ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތުހުމަތުތަކަށް މޫކޭގެ ރައްދު: ”ހިޔާނާތްވި ނަމަ އަތުގައި ލައްކަ ފައިސާއެއް ހުންނާނެ، ސުވާލުކޮށް ތަހުގީގު ކުރޭ“

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރ މޫސާ އަލި މަނިކު
ޝެއާރކޮށްލާ ކަހަލަދޯ؟

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ލިޔެކިއުންތައް ނުބަލަހައްޓައި ބޮޑެތި ހަރަދުތައްކޮށް، ކުންފުނި 800 މިލިއަނުން ދަރަނިވެރިކުރިކަމަށް ބުނެ ދައްކާ ވާހަކައަކީ ސީރިއަސް ތުހުމަތެއްކަމަށާއި އެހާ ބޮޑު އަދަދުކުން ކުންފުނީގެ ފައިސާއަށް ހިޔާނާތްވި ބަޔަކު ދޫވެފައި ވެސް ތިބެން ޖެހޭ ސަބަބެއް ނެތްކަމަށް އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އުފެއްދި އާރުޑީސީގެ ފައިސާއަށް ކުންފުނީގެ މުވައްޒަފުން ހިޔާނާތްވިކަމަށް މީގެ ކުރިން ވެސް ތުހުމަތުތައް ކުރެވުނެވެ. އަދި ފުލުހުން އެކަމުގެ ތަހުގީގުތައް ކުރިޔަށް ގެންދިޔަ ނަމަވެސް މިއަދާއި ހަމައަށް އެ މައްސަލަ ކުރިޔަށް ގޮސްފައި ނުވެ އެވެ. ނުވަތަ އިތުރު ތަހުގީގެއް ނުކުރެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު އުފެދިގެން ކުންފުނިތަކުގެ ހާލަތްތަކުގެ މައުލޫމާތު ދިންއިރު ގިނަ ކުންފުނިތައް ދަރަނިވެރިކޮށްފައިވާކަމަށް ގިނަ މައުލޫމާތުތައް އާންމު ކުރި އެވެ. އޭގެ ތެރެއިން އެ ކުންފުންޏަކަށް އާރުޑީސީ ހިމެނޭއިރު ދާދިފަހުން ރައްޔިތުންގެ މަޖިލިސްގެ ސްޓޭޓް އޯންޑް އެންޓަޕްރައިސިސް ކޮމިޓީގައި އެކަމާ ގުޅޭގޮތުން ވާހަކަ ދެއްކެވީ އައު މެނޭޖްމަންޓުންނެވެ.

ހިޔާނާތާއި ގުޅުވައި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރ އަލީ ޒުހެއިރު ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން އެއްވެސް ބާރުދޭ ލިޔެކިޔުމެއް ނެތި އާރުޑީސީން ގިނަ އަދަދެއްގެ ފައިސާ ދޫކޮށްފައިވާކަމަށެވެ. އެގޮތުން ޔެކިޔުމެއް ނެތި 2022 އާއި 2023ގައި ޖުމްލަ 161 މިލިއަން ރުފިޔާ ދޫކޮށް، 2022 ވަނަ އަހަރު 65 މިލިއަން އަދި 2023 ގައި 95 މިލިއަން ދޫކުރިކަމަށް ޒުހެއިރު ވިދާޅުވި އެވެ.

މި ތުހުމަތުތަކަށް ރައްދު ދެއްވައި ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމުގައި މޫކޭ ވިދާޅުވީ އެއީ އެއްވެސް އަސްލެއް ނެތް ތުހުމަތުތަކެއް ކަމަށެވެ.

މުޅިން އަލަށް އުފެއްދި ކުންފުންޏެއްގެ ހިންގުން ސުމަކުން ފަށައިގަނެ، ކާމިޔާބީތަކެއް  ފަސް އަހަރުގައި ލިބިފައި އޮތުމަކީ އާރުޑީސީގެ ވަރަށް ލޯބިވާ ސަބަބެއްކަމަށް މޫކޭ ވިދާޅުވި އެވެ. ކުންފުނީގެ ޅަފަތުގައި ދަތިތަކެއް ދިމާވި ނަމަވެސް މޫކޭ ވިދާޅުވި ގޮތުގައި ފައިދާ ހޯދުނެވެ. އެގޮތުން ކޮވިޑު-19 ގެ ފުރަތަމަ ކޭސްއާއި އެކު މުޅި ރާއްޖެ ލޮކްޑައުންއަކަށް ގޮސް މަސައްކަތް ހުއްޓޭ ހިސާބަށް ދިޔައިރު ވެސް އެއްވެސް މުވައްޒަފެއް މަގާމުން ވަކި ނުކުރާކަމަށް މޫކޭ ވިދާޅުވި އެވެ.

މޫކޭ ވިދާޅުވީ ކުންފުނީގެ ބޯޑުން ނިންމީ މަސައްކަތް ފެށެންދެން، އެއްވެސް މުވައްޒަފެއް ވަޒީފާއިން ވަކި ނުކުރުމަށް ކަމަށެވެ. އަދި މުސާރައަށް ވެސް އެއްވެސް ބަދަލެއް ގެނެސްފައި ނުވާތީ 80 ވަރަކަށް މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނު ނަމަވެސް އޭގެއިން އަރައިގަނެވުނު ކަމަށެވެ. އެއީ 2022 ވަނަ އަހަރު އެއްކޮށް މުޅި ކުންފުނި ފައިދާގައި ހިންގައި ލިބުނު ބޮޑު ކާމިޔާބީކަމަށް މޫކޭ ވިދާޅުވި އެވެ. އަދި އޭގެ ޖެހިގެން އައި އަހަރު ވެސް ކުރިއެރުންތަކެއް ލިބުނުކަން ފާހަގަކުރެއްވި އެވެ.

މޫކޭ ވިދާޅުވީ މަސައްކަތްތައް ހިނގަމުން އައީ ވަރަށް ރަނގަޅަށްކަމަށާއި، އިދިކޮޅުގައި އޮވެ ޕީޕީއެމް/ޕީއެންސީއަށް ހަޖަމު ނުކުރެވުނީ އެ މަސައްކަތް ކަމަށެވެ.

ހިޔާނާތުގެ ތުހުމަތު ކުރަނީ ބޮޑެތި އަދަދުތަކަކުންކަން ފާހަގަކުރައްވައި މޫކޭ ވިދާޅުވީ، ކުންފުނީގެ އައު މެނޭޖްމަންޓުން ދަރަނިކަމަށް ވެސް ވިދާޅުވަމުން ގެންދަވަނީ އެކި އަދަދުތައް ކަމަށެވެ. އެގޮތުން އެންމެ ފަހުން ވިދާޅުވި 160 މިލިއަނަކީ މިހާރު ކުންފުނީގެ މުވައްޒަފުންގެ އަދަދާއި ހުރިހާކަމަކަށް ބަލާއިރު އަށް މަހުގެ މުސާރައަށް ދާނެ އަދަދުކަމަށެވެ. ޕެޓީ ކޭޝްގެ 13 މިލިއަންއަކާއި އަމީނީ މަގުގެ 84 މިލިއަން ރުފިޔާގެ ކޮރަޕްޝަނުގެ އަދަދުތަކާއި މަޖިލީހުގައި ވިދާޅުވި 160 ހިމެނުމުން އެއީ ވަރަށް ގިނަ ފައިސާކަން މޫކޭ ފާހަގަކުރެއްވި އެވެ.

އެހެންކަމުން ކުރާ ތުހުމަތުގެ ސީރިއަސްމިނާއި އެއްވަރަށް އަމަލުން އެކަން ދައްކައި ތަހުގީގު ނުކުރަނީ ކީއްވެގެންތޯ މޫކޭ ސުވާލު އުފެއްދި އެވެ. އަދި ކުންފުނީގެ ގެއްލުން 800 މިލިއަނަށް އަރާކަމަށް ކުންފުނީގެ އައު މެނޭޖްމަންޓުން ވިދާޅުވާއިރު އޭނާ މިހުރިހާ ދުވަހަކު ދޫވެފައި ހުރީ ވެސް ކީއްވެތޯ މޫކޭ ސުވާލު އުފެއްދި އެވެ.

މި ޖުމްލަ އެއްކޮށްލީމަ އަޅުގަނޑުމެންގެ އަތުގަ ލައްކަ ލާރިއެއް ހުންނާނެތާ.. އެހެންވީމަ މިގޮތަށް ދޫވެފަ ތިބެން ޖެހޭ ސަބަބެއް.. ތަހުގީގެއް ނެތި ތިބެން ޖެހޭ ސަބަބެއް އަޅުގަނޑަށް ނުވިސްނެނީ.. އަޅުގަނޑު ކަންބޮޑެއް ނުވޭ އެބޭފުޅުން އެވާހަކަ ދައްކައި އެކަން ބަލާތީއެއް.. ނުބަލައިގެން ކަންބޮޑުވަނީ.. ބަލާށޭ.. ބަލާފަ އަޅުގަނޑުމެން ދައުލަތުގެ ލޯލާރިއެއްގައި ޖެހިފައި ތިއްބަސް.. އެންމެ ލާރިއަކަށް ހިޔާނާތެރިވެފައި ތިއްބަސް އެކަމުގެ އަދަބު ދޭށޭ.. ދެން މިވަރަށް ކަންނޭނގެ ބުނެވޭނީ..  އާދޭސް ކުރަން މިޖެހެނީ..

މޫކޭ ވިދާޅުވީ އެ ދައްކަނީ އަސްލު ވާހަކަތަކެއް ނަމަ ތަހުގީގު ނުކޮށް މިހެން ދޫވެފައި ތިބެންވީ ސަބަބެއް ނެތްކަމަށެވެ. އަދި މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކޮށް، އެންމެނަށް ފެންނަހެން އެކައުންޓުތައް ވެސް ބަލަންވީކަމަށާއި ބޭންކު ސްޓޭޓްމަންޓަކީ ފޮޖެވޭނެ އެއްޗެއް ނޫންކަމަށް މޫކޭ ވިދާޅުވި އެވެ.

ކޮމިޓީ ބައްދަލުވުމުގައި މިހާރުގެ ވެރިން ބުނި ގޮތުގައި ލިޔެކިޔުމެއް ނެތި 161 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. އިންޓަނެޓް ބޭންކިން މެދުވެރިކޮށް ފައިސާ ހުރީ ސީދާ ކުންފުނިތަކަށް ޓްރާންސްފާ ކޮށްފައިކަމަށާއި، ކުންފުނީގެ ބައެއް ވެރިންގެ އަމިއްލަ އެކައުންޓަށް ފައިސާ ޖަމާވެފައިވާކަމަށްވެސް ބުންޏެވެ. މީގެ އިތުރުން ބޮޑު އަގުގައި ތަކެތި ގަތުމާއި ތަކެތި ކުއްޔަށް ހިފާފައިވާކަމުގެ ތުހުމަތުކުރިއިރު، ބޭނުން ނުވާ ވަރަށް މުވައްޒަފުން ނަގާފައިވާކަމަށްވެސް ކޮމިޓީ ބައްދަލުވުމުގައި ކުންފުނީގެ މިހާރުގެ ވެރިން ފާހަގަކުރިއެވެ. މާލީ ކަންކަން ނުބެލެހެއްޓުމުގެ ސަބަބުން ކުންފުނި 837 މިލިއަން ރުފިޔާ އިން ދަރާފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: