ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުސާއަޅާފައިވާ އާބަން ޑިވެލޮޕްމެންޓް ބިލު އޮތްގޮތުން، އާބަން ސަރަހައްދެއްކަމަށް ކަނޑައަޅާ ސަރަހައްދެއް ޕްލޭންކުރުމާއި ތަރައްގީކުރުމުގައި ލޯކަލް ކައުންސިލްތަކުގެ ދައުރާއި ބާރު އެއްވެސް މިންވަރަކަށް ނެތި، މިހާރު ހުށަހެޅިފައި އޮތްގޮތަށް އެ ބިލު ފާސް ވެގެން ހިނގައްޖެނަމަ ގާނޫނުއަސާސީ ތަސައްވުރުކުރާ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ހަމަ އާބަން ސެންޓަރުތައް ގޮތުގައި ކަނޑައެޅޭ ސަރަހައްދުތަކުގައި އެކީ ނެތިދާނެ ކަމަށް ބުނެ އެކަމާ ޑިމޮކްރެޓްސްއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ޑިމޮކްރެޓްސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވަކިން ހާއްސަކޮށް މިބިލުގެ 10 ވަނަ މާއްދާ މިހާރު އޮތީ ލާމަރުކަޒީ ނިޒާމު ނެގެހެއްޓުމާއި ހަރުދަނާކުރެއްވުމަށް ރައީސސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވާފައިވާ ތަކުރާރުކޮށް ދެއްވަމުންގެންދަވާ ޑިމޮކްރެޓިކް ކޮމިޓްމަންޓާ ދިމާ އިދިކޮޅަށް، އެކޮމިޓްމަންޓަށް ރިއާޔަތެއް ނެތިކަމަށް ޕާޓީއިން ދެކޭ ކަމަށެވެ.
ގުޅީފަޅާއި، ގިރާވަރުފަޅާއި، ފުށިދިއްގަރުފަޅު ހިއްކާ، އާބަން ސެންޓަރުތަކެއް ތަރައްގީކުރަން ފައިނަގާ މިދަނޑިވަޅު އެސަރަހައްދުތައް ޕްލޭންކޮށް ތަރައްގީކުރަނީ ހުޅުމާލެ ޕްލޭންކޮށް ތަރައްގީކުރިގޮތާއި ހިލާފަށް ގާނޫނުއަސާސީގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަވާނެކަމަށް ބަޔާންކުރާ ލާމަރުކަޒީ އުސޫލުންކަމަށް އެ ޕާޓީއިން ދެކޭ ކަމަށް ޑިމޮކްރެޓްސްއިން ވަނީ ބުނެފައެވެ. ލާމަރުކަޒީ ނިޒާމުގެ ބޭރުން، ޑިމޮކްރެޓިކް ކޮންޓްރޯލް ނެތި ހޯދޭނެ އާބަން ނުވަތަ އެހެން އެ ފަދަ ތަރައްގީއެއް ވެސް ނެތްކަން އިންސާނީ ތަޖުރިބާ ދައްކާ ކަމަށް ބަޔާނުގައި ބުނެފައެވެ.
އެ ޕާޓީން ވަނީ ލާމަރުކަޒީ ނިޒާމަށް ”ހިޔަނި އެޅޭހެން“ ލޯކަލް ކައުންސިލްތަކުގެ ބާރު ގެއްލޭހެން އާބަން ޑިވެލޮޕްމަންޓް ބިލުގައި ހުރި ކަންކަން ބަދަލުކުރުމަށް ގޮވައިލައިފައެވެ. އެގޮތުން އެ ކަމަށް ފުޅާ ދާއިރާއެއްގައި، ކައުންސިލްތައް ހިމެނޭހެން މަޝްވަރާކޮށް، ކައުންސިލްތަކުގެ ބާރުއެކީ ކަނޑުވާލާނެ ފަދަ ގޮތަކަށް މިހާރު މި ބިލުގައި ހުރި ކަންކަން ބަދަލުކުރުމަށް ވެސް ވަނީ ގޮވާލާފައެވެ.

