުޖެހި ވިޔަފާރިކުރުމުގެ ފުރުސަތު ފަހިވެގެންދާކަމަށްވެސް ވިދާޅުވެފައެވެ.

