ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2024/6)ގެ 8 ވަނަ މާއްދާގެ (ހ) ގެ ދަށުން ”މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ“ މިއަދު ގާއިމުކުރައްވައިފިއެވެ.

އެ އިދާރާއަކީ މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިންގަމުންދާ ތަނެއްގެ ގޮތުގައި އެމަނިކުފާނު ވަނީ ހަމަޖައްސަވާފައެވެ. މިކަން އިޢުލާނުކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ ގާއިމުކުރެއްވުމާ ގުޅިގެން، މިހައިތަނަށް މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިނގަމުންއައި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ މިއަދުން ފެށިގެން ވަނީ އުވައިލައްވާފައެވެ.

ދައުލަތުގެ އިދާރާތަކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނީ، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިނގަމުންއައި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ހަމަޖައްސަވައިފައިވާ ނަންބަރު 182 ކަމަށްވެސް ދެންނެވެމުގައިވެއެވެ.