އެޗްޑީސީން ބެލި ބެލުމުން ރެޖިސްޓަރ ކޮށް ވިޔަފާރީގެ ގޮތުގައި ހިންގާ 105 ތަނެއް ޕޭވްމަންޓު މަތި ބޭނުންކުރަމުންދާ ކަމަށް ހައުސިންގ ޑެވެލޮޕްމެންޓު ކޯޕަރޭޝަނުން ބުނެފިއެވެ.
ދުވާރު މަތީގައި ހުރި ގޮނޑި މޭޒު ނެގުމަށް ފުރަތަމަ އިއުލާމު ކުރެވިގެން ދިޔަ ކަމަށާއި އެހެންނަމަވެސް ފުރަތަމަ އިއުލާނުގައި މުއްދަތެއް ފީފައި ނުވާ ކަމަށް އެޗްޑީސީގެ ފަރާތުން ވަނީ ބުނެފައެވެ. އޮގަސްޓު 10 އެއްގެ ކުރިން ދުވާރު މަތީގައި ހުރި ގޮނޑިތައް ނެގުމަށް ދެވަނަ އިއުލާނުގައި ބުނެފައިވާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
އެޗްޑީސީގެ ފަރާތުން މައުލޫމާތު ދެއްވަމުން މުނިސިޕަލް އެޑްމިނިސްޓްރޭޝަން އެކްޓިން އެޗްއޯޑީ ޝާނީޒް ހާޝިމް ވިދާޅުވީ ބިން ލިބޭ ހިސާބުން ކަންކަން ކުރުމަށް އެގްރީމެންޓުގައި ވަރަށް ސާފުކޮށް ކަންކަން ކަނޑައެޅިފައި އޮންނަ ކަމަށެވެ. އެހެންނަމަވެސް މި މައްސަލަ 2019 އިން ފެށިގެން ވަރަށް ބޮޑަށް އާއްމުވެފައި ވާކަމަށް ވިދާޅުވިއެވެ. އޭގެތެރޭގައި ޕޭވްމަންޓު މަތީގައި ގޮނޑި ޖަހައިގެން ރެސްޓޯރެންޓު ވިޔަސް، ނުވަތަ ކޭތައް ވީނަމަވެސް މަގުމަތި ބޭނުންކުރަމުން ގެންދަވާ ކަމަށާއި ހިނގާ ބިނގާވެ އުޅޭ މީހުންނަށް ވަރަށް ބޮޑަށް އުނދަގޫ ވާގޮތަށް އެކަން ކުރައްވަމުން އަންނަ ކަމަށް ޝާނީޒް ވިދާޅުވިއެވެ.
މީގެއިތުރުން އެކަމުގެ ޝަކުވާ އެޗްޑީސީއަށް ލިބެމުންދާ ކަމަށާއި އޭގެތެރޭގައި ސްކޫލު ކުދިން ނިމިގެންދާއިރު އެފަދަ ތަންތަން ތަނުގައި ތިބެ ދުންފަތުގެ އިސްތިއުމާލު ކުރުމާއި، ނޭދެވޭ ބަސްބަހުން ވާހަކަ ދެއްކުމާއި އެފަދަ ބައިވަރު ޝަކުވާތައް އަންނަ ކަމަށް ވަނީ ބުނެފައެވެ.
މިހާތަނަށް އަޅުގަނޑުމެން ބެލި ބެލުމުން ރެޖިސްޓަރ ކުރެވިފައިހުރި ވިޔަފާރީގެ ގޮތުގައި 105 ތަނެއް އެބަހުރި ޕޭވްމަންޓުމަތި ބޭނުންކުރަމުންދާ. އެހެންވީމަ މި ކޮންސާންތަކަކީ ނުވަތަ މި މައްސަލައަކީ ހުޅުމާލޭގައި އަބަދުވެސް އޮންނަ މައްސަލައެއް ގޮތުގައި މި އޮންނަނީ. ނިމިދިޔަ ދުވަސްތަކުގައި ވަރަށް ބޮޑަށް އިތުރުވެގެން މިއަންނަނީ
ގަވައިދުތައް ހެދިފައި އޮންނަ އިރު އެކަމަށް އެޗްޑީސީންވެސް އަމަލު ނުކުރާ ކަމަށް ސުވާލު އަންނަ ކަމަށާއި އެހެންނަމަވެސް މި މައްސަލައަކީ އެޗްޑީސީން އެންމެ އިސްކަމެއް ދީގެން ސްޓްރިކްޓް ލެވެލްއެއްގައި ބަލަމުން އަންނަ މައްސަލައެއް ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
މީގެއިތުރުން އެޗްޑީސީން ބުނެފައިވަނީ އޮންނަ އުސޫލު ތަކުގެ ތެރެއިން މީގެކުރިންވެސް މަަސައްކަތް ކުރާ ކަމަށާއި އަދި ލިޔުމުންވެސް އަންގާ އެތަންތައް ބެލުމަށް ދިއުމުން ގޮނޑި މޭޒުތައް ދުވާރު މަތިން ނަގާ ކަމަށެވެ. އެހެންނަމަވެސް އަނެއްކާވެސް އޭޗިސް އަލުން ނެރެ ބޭނުން ކުރަމުން ދާ ކަމަށާއި މިހާރު އެޗްޑީސީގެ އަމާޒަކީ ހުރިހާ މި މައްސަލައަށް ދާއިމީ ހައްލެއް ގެނައުން ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

