ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ލިބުނު ގެއްލުންތަކުގެ އެސެސްމެންޓެއް ހެދުމަށް ނިންމާފައިވާ ކަމަށް ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
އެކްސްގަ ހިއްސާކުރި ޕޯސްޓެއްގައި އެ އޮތީރިޓީން ބުނީ، ވިއްސާރައާއި ގުޅިގެން ހާލުގައި ޖެހުނު ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން އެ އިދާރާއިން ފޯރުކޮށްދެމުން އަންނަ ކަމަށާއި ލިބުނު ގެއްލުންތަކުގެ އެސެސްމަންޓް ހެދުމުގެ މަސައްކަތް މިއަދު ފެށުމަށް އެއިދާރާއިން ތައްޔާރުވަމުން އަންނަ ކަމަށެވެ.
ވިއްސާރާގައި ގެއްލުން ލިބުނު ރަށްތަކުގެ އަދަދު 20 އަށްވުރެ ގިނަ ކަމަށް އެންޑީއެމްއޭއިން ބުނެފައިވާއިރު، މާލެއިން އެކަނިވެސް 231 ގޭގައި ފެންބޮޑުވެގެން އެ އޮތޯރިޓީން ފޯރުކޮށްދީފައިވެއެވެ. މާލެ ސިޓީ ހިމެނޭހެން ރާއްޖޭގެ ގިނަ ރަށްތަކުގައި ވަނީ ފެންބޮޑުވުމުގެ ހާދިސާތައް ހިނގާފައެވެ.
ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާ އެކު ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާއިރު އެ އިދާރާއިން ބުނީ ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މިއަދު ބޯކޮށް ވާރޭ ނުވެހޭނެ ކަމަށާއި ނަމަވެސް ވަޔާއި ކަނޑު ވަރަށް ގަދަވާނެ ކަމަށް، އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
އެ އިދާރާއިން ބުނީ މާލޭ ސަރަހައްދަށް އަދި މުޅި ރާއްޖެ އަށް ވެސް ވާރޭ ވެހޭނެ ކަމަށާއި ނަމަވެސް ބޯކޮށް، ގިނަ އިރުވަންދެން ވާރޭވެހުން ހިފެހެއްޓިފައި ނުހުންނާނެ ކަމަށެވެ

