ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތުހުމަތުތައް ކުރާއިރު އާރުޑީސީގެ އޮޑިޓެއް ވެސް ނުކުރޭ، ވާހަކަ ދައްކަނީ މައުލޫމާތެއް ނެތި: މޫކޭ

އާރުޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ލިޔެކިއުންތައް ނުބަލަހައްޓައި ބޮޑެތި ހަރަދުތައްކޮށް، ކުންފުނި ދަރަނިވެރި ކުރުވިކަމަށް ތުހުމަތުކޮށްފައި ވަނީ އެއްވެސް ލިޔެކިއުމަކަށް ބިނާ ކުރުމެއް ނެތި ކުންފުނި އޮޑިޓު ވެސް ނުކޮށްކަމަށް އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޫކޭ ވިދާޅުވީ މިދިޔަ ސަރުކާރުގެ އާރުޑީސީގެ މެނޭޖްމަންޓާއި ގުޅުވައި ކުންފުނީގެ ހިންގުމާއި މިވަގުތު ހަވާލުވެ ތިއްބެވި ބޭފުޅުން ދެއްކެވި ވާހަކައިގައި އެއްވެސް ހަގީގަތެއް ނެތްކަމަށެވެ. އަދި ވިދާޅުވީ ތުހުމަތެއް ކުރާއިރު، އެ ވާހަކައެއް ގެންނަން ޖެހޭނީ ހެއްކާއިއެކުކަމަށެވެ. އެކަމަކު މިއަދާއި ހަމައަށް ވެސް އާރުޑީސީއާއި އޭނާގެ މައްޗަށް ކުރި އެއްވެސް ތުހުމަތެއް ސާބިތުކޮށް ނުދެވޭއިރު އެފަދަ މައްސަލައެއްގައި ސުވާލުކޮށްފައި ނުވާކަމަށް މޫކޭ ވިދާޅުވި އެވެ.

ކުންފުނީގެ މެނޭޖްމަންޓުން މަސައްކަތް ކުރީ މޫކޭ ވިދާޅުވި ގޮތުގައި މީޑިއާތަކުގެ ތެރޭގައި އައު ވާހަކައެއް އުފެއްދުމަށެވެ. ކުންފުނީގެ ދަރަނި 300 މިލިއަނަށް އަރާކަމަށް ބުނެ ވާހަކަ ދެއްކެވިއިރު، މީގެ ކުރިން އެ އަދަދު ހުރީ 200 މިލިއަންގައިކަމަށް ވިދާޅުވެފައި ވާތީ ވާހަކަތައް ދިމާނުވާ ސަބަބާއި މެދު މޫކޭ ސުވާލު އުފެއްދެވި އެވެ. އަދި ދާދިފަހުން ރައްޔިތުންގެ މަޖިލިސް ކޮމިޓީގައި ދަރަނި 800 އަށް އަރާކަމަށް ވިދާޅުވީ ކޮން އަސާސެއްގެ މައްޗަށްތޯއާއި އެއީ ކިހިނެއް އައި އަދަދެއްކަން ވެސް ބުނެދެވިފައި ނުވާކަމަށް މޫކޭ ވިދާޅުވި އެވެ.

ދަރަނީގެ އަދަދުތައްކަމަށް ބުނެ އާންމު ކުރަމުން ދަނީ އެއްވެސް މައުލޫމާތެއް ނުހޯދައި ނުވަތަ ދިރާސާ ނުކޮށްކަން ކުންފުނިން ދައްކަމުން ގެންދާ ވާހަކައިން ހާމަވާކަމަށް މޫކޭ ވިދާޅުވި އެވެ.

ކުންފުނީގެ ދަރަނި 300 މިލިއަނާ ގާތްކުރެ އޭ… ޓްރާންސިޝަނަލް މަރުހަލާގަ ބުނެފަ އެބޮތް 200 މިލިއަންއޭ.. އޭގެ ފަހުން ވިދާޅުވި 500 މިލިއަނޭ ދަރަންޏަކީ… ކުރީ ދުވަހު އެސްއޯއީ ކޮމިޓީގަ އެ ވިދާޅުވީ 837 މިލިއަނޭ…. މީގެން ވެސް އެބޭފުޅުންގެ މައުލޫމާތު ނެތް މިންވަރު ތިބޭފުޅުންނަށް ސާފުވެގެންދާނެ..

އާރުޑީސީގެ ކޮރަޕްޝަނުގެ ވާހަކަތައް ދެއްކެވުމުގެ ކުރިން، ކުންފުނީގެ އޮޑިޓެއް ހަދާފައި ނުވާ ސަބަބާއި މެދު ސުވާލު އުފައްދައި މޫކޭ ވިދާޅުވީ އައު ސަރުކާރު ވެރިކަމާއި ހަވާލުވެ ނުވަ މަސް ވެގެން ދިޔައީ ކުންފުނީގެ އެއްވެސް ތަފާސްހިސާބެއް ޕީސީބީއަށް ފޮނުވާފައި ނުވާކަމަށެވެ.

މޫކޭ ވިދާޅުވީ އާރުޑީސީގެ ބައެއް ލިޔެކިއުންތައް ފުލުހުން ގެންދިއުމަށް ފަހު އެ އަނބުރާ ގެނެސްފައިވާކަމަށާއި، އައު މެނޭޖްމަންޓު އެ ލިޔެކިއުންތައް ނަގައި މިއަދާއި ހަމައަށް ތަރުތީބުކޮށްފައި ނުވާކަމަށެވެ.

ލިޔެކިއުން ނެތި 161 މިލިއަން ރުފިޔާ ހަރަދު ކުރިކަމަށް ދެކެވޭ ވާހަކައަށް ރައްދު ދެއްވައި މޫކޭ ވިދާޅުވީ، އެހާ ބޮޑު އަދަދެއް ކުންފުންޏަށް ގެއްލިފައިވާނަމަ މިހާރުގެ ވެރިން އެ އަދަދު ހޯދަން މަސައްކަތް ކުރީސްކަމަށެވެ.

ކޮމިޓީ ބައްދަލުވުމުގައި މިހާރުގެ ވެރިން ބުނި ގޮތުގައި ލިޔެކިޔުމެއް ނެތި 161 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. އިންޓަނެޓް ބޭންކިން މެދުވެރިކޮށް ފައިސާ ހުރީ ސީދާ ކުންފުނިތަކަށް ޓްރާންސްފާ ކޮށްފައިކަމަށާއި، ކުންފުނީގެ ބައެއް ވެރިންގެ އަމިއްލަ އެކައުންޓަށް ފައިސާ ޖަމާވެފައިވާކަމަށްވެސް ބުންޏެވެ. މީގެ އިތުރުން ބޮޑު އަގުގައި ތަކެތި ގަތުމާއި ތަކެތި ކުއްޔަށް ހިފާފައިވާކަމުގެ ތުހުމަތުކުރިއިރު، ބޭނުން ނުވާ ވަރަށް މުވައްޒަފުން ނަގާފައިވާކަމަށްވެސް ކޮމިޓީ ބައްދަލުވުމުގައި ކުންފުނީގެ މިހާރުގެ ވެރިން ފާހަގަކުރިއެވެ. މާލީ ކަންކަން ނުބެލެހެއްޓުމުގެ ސަބަބުން ކުންފުނި 837 މިލިއަން ރުފިޔާ އިން ދަރާފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ.

އެކަންކަމަށް ރައްދުދެއްވާ މޫކޭ ވިދާޅުވީ ތިޖޫރީއާ ޕެޓީ ކޭޝްއަށް ވީ ގޮތް ނޭންގުނު ހެން އެ ބުނާ 161 މިލިއަން ރުފިޔާ ދޫކުރި ކަމުގެ ޑޮކިއުމަންޓު ވީ ތަން ވެސް މި ސަރުކާރަށް ބަލަން ނޭންގިގެން އުޅޭ ކަމަށެވެ. އެ މައްސަލައާ ގުޅިގެން މޫކޭ ވަނީ އާރުޑީސީ ހިންގަން އޭރު އިސްކޮށް ތިބި މީހުންގެ ހައިސިއްޔަތުން ކޮމިޓީއަށް ހާޒިރުވެ، ކޮންމެ މީހަކަށް ކޮމިޓީއިން ކުރާ ސުވާލަކަށް، އެނގި ހުރި މިންވަރަކުން ތެދުބަހުން ޖަވާބުދީ، އެކަމުގެ ރަނގަޅު މައުލޫމާތު ކޮމިޓީއަށް ކިޔައިދިނުމަށްޓަކައި އެ ފުރުސަތަށް އެދިވަޑައިގެންފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: