ބައެއް މަޝްރޫއުތައް ކުރިއަށް ނުގެންދެވެނީ ބަޖެޓު ނެތުމުންކަމަށާއި، އެކަށީގެންވާ ބަޖެޓު ހަމަޖައްސައި ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަރިހުން އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އެދިވަޑައިގެންފިއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް މިހާޒިރުކޮށް ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މިނިސްޓަރު ވިދާޅުވީ ހިތަދޫ ކޯޒްވޭގެ ސާރވޭގެ މަސައްކަތާއި، ޖިއޯޓެކްނިކަލް ސްޓަޑީޒްގެ މަސައްކަތް ފަށާފައިވާކަމަށެވެ.
އަމަލީ މަސައްކަތް ފަށާފައިވާ މަޝްރޫއުތަކަށް އިސްކަން ދެއްވައިގެން މަސައްކަތް ނިންމުމަށް އެމްޓީސީސީއަށް ދަންނަވާފައިވާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި އަމަލީ މަސައްކަތް ނުފެށޭނަމަ ސަރވޭ ކުރުން ފަދަ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އަންގާފައިވާނެކަމަށް ވިދާޅުވިއެވެ.
މިއަހަރަށް ސޮއިކޮށްފައިވާ ޕީއެސްއައިޕީ މަޝްރޫއުތަކުގެ އަގަކީ 36.8 ބިލިއަން ރުފިޔާކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ، 31.5 ބިލިއަން ރުފިޔާގެ މަޝްރޫއުގެ އަމަލީ މަސައްކަތްތައް މިހާރު ފަށާފައިވާކަމަށެވެ. ނަމަވެސް ކޮންސްޓްރަކްޝަން މިނިސްޓްރީއަށް ޕީއެސްއައިޕީ މަޝްރޫއުތަކަށް ހާއްސަކޮށް ލިބިފައިވަނީ 5 ބިލިއަނަށް ކުޑަ އަދަދެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ބަޖެޓު އޮތީ ޕްރިއޮރަޓައިޒްކޮށްގެން ނޫނީ މަޝްރޫއުތައް ހިންގޭނެ ގޮތަކަށް ނޫންކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މަޝްރޫއުއަށް ހިނގާ ހަރަދާއި ބަޖެޓުން އެކަމަށް ހާއްސަކޮށްފައިވާ ފައިސާގައި ތަފާތު ހުރި މިންވަރު މިނިސްޓަރު ވަނީ ހިއްސާ ކުރައްވާފައެވެ.
މިސާލަކަށް ދަންނަވާކަމަށްވަންޏާ، ދޮންފަނު ވޯޓާ ސުވަރޭޖް ޕްރޮޖެކްޓްއަށް މިއަހަރު ބަޖެޓުގައި އިނީ 1.7 މިލިއަން ރުފިޔާ. ކިހިނެއްތޯއޭ އަޅުގަނޑުމެން އެވަރުގެ އަދަދެއް ޖަހައިގެން ޕްރޮޖެކްޓް ހިންގާނީ.
މިނިސްޓަރު ވިދާޅުވިއެވެ.
މަޝްރޫއު ކުރިއަށް ގެންދެވޭނެ ވަރަށް ބަޖެޓުގައި ފައިސާ ހިމެނުމަށް މިނިސްޓަރު މަޖިލީހުގެ މެންބަރުންގެ އަރިހުން އެދިވަޑައިގެންނެވިއެވެ. ނޫންނަމަ ފައިސާ ހޯދުމުގައި ދަތިތަކެއް ކުރިމަތިވާކަމަށް ވިދާޅުވިއެވެ.
މިނިސްޓްރީއަށް ލިމިޓެއް ކަނޑައަޅާފައި އޮންނައިރު، މަސައްކަތް ކުރަން ޖެހެނީ ލިމިޓެއްގެ ތެރޭގައިކަމަށް ފާހަަގަކޮށް މިނިސްޓަރު ވިދާޅުވީ ބަޖެޓު ނުލިބޭތީ ބައެއް ޕްރޮޖެކްޓްތައް ނުހިންގޭކަމަށެވެ.
މިނިސްޓަރުގެ މި ވާހަކަތަކަށް އެމްޑީޕީގެ ޕާލިމަންޓް ގުރޫޕުގެ ލީޑަރު އިބްރާހީމް ނާޒިލް ވަނީ ނިޒާމީ ނުކުތާއެއް ނަންގަވާ ރައްދުދެއްވާފައެވެ. އެގޮތުން ބަޖެޓަކީ އޭގެ ޓެކްނިކަލް ބޭފުޅުންގެ ލަފައާއިއެކު އެކުލަވާލާ މަޖިލީހަށް ފޮނުވާ އެއްޗެއްކަމަށް ވިދާޅުވިއެވެ. އެއީ ނިޒާމީ ނުކުތާއެއްކަމަށް ބަލައި ނުގަނެ ރިޔާސަތުން ވަނީ ނާޒިލް ހުއްޓުވާފައެވެ.

