ކުރިއަށް އޮތްތާނގައި މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ ބޮލުގައި އިލްޒާމުތަކެއް އެޅި މަގާމުތަކުން ބޭރުކުރާ މަންޒަރު ކުރިއަށް އޮތްތާނގައި ފެނިގެންދާނެކަމަށް އެމްޑީޕީގެ ޕީޖީ ގުރޫޕު ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވިދާޅުވެއްޖެއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމުން ހުސެއިން ޝަމީމް ވަކި ކުރުމަށް ނިންމައި، ވޯޓަށް އެހުމުގެ ޖަލްސާ ކުރިޔަށް ދަނިކޮށް އޭނާ މަގާމުން އިސްތިއުފާ ދިނީ ރޭގެ ވަގުތެއްގަ އެވެ. ގިނަ ތުހުމަތުތަކެއް ކުރި އެ މައްސަލައިގައި ޝަމީމް ވަނީ އޭނާއަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރިކަމަށް ދޭހަވާ މޭރުމަކުން ވާހަކަ ދައްކަވާފަ އެވެ.
ޖަލްސާ ކުރިޔަށް ދަނިކޮށް ޝަމީމް އިސްތިއުފާ ދިނުމުން، ސަރުކާރު މެމްބަރުން އެކަމަށް ވަރަށް ބޮޑަށް ނުރުހުންވެ ވާހަކަ ދެއްކި އެވެ. އަދި މަޖިލީހުގެ ތަޅުމުގައި އަޑުގަދަކޮށް އެއީ މަޖިލީހަށް ކުރި ޖެއްސުމެއްކަމަށް ވިދާޅުވެ އިތުރު އެހެނިހެން ތުހުމަތުތަކެއް ކުރި އެވެ. ޝަމީމްގެ ސިޓީ ނުލިބޭކަމަށް ބުނެ ވޯޓަށް އަހައި އޭނާ މަގާމުން ވަކި ކުރީކަމަށް މަޖިލީހުގެ ތަޅުމުން ފާސްކޮށް ޖަލްސާ ނިންމާލީ ޗުއްޓީއަށް ދިޔަ ނަމަވެސް ދައުރުން ބޭރުން ޖަލްސާތައް ބާއްވައި އައު ޕީޖީއެއް އައްޔަނު ކުރާނެކަމަށް އިއުލާނު ކުރުމަށް ފަހު އެވެ.
މަޖިލިސް ޖަލްސާ ނިންމަވާލައްވައި، ރޭ އޮތް އެމްޑީޕީގެ ހަރުގެ ޖަލްސާއަށް ވަޑައިގެން ނާޒިލް ވިދާޅުވީ ތުހުމަތުތަކަށް ޖަވާބުދާރީވުމުގެ ގޮތުން ރައްޔިތުންނަށް ސާފުވާ ގޮތަށް ހުޅުވާލައިގެން ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި މަޖިލީހުގައި އެދިފައިވާނެ ކަމަށެވެ. އެކަމަކު ކޮމިޓީ ދެގަޑިއިރަށް ވުރެ އިތުރަށް ދިގުދެމިގެން ދިޔަ އިރު ވެސް ކުރިއަށް ގެންގޮސްފައި ވަނީ ސިއްރުންކަމަށް ވިދާޅުވިއެވެ.
ނާޒިލް ވިދާޅުވީ، ޝަމީމް މަގާމުން ވަކި ކުރުމަށް ފާސް ކުރި މަޖިލީހުގެ ބައްދަލުވުމަށް ހުށައެޅި ރިޕޯޓުގައި ކޮމިޓީ ސިއްރު ކުރި ސަބަބު ބަޔާންކޮށްފައި ނެތްކަމަށާއި ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި ބައެއް ފަރާތްތަކުން ސިއްރު ވާހަކަތައް މަޖިލީހުގެ ފްލޯގައި ވެސް ދެއްކެވިކަމަށް ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ، ސަރުކާރުގެ މައި ޕާޓީ ޕީއެންސީން އަމަލުކޮށްފައިވާ ގޮތް ދިވެހި ރައްޔިތުންނަށް ސާފުވުން މުހިންމުކަމަށާއި ސުޕަރ މެޖޯރިޓީގެ ބޭނުން ހިފައިގެން ޕީއެންސީގެ ޕީޖީ ގުރޫޕުން އަމަލުކޮށްފައިވާ ގޮތް އެނގުން މުހިންމުކަމަށް ވިދާޅުވިއެވެ. ނާޒިލް ވިދާޅުވީ، ޝަމީމް ޖަވާބު ދެއްވީ އެންމެ ސުވާލަކަށް ކަމަށްވެސް ބުނަމުންދާކަމަށާއި އެފަދަ ކޮމިޓީތައް ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމަށް އެދެނީ އެގޮތަށް ދޮގު އިލްޒާމުތައް އެޅުވުމުގެ ޖާގަ ނުދިނުމަށް ކަމަށެވެ. އަދި ދެ ގަޑީރަށްވުރެ އިތުރު ވަގުތެއް ހޭދަކޮށްފައިވަނީ އެންމެ ސުވާލަކަށް ޖަވާބު ހޯދުމުގައިތޯ ވިސްނާވަޑައިގެންނެވުން މުހިންމުކަމަށެވެ.
ނާޒިލް ވިދާޅުވީ، ކޮމިޓީ ކުރިއަށް ގެންދިޔައިރު މެމްބަރުން ކުރެއްވި ސުވާލުތަކަށް ޝަމީމްވަނީ ރީތިކޮށް ފުރިހަމައަށް ފަށުވި އިބާރާތުން ޖަވާބު ދެއްވާފައިކަމަށެވެ. އެހެންނަމަވެސް ޕީއެންސީއިންވަނީ އޭނާ އެއް ސުވާލު ނޫން އެހެން އެއްވެސް ސުވާލަކަށް ޖަވާބު ނުދޭކަމަށް ބުނެފައިކަމަށާއި އެއީ ހަގީގަތާއި ހިލާފު ވާހަކައެއްކަމަށް ވިދާޅުވިއެވެ.
ނާޒިލް ވިދާޅުވީ، މި އިލްޒާމުތައް ޝަމީމުގެ ބޮލުގައި އަޅުވަން ވެގެން ކޮމިޓީ ސިއްރުކޮށްގެން ކުރިއަށް ގެންދިޔަކަމަށާއި ކުރިއަށް އޮތްތަނުގައި މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ ބޮލުގައި މިފަދަ އިލްޒާމުތައް އަޅުވާ މަގާމުން ބޭރުކުރާ މަންޒަރު ފެނިގެންދާނަކަމަށް ވިދާޅުވިއެވެ. އަދި މިއީ އަބަދުވެސް އެމްޑީޕީ ނޫން އެހެން ބަޔަކު ވެރިކަމަށް އައުމާއިއެކު ފެނިގެންދާ ހަގީގަތްތަކެއްކަމަށް ވިދާޅުވިއެވެ.

