ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެޕްލިކޭޝަން ޑައުންވެއްޖެއެވެ.
ބޭންކުން ބުނީ، ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މޯބައިލް އެޕްލިކޭޝަނާއި އިންޓަނޭޓް ބޭންކިންގއަށް ވަނުމުގައި ހުރަސްތަކެއް ދިމާވެފައިވާކަމަށެވެ. އެކަން ވީހާވެސް އަަވަހަކަށް ހައްލު ކުރުމަށް މަސައްކަތްތައް ދަނީ ކުރަމުންކަމަށް ބުންޏެވެ. އަދި އެކަމުގެ ސަބަބުން ދިމާވަމުންދާ ދަތިތަކަށް މައާފަށް އެދިފައިވެއެވެ.
މިދިޔަ ބުރާސްފަތި ދުވަހުވެސް ބީއެމްއެލްގެ އެޕްލިކޭޝަންއަށް މައްސަލަތަކެއް ދިމާވީއިރު، އެއީ ބީއެމްއެލްގެ އެކައުންޓްތަކަށް ގިނަ އަދަދެއްގެ ފައިސާ ޖަމާވުމުގެ ސަބަބުން ހިނގިކަމެކެވެ. ލިލީ ރިސޯޓުގެ މުވައްޒަފުންގެ އެކައުންޓުތަކަށް 77 ބިލިއަން ޑޮަލަރު ޖަމާވުމާއި ގުޅިގެން އެޕް ޑައުންވުމުން ބީއެމްއެލްއިން ބުނީ މިއީ ހިއުމަން އެރާ އެއްގެ ސަބަބުން ދިމާވި މައްސަލައެއްކަމަށެވެ. ބޭންކުން ވަނީ މި ފައިސާ އަނބުރާ ހޯދާފައެވެ.
މި މައްސަލަ ދިމާވެފައި ވަނީ ޕޭރޯލް ޕްރޮސެސިންއަށް ބޭނުންކުރާ ބަލްކް ޕޭމަންޓަށް ދާދި ފަހުން ގެނައި ބަދަލާއި ގުޅިގެން ކަަމަށް ކުންފުނިން ބުންޏެވެ. މާލީ ގޮތުން އެއްވެސް ގެއްލުމެއް ލިބިފައިނުވާކަމަށްވެސް އެ ބޭންކް އިން ބުނެފައި ވެއެވެ.

