ތިލަފުށީގައި ހުރި ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އެމްއެންޑީއެފްއިން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފް އިން އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ކ. ތިލަފުށީގައި ހުންނަ ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން، އަލިފާން ނިއްވުމުގައި އެމްއެންޑީއެފް ތިލަފުށި ފަޔަރ ސްޓޭޝަނުން ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.
ސަންގުން ސުވާލު ކުރުމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ ވިދާޅުވީ މާލެއިންވެސް ޓީމެއް ތިލަފުއްޓަށް ގޮސްފައިވާ ކަމަށާއި މިހާރުވެސް ދަނީ އަލިފާން ނިންވުމަށް މަސައްކަތް ކުރަމުން ކަމަށެވެ. އަދި އެމްއެންޑީއެފްއަށް އަލިފާން ރޯވިކަން ރިޕޯޓް ކޮށްފައިވަނީ 8:36 ހާއިރު ކަމަށް ވެސް މައުލޫމާތު ދީފައިވެއެވެ.
އެސަރަހައްދުން ވަރަށް ބޮޑަށް ދުން އެރުމުގެ ސަބަބުން ދިވެހި އެކަކަށް ދުމުގެ އަސަރު ކޮށްފައިވާ ކަމަށްވެސް އެމްއެންޑީއެފް އިން ވަނީ މައުލޫމާތު ދީފައެވެ.
މައުލޫމާތު ލިބިފައިވާގޮތުން އަލިފާން ރޯވީ ވެހިކަލް މަރާމާތުކުރާ ވޯކްޝޮޕެއްގައެވެ.

