ރާއްޖޭގެ މަސްވެރިކަން ދަށްވެފައި އޮތުމަށްފަހު، ރަނގަޅުވާން ފަށާފައިވާ ކަމަށް ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން މިއަދު ބުނެފި އެވެ.
ކޮންމެ އަހަރެއްގެވެސް އޭޕްރިލް މަސް ފާހަގަކުރެވިފައި އޮންނަނީ މަސްވެރިކަން ދަށްވާ މަހެއްގެ ގޮތުގައެވެ. އަދި ޖުލައި މަސް ފާހަގަކުރެވެނީ މަސްވެރިކަން އެންމެ ފަށް މަސްތަކުގެ ގޮތުގައެވެ.
މިކަމުގެ ސަބަބުން މިފްކޯއަށް ކިރާ މަހުގެ އަދަދު މަދުވެފައިވާކަން ފާހަގަކުރެވެއެވެ. އެެންކަމުން ދަޅުމަސް އުފައްދާ މިންވަރު ދަށްވެފައިވާކަމަށްވެސް މީގެ ކުރިން މިފްކޯއިން ބުންޏެވެ. އަދި މިފްކޯގެ ފިހާރަތަކުން ވަޅޯމަހާއި ރިހާކުރު ފަދަ މަހުގެ އުފެއްދުންތައް ލިބުންވެސް ދަތިވެގެން ދިޔައެވެ.
މިއަދު މިފްކޯގެ ފަރާތުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މާލެ ސަރަހައްދުގައި މަސްވެރިކަން މިހާރު ރަނގަޅުވެފައިވާކަމަށެވެ. މިކަމަށް ތައްޔާރުވެ، އެ ކުންފުނީގެ މަސް ކިރާ ބޯޓެއް މިއަދު އެ ސަރަހައްދުގައި އޮންނާނެކަމަށް މިފްކޯއިން ބުންޏެވެ.
މާލެ ސަރަހައްދުގެ އިތުރުން އެހެން ބައެއް ސަރަހައްދުތަކުގައިވެސް މަސްވެރިކަން ރަނގަޅުވަމުން އަންނަކަމަށް މިފްކޯއިން ބުނިއެވެ. އެގޮތުން ލ. އަތޮޅާއި ތ. އަތޮޅާ ދެމެދު މެދު މިންގަނޑަކަށް މަސްވެރިކަން ރަނގަޅުވެފައިވާކަމަށާއި، ދެކުނަށް މަސްވެރިކަން ރަނގަޅުވާނީ އަންނަ ހަފްތާއިން ފެށިގެން ކަމަށް މަސްވެެރިން ލަފާކުރާ ކަމަށް މިފްކޯއިން ބުންޏެވެ.
މ. އަތޮޅުގައި ވަރަށް ބޮޑަށް މަސްވެރިކަން ރަނގަޅުވެފައިވާކަމަށް މިފްކޯއިން ބުންޏެވެ. އެގޮތުން މުލަކު އަދި މަޑުއްވަރީ ހިސާބުން 27.4 ޓަނު މަސް ކިރާފައިވާކަމަށް މިފްކޯއިން ބުންޏެވެ. އެ އަތޮޅުގައި ވެސް މަސް ކިރަން މިފްކޯގެ ބޯއްޓެއް އޮންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. މިފްކޯއިން ބުނި ގޮތުގައި ގއ. އަތޮޅަށް މަސް ކިރަން ބޯޓެއް މިއަދު ފުރާނެއެވެ.
މިދިޔަ މަހުގެ ކުރީކޮޅު ބައެއް މަސްވެރިން ވަނީ މަސްވެރިކަން ދަށްވުމުގެ ސަބަބުން ހަރަދު ފޫނުބެއްދޭކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެހެންކަމުން މަހަށް ފުރުން މަދުވެސް ކުރިއެވެ. މިކަމުގެ ސަބަބުން މަސް މާރުކޭޓުގައި ވިޔަފާރި ކުރާ ފަރާތްތަކަށްވެސް ކަނޑުމަސް ލިބުން ދަތިވިއެވެ.
މިފްކޯގެ ސެކްރެޓެރޭރިއަޓްގެ ޑެޕިއުޓީ މެނޭޖާ އިބްރާހީމް ސައީދު (ކޭޑު) ”ސަންގަށް“ ވިދާޅުވީ މިކަމަށް ތައްޔާރުވުމުގެ މަސައްކަތްތައް މިފްކޯއިން ފަށާފައިވާކަމަށެވެ. މިފްކޯއިންވެސް އުއްމީދުކުރަނީ ތާޒާ މަސް ލިބުމަށްކަމަށް ފާހަގަކޮށް ވިދާޅުވީ، އެހެންކަމުން ބާނާ މަސް ތާޒާކަމާއިއެކު ބެހެއްޓޭނެ އިންތިޒާމް މަސްވެރިންނަށް ފަހިކޮށްދިނުމަކީ ކުންފުނީގެ އަމާޒެއްކަމަށެވެ.
އެހެންކަމުން ފެނަކައިގެ ބެލުމުގެ ދަށުގައިވާ 13 އައިސްޕްލާންޓެއް މިފްކޯގެ ބެލުމުގެ ދަށަށް ބަދަލުކޮށް، އޮޕަރޭޝަން ފެށުމުގެ މަޝްވަރާ ކުރެވެމުންދާކަމަށް އޭނާ ވިދާޅުވިއެވެ. ފެނަކައިގެ ބެލުމުގެ ދަށުގައި ހުރި ނަމަވެސް އެތަންތަން ހިންގުމަށް ބޭނުންވާ އިންޖީނިއަރުން އެ ކުންފުނީގައި ނެތުމުން މިހާރުވެސް އައިސް ޕްލާންޓްތައް ބެލެހެއްޓުމުގައި ކުރަން ޖެހޭ ކަންކަން ކުރަނީ މިފްކޯގެ މުވައްޒަފުން ގޮސްގެންކަމަށް ވިދާޅުވިއެވެ.
މި ހަފްތާގައި މަސް ގަންނަން ހަމަޖެހިފައިވަނީ 16 އަށްކަމަށް ވިދާޅުވިއެވެ.

