ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔާމިންގެ ވާހަކަތައް ތާކުންތާކު ނުޖެހޭ، އެއްވެސް ލޯނެއް ނުނަގައި ބޮޑު ގެއެއް އަޅާތީ މާ ސުވާލު އުފެދޭ: ފަލާހު

ޕީއެންސީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަސްލެއް ނެތް ތާކުންތާކު ނުޖެހޭ ވާހަކަތަކެއް ދައްކަވަމުން ގެންދަވާއިރު ހަގީގަތަކީ އެއްވެސް ލޯނެއް ނުނަގައި ބޮޑު ބިމެއްގައި ގެއެއް އަޅުއްވާ ގޮތަކާއި މެދު ރައްޔިތުން ސުވާލު އުފެއްދާނެކަންކަމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

ސަރުކާރާއި ދެކޮޅު ވާން ޖެހުނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ތަކުރާރު ކުރައްވަމުން ގެންދެވި ގޯސްތަކުގެ ސަބަބުންކަމަށް ދާދިފަހުން ރައީސް ޔާމީން ވިދާޅުވި އެވެ. އަދި އެމަނިކުފާނު އިސްވެ ހުންނަވައި އުފެއްދި ޕީއެންއެފްގެ ޖަލްސާގައި ރައީސް ޑރ. މުއިއްޒާއި ސަރުކާރުގެ އިސް ބޭފުޅުންނަށް އަމާޒުކޮށް ބޮޑެތި ތުހުމަތުތަކެއް ކުރެއްވި އެވެ.

ތަކުރާރުކޮށް ކުރައްވަމުން ގެންދަވާ ތުހުމަތުތަކަށް ފަހަކަށް އައިސް ޕީއެންސީގެ މެމްބަރުން ވެސް ރައްދު ދެއްވަ އެވެ. އެގޮތުން އެންމެ ފަހުން އޮތް ހަރުގެ ޖަލްސާގައި ފަލާހު ވަނީ ރައީސް ޔާމީން އެމްޑީޕީއާ އެއް ވިސްނުމެއްގައި މަސައްކަތް ކުރައްވަމުން ގެންދަވާތީ އެ ޕާޓީގެ އަމަލުތައް މިހާރު އެމަނިކުފާނަށް ރަނގަޅީތޯ ސުވާލު އުފައްދަވާފަ އެވެ. ރައީސް މުއިއްޒު ގޯސްތަކެއް ހެއްދެވިކަމަށް ރައީސް ޔާމީން ވިދާޅުވި ނަމަވެސް، ފަލާހު ސުވާލު ކުރެއްވީ އެމަނިކުފާނު ޕާޓީ ދޫކުރައްވައި ނިކުންނެވި ދުވަހަށެވެ.

ވެރިކަމަށް ހަފްތާއެއް ނުވަނީސް ޕާޓީ ދޫކުރެއްވި އިރު، އެ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ރައީސް މުއިއްޒު ހެއްދެވީ ކޮން ގޯހެއްތޯ ފަލާހު ސުވާލު އުފެއްދެވި އެވެ. އަދި ވިދާޅުވީ ރައީސް މުއިއްޒުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް އެމްޑީޕީ ދިޔައީ މަސައްކަތް ކުރަމުން ކަމަށެވެ. ޓްރާންސިޝަން މުއްދަތުގައި، 19 ވަނަ ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކޮށް އަޒުލު ކުރުމަށް ކުރި މަސައްކަތަކީ ސުޕަ މެޖޯރިޓީގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ނިޔަތުގައި މީގެ ކުރިން ދުވަހަކު ވެސް ތަޅުމުގައި ފެނުނު މަންޒަރެއް ނޫންކަމަށް ފަލާހު ވިދާޅުވި އެވެ. އަދި ރޭގަނޑު ނިދަން ޖެހެނީ، ޖެހިގެން އަންނަ ދުވަހު އެ މައްސަލަ މަޖިލީހަށް ވައްދަފާނެކަމުގެ ހީއެއްގެ މަތީގައި ތިބެކަމަށް ފަލާހު ވިދާޅުވި އެވެ.

ފަލާހު ވިދާޅުވީ އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން އޭރު ދިޔައީ ސުޕްރީމް ކޯޓުގެ ނިންމުންތަކަށް ވެސް ގޮންޖަހައި ބޭނުންވާ ގޮތަކަށް ގަވައިދުތައް ފާސްކުރަމުން ކަމަށެވެ. އެދުވަހު އެމްޑީޕީން ކުރީ އެއްވެސް ގޯސްކަމެއްގެ ގޮތުގައި ގަބޫލު ނުކުރެވޭތީ ރައީސް ޔާމީން ހުންނެވީ އެމްޑީޕީއާއި އެކު އެއް މަސައްކަތެއް ކުރުމުގައިކަމަށް ފަލާހު ވިދާޅުވި އެވެ.

ކޮންމެ ރެއަކު ނިދަން އޮންނައިރު ހިތަށް އަރާ މާދަމާ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ވޯޓު ނަގާނެއޭ.. ސުޕްރީމް ކޯޓުން އަމުރު ނެރޭ އިރުގައި ވެސް އެއްޗެހި ފާސްކުރަމުން އެބަ ގެންދޭ.. މި އެންމެ ފަހު ބަސް ބުނާ ކޯޓު ސުޕްރީމް ކޯޓަކީ.. އެހެން ނަމަވެސް މި ހުރިހާ ވާހަކައެއް، އަޅުގަނޑުމެންގެ ކުރީގެ ރައީސް ޔާމީނަށް ރަނގަޅު.. މިއަދު އެމްޑީޕީއާއި އެކު އެއްދާންކޮށް، އެތަށިންކައި އެއް އެނދުގައި ނިދޭއިރުގައި ވެސް ރަނގަޅު… މިހެންވީމަ މިހާރު އަޅުގަނޑުމެންނަށް މިހާރު ރައީސް ޔާމީން ކަމުނުގޮސްގެން މިއުޅެނީ..

ފަލާހު ވިދާޅުވީ ރައީސް ޔާމީންގެ އަމަލުތަކާއި މެދު ހިތްހަމަނުޖެހި ވާހަކަ ދައްކަން ޖެހުނީ އެ ސަބަބާއި ހުރެކަމަށެވެ. އަދި އެމަނިކުފާނަކީ ކިޔަވައިގެން ހުންނެވި ތައުލީމީ ގާބިލުކަން ހުރި އިގްތިސާދީ މާހިރެއް ނަމަވެސް ކުރައްވަނީ އެއްވެސް ތާކުންތާކު ނުޖެހޭ މަސައްކަތެއް ކަމަށެވެ. އަދި އެއީ ކުރީގެ ވެރިއަކަށް ވީތީ ބޭނުން ނުކުރެވޭނެ ބަހެއް ނޫންކަމަށާއި، ވާހަކަ ދައްކަން ޖެހޭނީ ހަގީގަތަށްކަމަށް ފަލާހު ވިދާޅުވި އެވެ.

އެމަނިކުފާނު ތައުލީމީ ގޮތުން މަތިވިޔަސް، ކިޔަވައިގެން ހުއްޓަސް.. އިގްތިސާދު އެނގުނަސް.. ތާކުންތާކު ނުޖެހޭކަމެއް ކުރައްވައިފިއްޔާމު އެމަނިކުފާނު ކުރިޔަސް އަދި އެހެން މީހަކު ކުރިޔަސް.. ކޮންމެ ބޭފުޅަކު ކުރިޔަސް ތާކުންތާކު ނުޖެހޭކަމެއް ކުރީމަ ވާނީ.. ހަމަ ތާކުންތާކު ނުޖެހޭކަމަކަށް…

ޝަރީއަތަށް މި ސަރުކާރުން ފޯރުވާ ނުފޫޒު މާ ބޮޑުކަމަށާއި އެމަނިކުފާނު ޖަލުގައި ބެހެއްޓުމަށް ވެސް ރިޔާސީ އިންތިހާބުގެ ތެރޭގައި މަސައްކަތް ކުރިކަމަށް ރައީސް ޔާމީން ކުރައްވާ ތުހުމަތަށް ވެސް ފަލާހު ރައްދު ދެއްވި އެވެ. ފަލާހު ވިދާޅުވީ މިއަދު ވެސް އެމްޑީޕީ ވެރިކަމުގެ ދެވަނަ ދައުރެއްގައި އޮތް ނަމަ ރައީސް ޔާމީންގެ މައްޗަށް އިތުރު ދައުވާތަކެއް އުފުލައި އޮންނާނީ ޖަލުގައިކަމަށެވެ. ރިޔާސީ އިންތިހާބުގެ ވައުދާއި އެއްގޮތަށް އިންތިހާބު ކާމިޔާބުކޮށް ޖެހިގެން އައި ދުވަހުން ފެށިގެން ރައީސް ޔާމީން ހުންނެވީ އެމަނިކުފާނުގެ އާއިލާއާއި އެކުކަމަށް ފަލާހު ވިދާޅުވި އެވެ.

ކޮރަޕްޝަނާއި ވައްކަމުގެ ތުހުމަތުތައް ސަރުކާރަށް ކުރާތީ، ފަލާހު ދެން ސުވާލު އުފެއްދީ ރާޅުގަނޑު ސަރަހައްދުގައި އިމާރާތް ކުރަމުން ގެންދަވާ ރައީސް ޔާމީންގެ ގެކޮޅާ ގުޅޭގޮތުންނެވެ. 2013 ގައި ލިބުނު ފައިސާތަކަކަށް ވީ ނުވީއެއް ނޭނގުނު އިރު އެ ދުވަހު އެކަން ސާފު ނުވެ އޮތް ނަމަވެސް މިއަދު ކަން ހިނގައިދިޔަ ގޮތް އެނގޭކަމަށް ފަލާހު ވިދާޅުވި އެވެ. އަދި 2014 ގެ މަޖިލިސް އިންތިހާބަށް ސައުދީ އަރަބިއްޔާ މެދުވެރިކޮށް 77 މިލިއަން ރުފިޔާ ލިބުނު ނަމަވެސް އޭގެއިން އެއްވެސް އަދަދެއް އިންތިހާބަށް ނުލިބޭކަމަށް ފަލާހު ވިދާޅުވި އެވެ. އަދި ތަކުރާރުކޮށް ވިދާޅުވީ އޭރު ބައެއް ކަންކަން ނޭނގި އޮތް ނަމަވެސް، މާފަހުން ބައެއް ހަގީގަތްތައް ހާމަވެގެން އައި ކަމަށެވެ.

ރައްޔިތުން ހަގީގަތުގައި ސުވާލު މި އުފައްދަނީ، ތިންހާސް ހަތަރެސްތޭކަ އަކަފޫޓުގެ ބިމެއްގައި މާލޭގައި 12 ބުރިއަށް ނެގޭނީ ގާތްގަނޑަކަށް 80 މިލިއަން ވަރަކަށް ރުފިޔާއަށް.. އެކަމަކު ލޯނަކަށް ލޯލާރިއެއް ވެސް ނުނަގާ، ބޮޑެތި އިމާރާތްތަކާއި ވިޔަފާރިތަކާ ތަންތާ، ކުރާކަމަށްވަންޏާމު ރައްޔިތުން އޭރު ވެރިކަންކޮށްފައި ތިބި ވެރިންނާއި މެދު ސުވާލު އުފައްދާނެ.. އެފަދަ ވެރިންނެއް ރީއްޗެއް ނޫން.. ޖަމީލާއި މަލީހާއި ދެ މީހުން ބައިންދައިގެން ހުރެ މިހެން… މިހެން (އަތް ޖައްސަވަން) ހައްދަވާކަށެވެ.. މިއީ ހަޑިކަމެއް.. އަޅުގަނޑުމެންނަށް ހަޑި.. ދެން އެ ވާހަކަ ދެއްކީމަ މި ބުނަނީ އަޅުގަނޑުމެން ތިބީ ނުކިޔަވައޭ.. އެމަނިކުފާނުގެ ވެރިކަމުގައި އަޅުގަނޑުމެން ތިބީ ކިޔަވައިގެން..

ރައީސް ޔާމީން ބޮޑު އިމާރާތެއް އަޅުއްވަނީ، އެއްވެސް ލޯނެއް ނުންނަގަވައިކަން ފާހަގަކޮށް ފަލާހު ވިދާޅުވީ 3،400 އަކަފޫޓުގެ ބިމެއްގައި އެންމެ ދަށް ވެގެން ވެސް 12 ފްލޯއަށް އިމާރާތެއް ނެގޭނީ 80 މިލިއަން ރުފިޔާއަށްކަމަށް ފަލާހު ވިދާޅުވި އެވެ. އެހެންކަމުން ރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅަކު އެގޮތަށް އިމާރާތެއްގެ މަސައްކަތް ކުރިޔަށް ގެންދާނަމަ އެކަމަށް ސުވާލު އުފައްދާނެ ރައްޔިތުން ތިބޭނެކަމަށް ފަލާހު ވިދާޅުވި އެވެ.

އެހެންވީމަ ރައީސް ޔާމީން ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ ނުދައްކަވާ.. އެކަހަލަ ވާހަކަ ދެއްކީމަ އަޅުގަނޑުމެން ގާތަށް އަންނަނީ ކުޑަކުދިންނަށް ވެސް އަންނަކަހަލަ ހިނި..

ފަލާހު ވިދާޅުވީ ޕޯޑިއަމްތަކުގައި ވާހަކަ ދައްކަން ޖެހޭ ހާލަތުގައި، ދެއްކޭނެ ވަރަށް ގިނަ ވާހަކަތައް އެބަހުރިކަމަށާއި އޭގެއިން ހާމަވާނެ ވަރަށް ގިނަ ހަގީގަތްތައް ވެސް ހުންނާނެ ކަމަށެވެ. އެހެންކަމުން ރައީސް ޔާމީން ވެސް އެއްވެސް ހަގީގަތެއް ނެތް ވާހަކަތައް އޮޅުވާލުމުގެ ނިޔަތުގައި ދެއްކުމުގެ ބޭނުމެއް ނެތްކަމަށް ފަލާހު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: