ކާބޯތަކެތީގެ ވިޔަފާރިކޮށް، އެކި ހިދުމަތް ގެންދާ ބިދޭސީން ފޮރުވިގެން ތިބެ އެ މަސައްކަތް ކުރި ނަމަވެސް އިމިގްރޭޝަން ވޮޗްއަށް ލިބޭ ރިޕޯޓުތައް ގާތުން މޮނީޓާކޮށް އެފަދަ ތަންތަން ދެނެގަނެވިފައިވާނެކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ”ސަރުކާރު“ ޕްރޮގްރާމުގައި ޝަމްއާން ވިދާޅުވީ ރާއްޖޭގައި ގަވައިދާއި ހިލާފަށް ވިޔަފާރިކޮށް ތަފާތު އެކި މަސައްކަތް ކުރަމުންދާ މީހުން ހިފެހެއްޓުމުގެ ގޮތުން ހާއްސަ ޓާސްކްފޯސްއެއް އެކުލަވާލައި ފަސް އަހަރަށް ލަނޑުދަނޑިތަކެއް ކަނޑައަޅާފައިވާކަމަށެވެ. މިއީ އިމިގްރޭޝަނާއި ފުލުހުން އެކުގައި ގުޅިގެން ކުރާ މަސައްކަތަކަށްވާއިރު ޝަމްއާން ވިދާޅުވީ އެ އިދާރާއަށް ބޭނުންވާ އިންޓެލިޖެންސް މައުލޫމާތުތައް ފުލުހުންގެ ފަރާތުން ލިބޭކަމަށެވެ.
ޝަމްއާން ވިދާޅުވީ އިމިގްރޭޝަން ވޮޗްއަށް ބިދޭސީންތަކެއްގެ ރިޕޯޓެއް ލިބުމުން، އެކަމެއް ބަލައި ރިޕޯޓު ތައްޔާރު ކުރާކަމަށާއި އެތަނެއް ބަލާ ފަސްކޮށް ކުރަންޖެހޭ މަސައްކަތަށް ނިކުންނަނީ ހުރިހާ މަރުހަލާއެއް ވެސް ފުރިހަމަ ކުރުމަށްފަހު ކަމަށެވެ.
އަޅުގަނޑުމެން ބުނާ ބުނުމުގެ މައްޗަކަށް އެކްޝަންއެއް ނުނަގާނެ.. އަޅުގަނޑުމެން ވެރިފައި ކުރާނެ.. ހާއްސަކޮށް އިމިގްރޭޝަން ވޮޗްއަށް މި އަންނަ މި މައުލޫމާތުތަކަކީ ވެސް، ފޮނުވާލާ ކޮންމެ އެއްޗަކީ ވެސް އަޅުގަނޑުމެން އެއަށް އެޓެންޑުވެގެން.. އެގޮތަށް ކުރިޔަށްދާކަމެއް ނޫން… އަޅުގަނޑުމެން ވަގުތުކޮޅެއް މި ނަގަނީ ބައެއް ކަހަލަ ވެރިފިކޭޝަންތަކެއް ކުރިޔަށް ގެންދާތީވެ.. ސައްހަ މައުލޫމާތުތޯ ޔަގީން ކުރުމަށްފަހު.. އެ ބޭނުންވާ މައުލޫމާތު އޮޅުންފިލުވުމަށް ފަހު އެކްޝަން މި ނަގަނީ..
ކުދި ފިހާރަތަކާއި، ކާބޯތަކެތީގެ ހިދުމަތްތައް ދޭ ތަންތަން ގިނަވެ ވަކިން ބަންދުކޮށްފައިވާ ކޮޓަރިއެއްގައި ކާބޯތަކެތި ތައްޔާރުކޮށް ވިއްކަމުން ގެންދާ ބިދޭސީންގެ އަދަދު ވަރަށް ބޮޑުތަނުން އިތުރުވެފައިވާކަން ޕްރޮގްރްމާގައި ޕްރެޒެންޓަރ ފާހަގަކުރި އެވެ. އަދި ވަރަށް ހާމަކަން ބޮޑު ގޮތަކަށް ބައެއް ތަންތަން ހިނގާއިރު، އެތަނަކަށް އިމިގްރޭޝަން ނުދާކަމަށް ކުރާ ޝަކުވާތަކަށް ސުވާލު ކުރުމުން ޝަމްއާން ވިދާޅުވީ ވަސީލަތްތައް އަދި ޑިޓެންޝަން ސެންޓަރުގެ ޖާގަ ހުރި ގޮތުން ބޭނުންވާ ސްޕީޑުގައި މަސައްކަތް ނުކުރެވުނު ނަމަވެސް ކުރެވޭ މަސައްކަތުގެ ނަތީޖާ ދަނީ ފެންނަމުން ކަމަށެވެ.
ޝަމްއާން ވިދާޅުވީ ބޭނުންވާ އަދަދަށް ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ނުގެނުވުނު ނަމަވެސް މިހާތަނަށް އައިއިރު ގިނަ އަދަދެއްގެ ތަންތަން ބަލާ ފާސްކޮށްފައިވާނެކަމަށެވެ.
މި މަސައްކަތް ފެށިފަހުން ބިދޭސީން ފޮރުވިގެން ތިބެ ހިދުމަތް ދެމުން ގެންދާކަން ފާހަގަކުރެވިވާތީ ޝަމްއާން ވިދާޅުވީ ގާނޫނާއި ގަވައިދާއި ހިލާފު އެއްވެސް މަސައްކަތެއް ކުރުމަށް ޖާގައެއް ނުދޭނެކަމަށެވެ. ކެފޭތަކާއި، ކާބޯތަކެތި ތައްޔާރު ކުރަމުން އައި ކުދިކުދި ގޮޅިތަކުގައި ވަކި ގޮތަކަށް ހިދުމަތް ދެމުން ގެންދާއިރު އެފަދަ ބައެއް ތަންތަން ފާހަގަކޮށް ބަލައި ފާސް ކުރާނެކަމަށް ޝައްމާން ވިދާޅުވި އެވެ. އަދި ބައެއް ތަންތަން މޮނީޓަރ ކުރަމުން ގެންދާކަމަށް ވެސް ހާމަކުރެއްވި އެވެ.
އަޅުގަނޑުމެން މި އޮޕަރޭޝަންތައް ގެންދަން ފެށީމަ އަމިއްލައަށް ގިނަ ތަންތަން ބަންދުކޮށްފައި ހުރިކަން ފާހަގަކުރެވޭ.. މީގެކުރިން ހުރިހާ ގަޑިއެއްގައި ވެސް ހުޅުވަމުން ދިޔަ ތަންތަން ދުވާލުގެ ވަކި ގަޑިއެއްގައި ހުޅުވައިގެން އުޅޭކަން ވެސް ފާހަގަވެފައި އެބަހުރި.. އަދި އެއްކޮށް ބަންދުކޮށްލައިގެން، ކުޑަދޮރު ހުޅުވައިގެން ވިޔަފާރި ކުރާ ތަންތަން ވެސް ފާހަގަވެފައި އެބަހުރި.. އަޅުގަނޑުމެން މި ތަންތަން އިތުރަށް ބަލަމުން މި ގެންދަނީ، ބަލާފައި މި ތަންތަނަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނަން..
އެއްވެސް ލިޔެކިއުމެއް ނެތި ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީން އުޅޭއިރު އެ މީހުންގެ އަދަދުތައް ހުރީ އަންދާޒާ ވެސް ނުކުރެވޭ ހިސާބެއްގަ އެވެ. އެގޮތުން މާލޭގެ ސަރައްދުގައި އުޅޭ ބިދޭސީންގެ އަދަދު އެކަނި ވެސް ލައްކައަކުން މައްޗަށް އަރާނެކަމަށް ބެލެވެ އެވެ.
އެކި ވިޔަފާރިތަކުގެ ތެރޭގައި ބިދޭސިން އުޅޭ މިންވަރު ވަރަށް ބޮޑުތަނުން އިތުރުވެފައިވާއިރު އެ މީހުން އަތުލައިގަތުމުގެ މަސައްކަތަށް ސަރުކާރުން ވަނީ އޮޕަރޭޝަން ކުރަނގި ނަމުގައި ޕްރޮގްރާމެއް ފަށާފަ އެވެ. މި ޕްރޮގްރާމްގެ ދަށުން މާރުކޭޓާއި، ޓޭކްއަވޭ އަދި ސެލޫންތައް ބަލައި ފާސްކޮށް ގިނަ ބަޔަކު ވަނީ ހިފަހައްޓާފަ އެވެ.

