ޖިނާއީ ކުދިކުދި މައްސަލަތަކުގައި ހިމެނޭ ބިދޭސީން ހިފަހައްޓައި އެ މީހުން ޑީޕޯޓުކޮށް ފޮނުވާލުމަށް މީގެ ކުރިން ސަމާލުކަމެއް ދީފައި ނެތްކަމަށް ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު ޝައްމާން ވަހީދު ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ”ސަރުކާރު“ ޕްރޮގްރާމުގައި ޝައްމާން ވިދާޅުވީ ޖިނާއި މައްސަލައެއްގައި ޝާމިލުވާ ބިދޭސީންގެ މައްސަލަތަކަށް އެޓެންޑުވެ ތަހުގީގެ ފުރަތަމަ މަރުހަލާގައި ޝާމިލުވާނީ ފުލުހުން ކަމަށެވެ. އަދި އެފަދަ މައްސަލައެއްގެ ތަހުގީގެއް ނިމި، ގަވައިދާއި ހިލާފަށް އުޅެމުންދާ ބިދޭސީންގެ ޝަކުވާތައް ފުލުހުން ހުށަހެޅުމުން އިމިގްރޭޝަންގެ މަސައްކަތްތައް އެހާ ހިސާބުން ފެށޭކަމަށް ޝައްމާން ވިދާޅުވި އެވެ.
ޝައްމާން ވިދާޅުވީ ވިސާތަކާއި ހިލާފަށް ބައެއް ބިދޭސީން ވިޔަފާރިކޮށް މަސައްކަތް ކުރަމުން ދާތީ އެފަދަ މީހުން ފުލުހުންގެ މުވައްސަސާއިން ހަވާލު ކުރާކަމަށެވެ. ގާނޫނާއި ހިލާފު ކޮންމެ ކުށެއްގައި ވެސް ބައިވެރިވާ މީހަކަށް އިތުރު ފުރުސަތެއް ނެތި އެ މީހުން ވަގުތުން ޑީޕޯޓު ކުރެވޭކަމަށް ޝައްމާން ވިދާޅުވި އެވެ.
މާލޭގައި އެންމެ ފަހުން ހިނގި މާރާމާރީއެއްގައި ޝާމިލުވި ހަ ބިދޭސީއެއް ފުލުހުން އިމިގްރޭޝަނަށް ހަވާލުކޮށްފައިވާކަން ހާމަކުރައްވައި ޝައްމާން ވިދާޅުވީ މިހާރު ކުރިޔަށް ދަނީ އެ މީހުން ފުރުވާލުމުގެ މަސައްކަތްތައް ކަމަށެވެ. އެ މީހުން ފޮނުވާލާނީ، ޑީޕޯޓުކޮށް އަނބުރާ ރާއްޖެ އެތެރެ ނުވެވޭ ގޮތަށްކަމަށް ކޮމިޝަނަރ ވިދާޅުވި އެވެ.
މާރާމާރީގެ މައްސަލަތަކާއި، އެ ނޫން ވެސް ޖިނާއީ ކުދިކުދި ކުށްތަކުގައި ބިދޭސީން އުޅެމުން ދާއިރު މީގެ ކުރިން އޮތީ އެކަމަށް އަޅާނުލައި ދޫކޮށްލެވިފައިކަމަށް ޝައްމާން ވިދާޅުވި އެވެ. ގާނޫނާއި ގަވައިދުތަކާއި ހިލާފަށް، އެކި ގޮތްގޮތުން އުޅޭ ބިދޭސީންތައް ފާހަގަކުރެވޭ ނަމަ އެފަދަ މީހުން ހޯދައި ޑީޕޯޓު ކުރާނެކަމަށް ޝައްމާން ވިދާޅުވި އެވެ. އެއީ އެއްވެސް ބަޔަކަށް، ގާނޫނާއި ގަވައިދުތަކަށް ގޮންޖެހުމުގެ ފުރުސަތު ދެވެން ނެތުމުންކަމަށް ޝައްމާން ވިދާޅުވި އެވެ.
މީގެކުރިން، ތި ވިދާޅުވިހެން ވަރަށް ބޮޑަށް އަޅާނުލެވި އޮތްކަމެއް މިއީ… ދިވެހިރާއްޖޭގެ އާންމު މަސްލަހަތު ގެއްލޭ ގޮތަށް ބިދޭސީން އަމަލު ކުރަމުން ދާއިރު ވެސް އެކަމީ އެންމެ އެކަށޭނެ ފިޔަވަޅުތަކެއް އެޅިފައި ނުވާ މައްސަލަތަކެއްކަމަށް އަޅުގަނޑަށް ވެސް ފާހަގަކުރެވެނީ.. އެހެން ނަމަވެސް އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ބިދޭސީންނަށް އަދި ހާއްސަކޮށް، ދިވެހިރާއްޖޭގައި ހަދާފައިވާ ގާނޫނުތަކަށް ގަވައިދުތަކަށް ގޮންޖެހުމުގެ ފުރުސަތެއް ނުދެވޭނެ.. އެފަދަ މީހުން ފާހަގަކުރެވޭނަމަ، އެ މީހުން ފުރުވާލެވޭނެ
ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން، ގަވައިދާއި ހިލާފަށް އުޅޭ މީހުން ހޯދައި އެ މީހުން ފުރުވާލުމުގެ މަސައްކަތުގެ ތެރެއިން މިހާތަމަށް ދެހާހަށް ވުރެ ގިނަ މީހުން ހިފަހައްޓާފައި ވެއެވެ. އަދި ގަވައިދާއި ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ގިނައިރު ފަހަކަށް އައިސް ޖިނާއީ މައްސަލަތަކުގައި ބިދޭސިން ޝަމިލުވާ މިންވަރު ވަނީ އިތުރުވެފަ އެވެ. އެގޮތުން، ބިދޭސީންގެ ތެރެއިން އެކަކު އަނެކެއްގެ ދެމެދު ޖެހޭ މައްސަލަތަކުގެ ތެރޭގައި މާރާމާރީ ހިންގުމުގެ ތެރޭގައި ދޭ ހަމަލާތަކުން ބައެއް ބިދޭސީން މަރުވެފައި އެބަހުއްޓެވެ. އަދި ބައެއް ދިވެހިންގެ މަރުގެ މައްސަލަތަކުގައި ވެސް ހިމެނޭ ބިދޭސީން ހައްޔަރުކޮށް ޝަރީއަތްތައް ދަނީ ކުރިޔަށެވެ.
މަރުގެ ބޮޑެތި މައްސަލަތަކުގެ ތެރޭގައި އދ. ދަނގެތީގައި އެ ރަށުގެ ވިޔަފާރިވެރިޔާ، މަހުމޫދު އަބޫބަކުރު މަރާލި މައްސަލައިގައި ޝާ އަލޮމް މިއާ (ސާލިމް) ގެ މައްޗަށް އިއްވި މަރުގެ ހުކުމް ފާހަގަކުރެވެ އެވެ. ށ. ޅައިމަގު ބޯޓެއްގައި މަސައްކަތް ކުރަމުން ދިޔަ ބަންގްލަދޭޭޝްގެ ލުތުފަރު މަރާލި މައްސަލައިގައި ވެސް ތިން ބިދޭސީއެއްގެ މައްޗައް ކުރާ ދައުވާގެ ޝަރީއަތް ވެސް ދަނީ ކުރިޔަށެވެ.

