ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދޮރު ބަންދުކޮށްގެން ތިބެ ބިދޭސީން މިހާރު ހިދުމަތް ދެމުން އެބަދޭ، އެ ތަންތަން ވެސް ބަލައި ފާސް ކުރާނަން: ޝަމްޢާން

ކުރީގެ ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު ޝައްމާން ވަހީދު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމުގެ މަސައްކަތް ޕްރޮގްރާމެއްގެ ދަށުން ފަށާފައި ވާތީ ގިނަ ބިދޭސީންތައް ހިދުމަތް ދޭ ތަންތަން ވަކި ގަޑިތަކެއްގައި ހުޅުވައި ނުވަތަ ވަކި ގޮތަކަށް އެކަނި ތަނުގެ ތެރެއަށް ވަދެވޭ ގޮތަށް ބަދަލު ގެނެސް ހިދުމަތް ދެމުން ގެންދާކަން ފާހަގަކުރެވިވާކަމަށް ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު ޝަމްޢާން ވަހީދު ވިދާޅުވެއްޖެއެވެ.

ބިދޭސީންގެ މައްސަލަ ހައްލު ނުވެ، އަހަރުތަކެއް ވެގެން ދިއުމުގެ ސަބަބުން ރާއްޖޭގައި އުޅެމުން ދަނީ ކިތަށް ބިދޭސީންކަން ވެސް ސާފެއް ނޫނެވެ. މާލޭގެ ސަރަހައްދުގައި އެކަނި ވެސް ލައްކައެއްހާ ބިދޭސީން އުޅޭނެކަމަށް ލަފާކުރެވޭއިރު މައިގަނޑު ގޮތެއްގައި އެ މީހުން ކުރަމުން ދަނީ ގަވައިދާ ހިލާފު ވިޔަފާރިތަކެވެ. އޭގެ ތޭރޭގައި މާލޭގައި ފިހާރަތައް ހިންގުމާއި، ކާބޯތަކެތި ތައްޔާރުކޮށް ބޮޑެތި ކުއެންޓިޓީތަކުގައި އެ ވިއްކުމާއި، ޓޭކްއަވޭގެ ހިދުމަތް ދިނުން އަދި އެކި ކާބޯތަކެތި ތައްޔާރުކޮށް ފިހާރަތަކުގައި އެތަކެތި ވިއްކުމަށް ހަވާލު ކުރަމުން ގެންދާކަން ފާހަގަކުރެވެ އެވެ.

އެފަދަ މީހުން ހޯދައި ހިފެހެއްޓުމަށް ކުރަމުން ގެންދާ މަސައްކަތް ފަށާފައި ވަނީ، އިމިގްރޭޝަނާއި ފުލުހުން ގުޅިގެންނެވެ. އަދި އިންޓެލިޖެންސް މައުލޫމާތުތަކާއި، ލިބޭ ރިޕޯޓުތަކުގެ މައްޗަށް މިހާތަނަށް ގިނަ ބަޔަކު ވަނީ ޑީޕޯޓުކޮށްލެވިފަ އެވެ.

އިމިގްރޭޝަނާއި ފުލުހުންގެ މުވައްސަސާ ގުޅިގެން ޓާސްކްފޯސްއެއް އެކުލަވާލައި މަސައްކަތް ކުރިޔަށް ގެންދާއިރު، ސަންގުޓީވީގެ ސަރުކާރު ޕްރޮގްރާމުގައި ޝަމްޢާން ވިދާޅުވީ ފުޅާދާއިރާއެއްގައި މި އޮޕަރޭޝަން ކުރިޔަށް ގެންދާކަން އެނގި ބިދޭސީން ވެސް ފިޔަވަޅުތައް އަޅާފައިވާކަން ފާހަގަކުރެވޭ ކަމަށެވެ.

ކާބޯތަކެތީގެ ވިޔަފާރިކޮށް، އެފަދަ ހިދުމަތްތައް ދެމުން ގެންދާ ޓޭކްއަވޭތަކާއި ޑައިންއިންތަކުގައި ބިދޭސީންގެ ޝާމިލުވުން ވަރަށް ގިނަ އެވެ. އަދި ބިދޭސީން ހިފެހެއްޓުމަށް ފެށި ޕްރޮގްރާމާއި އެކު ބައެއް ބިދޭސީން އެ މީހުން ކުރަމުން ގެންދާ ވިޔަފާރިތައް ވަގުތީ ގޮތުން މެދުކަނޑާލިކަން ފާހަގަކުރެވުނުކަމަށް ޝައްމާން ވިދާޅުވި އެވެ.

އެއަށް ފަހު ދުވާލުގެ ބައެއް ވަގުތުތަކުގައި ހިދުމަތް ދިނުމަށް، ތަން ހުޅުވުމާއި ނުވަތަ މައި ދޮރު އެއްކޮށް ބަންދުކޮށް އެހެން ގޮތަކަށް އެތެރެއަށް ވަދެވޭހެން ވެސް ހިދުމަތް ދެމުން ގެންދާކަމަށް ޝަމްޢާން ވިދާޅުވި އެވެ.

އަޅުގަނޑުމެން މި އޮޕަރޭޝަންތައް ގެންދަން ފެށީމަ އަމިއްލައަށް ގިނަ ތަންތަން ބަންދުކޮށްފައި ހުރިކަން ފާހަގަކުރެވޭ.. މީގެކުރިން ހުރިހާ ގަޑިއެއްގައި ވެސް ހުޅުވަމުން ދިޔަ ތަންތަން ދުވާލުގެ ވަކި ގަޑިއެއްގައި ހުޅުވައިގެން އުޅޭކަން ވެސް ފާހަގަވެފައި އެބަހުރި.. އަދި އެއްކޮށް ބަންދުކޮށްލައިގެން، ކުޑަދޮރު ހުޅުވައިގެން ވިޔަފާރި ކުރާ ތަންތަން ވެސް ފާހަގަވެފައި އެބަހުރި.. އަޅުގަނޑުމެން މި ތަންތަން އިތުރަށް ބަލަމުން މި ގެންދަނީ، ބަލާފައި މި ތަންތަނަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނަން..

ހުޅުމާލޭގައި ކާބޯތަކެތި ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ގަރާޖު ވެސް، ސޯޝަލް މީޑިއާގައި އާންމުވުމާއި އެކު އެ މީހުން ތަން ހުސްކުރުމުގެ މަސައްކަތް ފެށިކަމަށް ޝަމްޢާން ވިދާޅުވި އެވެ. އަދި ވިދާޅުވީ އެކަން އެނގި، ދުވަހުގެ އެހެން ގަޑިއެއްގައި ކުރިޔަށް ގެންދަން އޮތް އޮޕަރޭޝަން އަވަސްކޮށް ތަން ބަލައި ފާސް ކުރެވުނުކަމަށެވެ.

އިމިގްރޭޝަންގެ ރެއިޑަށް ފަހު، މާރުކޭޓުން ބިދޭސީން މަދުވެ ގޮޅިތައް ބަންދުކޮށްފައި ހުރި ނަމަވެސް އަނެއްކާވެސް ބިދޭސީން އެތަނުގައި ވިޔަފާރި ފަށާފައިވާތީ އެކަން ބަލާފައި ވޭތޯ ސުވާލު ކުރުމުން ޝައްމާން ވިދާޅުވީ އެ ދުވަހު ބިދޭސީން އެއްކޮށް ތަނުން ހުސްވިކަމަށެވެ. އެހެން ނަމަވެސް ޖެހިގެން އައި ދުވަހު އަނެއްކާވެސް ގޮޅިތައް ހުޅުވިކަމަށާއި، ތަނުގެ ހާލަތު މޮނީޓަރ ކުރަމުން ގެންދާނެކަމަށް ޝައްމާން ވިދާޅުވި އެވެ.

ޝަމްޢާން ވިދާޅުވީ ފުލުހުންނާއި، އިމިގްރޭޝަނަށް ލިބޭ މައުލޫމާތުތަކުގެ މައްޗަށް އިންޓެލިޖެން ރިޕޯޓެއް ތައްޔާރު ކުރާކަމަށާއި ބިދޭސީން އުޅޭތަނެއް ބަލައި ފާސް ކުރަނީ ދުރާލައި އެކަމަށް ތައްޔާރުވެގެން ކަމަށެވެ.

މާރުކޭޓު ގޮޅިތަކަކީ ބިދޭސީންނަށް ވިޔަފާރި ކުރަން ތިބުން މަނާތަނެއް ނަމަވެސް، އެ މީހުން ބަލަހައްޓަމުން ގެންދާ ގޮޅިތައް ގިނަކަން ޝައްމާން ފާހަގަކުރެއްވި އެވެ. އަދި އެ މީހުންނާއި އެކު ކޮންމެވެސް ދިވެއްސަކު ޝާމިލުވާއިރު، މާރުކޭޓުން ގެންދިޔަ ބިދޭސީންނަށް ފަހު ބައެއް ދިވެހިންގެ ފަރާތުން އެކަމުގެ ސިޓީތަކެއް ލިބިފައިވާކަމަށް ޝައްމާން ވިދާޅުވި އެވެ.

އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ، ގަވައިދާ ހިލާފަށް މިތަނުގައި ވިޔަފާރި ކުރަމުން ދިޔަ ބިދޭސީން އަޅުގަނޑުމެންގެ ބެލުމުގެ ދަށަށް ގެނެވުނީމަ ވަރަށް ގިނަ ދިވެހިން.. ހުރި ސިޓީލާފައި ތިމަންނަ މިއީ މި ގޮޅީގައި ވިޔަފާރި ކުރަން އިންނަ މީހާއޭ.. ތިމަންނަ ފާހަނައަށް ދިޔަ ވަގުތު ލާރި މާރުކޮށްލަން އިން މީހާއޭ ތި ގެންދިޔައީ..

ޝަމްޢާން ވިދާޅުވީ މީގެ ކުރިން ބިދޭސީން ރެގިއުލަރައިޒް ކުރުމުގެ ނަމުގައި ޕްރޮގްރާމްތަކެއް ކުރިޔަށް ގެންގޮސްފައި އެބަހުރިކަމަށެވެ. އަދި ގިނަ ބަޔަކު ޑީޕޯޓު ކުރުމަށް ނިންމި ނަމަވެސް، އެ މަސައްކަތް ކުރެވިފައި ނެތްކަމަށް ކޮމިޝަނަރ ވިދާޅުވި އެވެ.

ބިދޭސީންގެ މައްސަލަތައް ހައްލު ކުރާނެކަމަށް އެކި ސަރުކާރުތަކުން ވައުދުވެފައި ވާތީ، މި މަސައްކަތަށް ގިނަ ސުވާލު އުފެއްދުނު ނަމަވެސް މި ޕްރޮޖެކްޓު ކާމިޔާބުވާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް ޝަމްޢާން ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: