މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލާ ”ތިލަމާލެ“ ބްރިޖުގެ މަސައްކަތް އަވަހަށް ނިންމުމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު ހިތްވަރު ދެއްވިކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައެވެ. މިނިސްޓަރު ވިދާޅުވީ އެ މަސައްކަތް އަވަސް ކުރަން މަސައްކަތް ކުރަމުންދާކަމަށެވެ. ބްރިޖު މަޝްރޫއު ކުރިއަށް ދަނީ ޝެޑިއުލްއާ އެއްގޮތަށް ކަމަށެވެ. ތާރީހުތަކަށް އެއްވެސް ބަދަލެއް ނާންނަ ކަމަށް ވެސް މުއްތަލިބް ވިދާޅުވިއެވެ.
މިހާރު ދީފައިވާ ތާރީހުތަކަށް ބަލާއިރު، މާލެ އިން ވިލިމާލެއަށް ގުޅާލެވޭނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. ވިލިމާލެ އާއި ގުޅިފަޅާ ދެމެދު ބްރިޖު އަޅައި ނިންމާލެވޭނެ ކަމަށް ލަފާކޮށްފައި ވަނީ މާޗް، 2026 ގައެވެ. އަދި މުޅި މަޝްރޫއު މަޝްރޫއު އެއްކޮށް ފުރިހަމަ ކުރެވޭނީ ސެޕްޓެމްބަރު، 2026 ގައެވެ.
މިނިސްޓަރު ޖައިޝަންކަރު މަޝްރޫއު ބެއްލެވިއިރުގައިވެސް ވީހާވެސް އަވަހަށް ޕްރޮޖެކްޓް ނިންމުމަށް އެފްކޮންސްއަށް ވަރަށް ބޮޑަށް ހިތްވަރު ދެއްވިކަމަށް ވިދާޅުވިއެވެ. ދެ ގައުމު ގުޅިގެން ވީހާވެސް އަވަހަށް މަޝްރޫއު ނިންމުމަށް މަސައްކަތް ކުރާނެކަމަށް ވިދާޅުވިއެވެ.

