މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ މައުމޫންގެ މައްޗަށް ރިޝްވަތު ހިފުމުގެ ހަތް ދައުވާއެއް އުފުލައި ރާއްޖެ ގެނައުމުގެ މަސައްކަތް ކާމިޔާބު ނުވެ އޮތްވައި އޭނާ އެނބުރި ވަޑައިގަތުމުން ފުރުން މަނާކޮށް އެ މައްސަލަތަކުގެ ތަހުގީގު ފަށައިފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މައުމޫންގެ މައްޗަށް އެންމެ ފުރަތަ ފުރަތަމަ ކުރެވުނީ، ކުންފުންޏަށް ލިކުއިޑް ޕެޓްރޯލިއަމް ގަތުމަށް ހަވާލު ކުރި ކުންފުނިން އޭނާއާއި ގާތް ގުޅުން ހުރި މީހުންގެ އެކައުންޓުތަކަށް އެކި ފަހަރު މަތީން 298،000 ޑޮލަރު ނުވަތަ ހަތަރު މިލިއަން ރުފިޔާ ޖަމާކުރިކަމުގެ ތުހުމަތެވެ. އެއީ ރިޝްވަތުގެ ގޮތުގައި ލިބުނު ފައިސާކަމަށް ބަލައި މައުމޫންގެ މައްޗަށް އެ ތަހުގީގުތައް ފެށި ނަމަވެސް 2018 ގައި ވެރިކަން ބަދަލުވުމާއި އެކު އޭނާ ރާއްޖެ ދޫކޮށް ފުރައިގެން ދިޔަ އެވެ.
މޯލްޑިވްސް ގޭސް ހިންގެވުމާއި ހަވާލުވެ ހުރެ، ހިޔާނާތަށް މަގުފަހިވާ ގޮތަށް މަގާމުގެ ނާޖާއިޒް ފައިދާ ނެގިކަމުގެ އެކި ރިޕޯޓުތައް އޭރު ވެސް އޮތީ މީޑިއާތަކުގައި ފެންމަތިވެފަ އެވެ. އޭގެ ތެރޭގައި ގޭސް އެޅުމަށް ބޭނުން ކުރާ ފުޅި ބަދަލުކުރުމާއި، އެ މަސައްކަތުގެ ތެރެއިން ޑޮލަރު ނެންގެވުން ހިމެނެ އެވެ. އެހެން ނަމަވެސް އެންޓި ކޮރަޕްޝަން ކޮމިޝަނުން އެ މައްސަލަތައް ރަސްމީކޮށް މައްސަލަ ބަލަން ފެށިއިރު އޭނާ ރާއްޖޭގައި ނެތެވެ. އޭގެ ފަހުން ތަހުގީގު ދިގުލައިގެން ދިޔަ ސަބަބެއްކަމަށް ކޮމިޝަނުން ބުނެފައި ވަނީ ރާއްޖެއިން ބޭރުގައި ހުންނަ މީހަކު ތަހުގީގަކަށް ހާޒިރު ކުރުމުގައި ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތުތަކެއް ހުރުމުވެ.
ފަސް އަހަރު ފަހުން ކޮމިޝަނުން ތަހުގީގު ނިންމައި މާނުގެ މައްޗަށް ދައުވާކޮށް ދޭން އެދި ފޮނުވުމުން، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އޭނާގެ މައްޗަށް ހަތް ދައުވާއެއް އުފުލީ މިދިޔަ އޭޕްރިލް މަހު އެވެ. އަދި މާނު ކޯޓަށް ހާޒިރުވުމަށް ދެކޮޅު ހަދާ ހާލަތެއްގައި އޭނާ ބަންދުކޮށްގެން ހާޒިރުކޮށް ދިނުމަށް ވެސް އެދުނެވެ. މައްސަލަ މިހާ ބޮޑަށް ދިގުލައިގެން ދިޔަ ސަބަބެއްކަމަށް އޭރު އޭސީސީން ބުނެފައި ވަނީ މައުމޫން ރާއްޖެއިން ބޭރުގައި ހުންނެވުމުގެ ސަބަބުން ތަހުގީގަށް ހުރަސްތަކެއް އެޅިފައިވުމެވެ. އަދިސަބަބުން ވެސް ދަތިތަކެއް ދިމާވިކަމަށް ކޮމިޝަނުން ބުންޏެވެ.
މާނު އެނބުރި ގެނެވޭނެ ގޮތެއް ނުވެ ވަނިކޮށް، އޭނާ ރާއްޖެ ވަޑައިގަތުމާއި އެކު ފުރުން މަނާ ކުރިކަން ފުލުހުން ވަނީ މިއަދު ކަށަވަރުކޮށްދީފަ އެވެ. އެކަމަކު އޭނާ އެނބުރި އައީ ކޮން ދުވަހެއްގައިކަން ސާފެއް ނޫނެވެ. މައްސަލައިގައި ފުލުހުން ބުނީ މާނިއަށް ކުރާ ދައުވާތަކުގެ މަނީ ލޯންޑްރިން ތަހުގީގު ކުރުމުގެ ބައި ކުރިޔަށް ގެންދާނީ ފުލުހުން ކަމަށެވެ.
ކޮރަޕްޝަނުގެ މައްސަލަތައް ބަލައި އޭސީސީ އާންމު ކުރި ރިޕޯޓުގައި ވަނީ މާނު މޯލްޑިވް ގޭސްގެ އެމްޑީގެ މަގާމުގައި ހުންނެވި ދުވަސްވަރު އެ ކުންފުންޏަށް ބޭނުންވާ ކައްކާ ގޭސް، އެލްޕީޖީ ބޭރުގެ ކުންފުންޏަކުން ހޯދުމުގެ މުއާމަލާތުގައި ރިޝްވަތުގެ ގޮތުގައި 3.10 މިލިއަން ރުފިޔާ ރިޝްވަތުގެ ގޮތުގައި ނަންގަވާފައިވާކަން ތަހުގީގުތަކުން ދައްކާ ކަމަށެވެ. އަދި އެ ފައިސާ އޭނާއާއި ގުޅުން އޮތްކަމަށް ތުހުމަތު ކުރެވޭ އަދި އޭނާގެ އާއިލީ ބައެއް ފަރާތްތަކާއި، ގުޅުން އޮންނަކަމަށް ތުހުމަތު ކުރެވޭ ބައެއް ކުންފުނިތަކަށް ޖަމާކޮށްފައިވާކަމަށް އޭސީސީގެ ބަޔާނުގައި ވެއެވެ.
ރިޝްވަތު ހިފުމުގެ ކުށާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދައި ހޯދައި ދިނުމުގެ ކުށުގެ ދައުވާ އަދި ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާ ހިމެނޭހެން ޖުމްލަ 7 ދައުވާއެއް އުފުލައި އޭސީސީން ވަނީ ވަނީ މާނު ރިޝްވަތުގެ ގޮތުގައި ނެގިކަމަށް ތުހުމަތު ކުރާ 3.1 މިލިއަން ރުފިޔާ އަންބުރާ ހޯދުމަށް ވެސް ނިންމާފައެވެ.

