ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާބަން ޑިވެލޮޕްމެންޓް ބިލު އޮތް ގޮތުން ލާމަރުކަޒީ ނިޒާމުގައި ތަޅުއެޅިގެންދާނެ: މިނިސްޓްރީ

ލޯކަލް ގަވަރަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

އާބަން ޑިވެލޮޕްމެންޓް ބިލު އޮތް ގޮތުގެ ސަބަބުން ލާމަރުކަޒީ ނިޒާމުގައި ތަޅުއެޅިގެންދާނެ ކަމަށް ސިޓީސް އެންޑް ލޯކަލް ގަވަރްމަންޓް މިނިސްޓްރީން ބުނެފިއެވެ.

ސަރުކާރުގެ ފަރާތުން ހުށައެޅި އާރބަން ޑިވެލޮޕްމެންޓް ބިލުގެ ބޭނުމަކީ، ދިވެހިރާއްޖޭގައި އަރބަން ސަރަޙައްދުތައް ކަނޑައެޅުމާއި، އެފަދަ ސަރަޙައްދު ތަރައްޤީކުރުމާގުޅޭ ކަންކަން ހަރުދަނާ ޤާނޫނީ އޮނިގަނޑެއްގެ ދަށުން އިންތިޒާމުކުރުމެވެ. އަދި އަރބަން ސަރަޙައްދުތަކާއި އެފަދަ ސަރަޙައްދުތަކުގެ ޒޯންތަކާއި ގިންތިތަކާއި ބިމުގެ ބޭނުން ކަނޑައެޅުމާއި، އެފަދަ ސަރަޙައްދުތައް ތަރައްޤީކޮށް ހިންގުމުގެ އަސާސީ މިންގަނޑުތައް ކަނޑައަޅާ، އަރބަން ސަރަޙައްދުތަކުގައި ހިންގާ ތަރައްގީގެ މަޝްރޫއުތައް މޮނީޓާކޮށް ފިޔަވަޅުއެޅުމާއި ބެހޭ އުސޫލުތައް ބާޔާންކުރުމެވެ.

މި ބިލުގެ ދަށުން އާބަން ޑިވެލޮޕްމަންޓް އޮތޯރިޓީއެއް އެކުލަވާލެވޭނެއެވެ. އެއާއިއެކު ޕްލޭނިން މިނިސްޓްރީގެ ދަށުން ހިންގާ އާބަން ޕްލޭނިން އާއި އާބަން ޑިވެލޮޕްމަންޓް ޑިޕާޓްމެންޓްގެ ގާނޫނީ ހުރިހާ ޒިންމާތަކާއި މަސްއޫލިއްުޔަތުތައް އެ އޮތޯރިޓީއަށް ބަދަލުވާނެއެވެ. އަދި މުދަލާއި ވަސީލަތްތަކުގެ އިތުރުން މުވައްޒަފުންވެސް އެ އޮތޯރިޓީ އަށް ބަދަލުވާނެއެވެ.

މި ބިލު ދިރާސާކުރާ މަޖިލީހުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން ލޯކަލް ގަވަރްމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ހާޝިމް ވިދާޅުވީ ބިލް ޑްރާފްޓް ކުރިއިރު، އެ މިނިސްޓްރީއާއި އެއްވެސް މަޝްވަރާއެއް ނުކުރައްވާކަމަށެވެ. ބިލުގައި ކަންބޮޑުވާ ގިނަ ކަންތައްތަކެއް އެބަހުރިކަމަށް ވިދާޅުވިއެވެ. އެގޮތުން މިހާރު ބިލު ފަރުމާ ކޮށްފައިވާ ގޮތުން ރަށު ކައުންސިލްތަކުގެ ބާރު ވަރަށް ބޮޑަށް ހަނިވެގެންދާނެކަމަށް ވިދާޅުވިއެވެ.

ނަމަވެސް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ ކައުންސިލްތައް ބާރުވެރިކުރުވުންކަމަށާއި، އުންސިލްތަކާއި ވަރަށް ގާތުން ނިޒާމް ހިންގުންކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ މި ބިލްގައި ބުނާ އޮތޯރިޓީ އާއި އެހެން ކަންކަމާއި، އާބަން ރީޖަން އުފެދޭއިރު މާބޮޑު މަޝްވަރާއެއް އޮންނަ ތަން ނުފެންނަކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މި ކޮމިޓީ ބައްދަލުވުމުގައި މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މޫސާ ފަތުހީ އާދަމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އޭނާ ވިދާޅުވީ ދުސްތޫރުގައި ކަނޑައަޅާފައިވަނީ ލާމަރުކަޒީ ނިޒާމަކުން ގައުމު ހިންގުމަށްކަމަށްވާއިރު، ތަރައްގީއާއި ގުޅޭ ގާނޫނުތައް ހަދަން ޖެހޭނީ މި ހަމަތަކުގެ މަތިންކަމަށެވެ. ދިވެހި ރައްޔިތުން ލާމަރުކަޒީ ނިޒާމު ބަލައިގަނެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މި ގާނޫނުގެ ދަށުން ރަށާއި، އަތޮޅާއި ސިޓީގެ ކަންކަމުގައި ރައްޔިތުން ބަސް ބުނުމުގެ ނިޒާމު އަށަގަންނަވަން ޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ. އާބަން ޑިވެލޮޕްމެންޓް ބިލްގައިވާ ބައެއް ކަންކަމުގައި ރައްޔިތުންގެ ޝާމިލުވުން އިތުރަށް ފުޅާކުރަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓްރީގެ އުއްމީދަކީ ކައުންސިލްތައް އިތުރަށް ބާރުވެރިވާ ގޮތަށް ބިލަށް ބަދަލުތައް ގެނައުން ކަމަށް އޭނާ ވިދާޅުވިއެވެ. މިހާރު ބާރުތައް ދޫކުރެވިފައި އޮތްއިރު އެކަމަށް ބަދަލެއް އައިސްގެން ނުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: