އެންޖެލީނާ ޖޮލީ އާއި ބްރެޑް ޕިޓްގެ ދަރިފުޅު، ޝައިލޯ ޖޮލީ އަށް، އޭނާގެ ފަހަތު ނަން ޤާނޫނީގޮތުން ބަދަލުކުރުމުގެ ހުއްދަ ލިބިއްޖެއެވެ. އޭނާގެ ބައްޕަގެ ފަހަތު ނަން އުނިކުރުމަށް އެދި ހުށަހެޅި ހުށަހެޅުން ލަސްވެފައިވަނީ، ފުރިހަމަ ނުވާ ބެކްގްރައުންޑް ޗެކެއްގެ ސަބަބުންނެވެ.
އެންޖެލީނާ އާއި ބްރެޑް އަށް 6 ދަރިން ތިބެއެވެ – މެޑޮކްސް (22 އަހަރު)، ޒަހާރާ (19 އަހަރު)، ޝައިލޯ (18 އަހަރު)، ޕެކްސް (20 އަހަރު)، ނޮކްސް (15 އަހަރު) އަދި ވިވިއަން (15 އަހަރު) އެވެ.
ޝައިލޯ އުފަންވީ ޝައިލޯ ނުވެލް ޖޮލީ-ޕިޓް ގެ ނަމުގައި ނަމަވެސް މިހާރު ޤާނޫނީ ގޮތުން އޭނާގެ ނަން ބަދަލުވެގެންދާނީ ޝައިލޯ ޖޮލީ އަށެވެ. މިއީ އޭނާގެ ބައްޕަގެ އާއިލީ ނަން އުނިކުރުމަށް ހުށަހެޅި ޕެޓިޝަން ފާސްވުމާ ގުޅިގެންނެވެ. އޭނާ މި ޕެޓިޝަން ފުރަތަމަ ހުށަހެޅީ މެއި މަހު އުމުރުން 18 އަހަރު ފުރުމާ އެކުގައެވެ. މި ޕެޓިޝަން ފާސްވީ އޯގަސްޓް 19 ވަނަ ދުވަހު ހޯމަ ދުވަހުއެވެ.
ޝައިލޯގެ ވަކީލު، ޕީޓަރ ލެވިން، ބުނީ ’ނަން ބަދަލުކުރުމަށް އެދޭ ކޮންމެ މީހަކަށްވެސް ކޯޓުގެ ކްލާކު މެދުވެރިކޮށް ބެކްގްރައުންޑް ޗެކެއް ހަދަންޖެހޭ ކަމަށާއި އަދި ކްލެރިކަލް އެރަރެއްގެ ސަބަބުން، ޝައިލޯގެ އަޑުއެހުން އައު ތާރީޚަކަށް ފަސްކުރި ކަމަށެވެ. މެއި މަހު ޕެޓިޝަން ހުށަހެޅުމަށްފަހު، ޖުލައި މަހު ކެލިފޯނިއާގެ ނަން ބަދަލުކުރުމުގެ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން، އޭނާގެ ނަން ޝައިލޯ ޖޮލީއަށް ބަދަލުކުރާކަން ބަޔާންކޮށް ލޮސް އެންޖެލެސް ޓައިމްސްގައި އިޢުލާނެއް ޝާއިޢުކުރަން ޖެހުނެވެ.
ކެލިފޯނިއާގެ ނަން ބަދަލުކުރުމާ ބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވަނީ، ނަން ބަދަލުކުރުމަށް އެދޭ ފަރާތުގެ ޤާނޫނީ ފޯމުތައް، ފަނޑިޔާރަކު އެ ހުށަހެޅުން ފާސްކުރުމުގެ ކުރިން އެއް މަސްދުވަހުގެ މުއްދަތަށް ނޫސްތަކުގައި ޝާއިޢުކުރަންޖެހޭނެ ކަމަށެވެ. މި ގޮތަށް ޝާއިޢުކުރުމަށްފަހު، އެ އެދުން ނޫހުގެ ޤާނޫނީ އިޢުލާންތަކުގެ ބައިގައި ފެންނަން ހުންނާނެއެވެ.
ޕެޓިޝަން ހުށަހެޅުމަށްފަހު ކުޑަ އިރުކޮޅެއްގެ ތެރޭގައި، ބްރެޑްގެ ގާތް މަޞްދަރަކުން ބުނެފައިވަނީ އޭނާއަށް ޕެޓިޝަނާ ބެހޭގޮތުން ”އެނގިފައިވާ“ ކަމަށެވެ. މަޞްދަރުން ބުނެފައިވަނީ، ”ޝައިލޯ އޭނާގެ އާއިލީ ނަން ދޫކޮށްލިކަން އޭނާއަށް އެނގޭ އަދި އެކަމާމެދު ހިތާމަކުރޭ. އޭނާގެ ދަރިން ގެއްލިފައިވާކަން ހަނދާންކޮށްދޭ ކަންތައްތަކަކީ، ހަމަގައިމުވެސް ބްރެޑްއަށް ފަސޭހަ ކަމެއް ނޫން. އޭނާ އޭނާގެ ދަރިންދެކެ ލޯބިވޭ އަދި އެކުދިން ދެކެ ހިތްބޮޑުވޭ،“ ޕީޕަލް މަޖައްލާއިން ރިޕޯޓުކޮށްފައިވެއެވެ.

