ތ. ދިޔަމިގިލީ ކައުންސިލް އިދާރާއިން މާލީ ތަފާސްހިސާބުތައް ބަލަހައްޓައި، ކައުންސިލަށް ނަގުދު ފައިސާއިން ލިބުނު އާމްދަނީތައް އެކައުންޓަށް ޖަމާ ނުކުރާ މައްސަލަތަކެއް އޮޑިޓު ރިޕޯޓުގައި ފެންމަތިކޮށްފި އެވެ.
މި ރިޕޯޓު ތައްޔާރު ކުރުމުގައި އޮޑިޓަރ ޖެނެރަލްގެ މަސްއޫލިއްޔަތަކީ ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާގެ ބަޖެޓުން ހަރަދުކޮށްފައި ވަނީ އެ އަހަރަށް ކައުންސިލުން ފާސްކުރި ބަޖެޓާއި އެއްގޮތަށް މާލިއްޔަތު ގާނޫނުގެ ތެރެއިންތޯ ބެލުމެވެ.
އޮޑިޓުން ފާހަގަކުރެވުނު މައްސަލަތައް ރިޕޯޓު ފަށަމުން ފާހަގަކޮށް ބުނެފައި ވަނީ ކައުންސިލްގެ އިދާރާގެ ތިޖޫރީގައި ހުންނަން ޖެހޭ ފައިސާގެ ތެރެއިން 605،438 ރުފިޔާ ގެއްލިފައިވާކަމަށެވެ. އެގޮތުން ކައުންސިލްގެ އިދާރާގެ ތިޖޫރީގައި ހުންނަން ޖެހޭ ފައިސާ ހައަމަށް ހުރިތޯ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ބެލިއިރު އެ ތާރީހުގެ ނިޔަލަށް ހުންނަން ޖެހޭ ފައިސާ ނެތްކަން އެނގުނެވެ. އެއީ 2020 ވަނަ އަހަރު ހުރި 468،004 ރުފިޔާއިން 2023 ގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ކުރި ހަރަދުތަކާއި ބޭންކަށް ޖަމާކުރި ފައިސާއަށް ފަހު ތިޖޫރީގައި ހުންނަން ޖެހޭ އަދަދެވެ.
މި މުއްދަތުގެ ތެރޭގައި ކައުންސިލުގެ އިދާރާގައި ބަހައްޓައިގެން ހަރަދު ކުރުމަށް ކައުންސިލް އިދާރާގެ ބޭންކު އެކައުންޓުތަކުން 1.9 މިލިއަން ރުފިޔާ ނަގާފައި ވެއެވެ. އަދި ކައުންސިލްގެ އާމްދަނީގެ ގޮތުގައި ނަގުދު ފައިސާއިން ބަލައިގަތް ފައިސާގެ އަދަދަކީ 397،052 ރުފިޔާ އެވެ. އެހެންކަމުން ކައުންސިލްގެ އިދާރާގައި ބަހައްޓައިގެން ރޯލް ކުރި ފައިސާގެ އަދަދު 2 މިލިއަން ރުފިޔާއަށް އަރަ އެވެ.
ތިޖޫރީގައި ހުންނަން ޖެހޭ ހަ ލައްކަ ރުފިޔާއަކީ ހަރަދު ކުރި އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާއާއި ކައުންސިލްގެ އިދާރާގެ ބޭންކު އެކައުންޓަށް ޖަމާކުރި ހަތަރު ލައްކައަށް ފަހު ބާކީވާ އަދަދެވެ. އެކަމަކު އެ ފައިސާ ހަމައަށް ހުރިތޯ ބެލި ބެލުމުން، ތިޖޫރީގައި އެއްވެސް ފައިސާއެއް ބަހައްޓާފައި ނުވާކަމަށް އެނގުނެވެ.
އޮޑިޓު ރިޕޯޓުގައި ހިމަނާފައިވާ އަދަދުތަކުން އެނގޭ ގޮތުގައި، ހަރަދު ކުރިކަމަށް ރިކޯޓު ކުރީ 1.7 މިލިއަން ނަމަވެސް، މަސައްކަތުގެ ބޭނުމަށް ހަރަދު ކުރިކަން ކަށަވަރު ކުރެވެނީ 1.4 މިލިއަން ރުފިޔާ އެވެ. އެއީ ހަރަތަކުގެ އިންވޮއިސް އަދި، ރިސިޓްއާއި ފައިސާ ދެއްކިކަން އެނގޭ ލިޔެކިއުންތައް ހުރުމުންނެވެ. އެކަމަކު ނަގުދު ފައިސާއިން ހަރަދު ކުރިކަމަށް ބެލެވޭ ތިންލައްކަ ރުފިޔާގެ ތަފްސީލު ރެޖިސްޓްރީގައި ނުވަތަ ލިޔެކިއުމެއްގައި ނެތް އިރު ހަރަދެއް ކުރިކަމަށް ބާރު ދޭ އެއްވެސް ހެއްކެއް ނެތްކަމަށް ރިޕޯޓުގައި ވެއެވެ.
ގިނަ މައްސަލަތަކެއް ފެންމަތި ކުރި މި ރިޕޯޓުގައި ބުނެފައި ވަނީ ކައުންސިލްގެ އާމްދަނީގެ ގޮތުގައި ލިބުނު ފައިސާ ނަގުދުކޮށް އަދި އެކައުންޓުން ނަގައި ހަރަދު ކުރިކަމަށް ފާހަގަކުރެވޭ ކަމަށެވެ. އަދި ރިޕޯޓުގައި ބަލާފައިވާ މުއްދަތުގެ ތެރޭގައި ލިބުނު އާމްދަނީ ކައުންސިލް އިދާރާއިން ބަލަހައްޓާފައި ނުވާއިރު ފައިސާތައް ގަވައިދުން އެކައުންޓަށް ޖަމާކޮށްފައި ނެތްކަމަށް ވަނީ ބުނެފަ އެވެ.
އެކަމަށް ބާރުދިން ހެއްކެއްގެ ގޮތުގައި ރިޕޯޓުގައި ވަނީ، 2020 ވަނަ އަހަރު ޖަމާކުރި ދެއްލަކަ ރުފިޔާއާއި 42،400 އަށް ފަހު 2023 އޮކްޓޯބަރު 18 އާއި ހަމައަށް ނަގުދު ފައިސާގެ އެއްވެސް އާމްދަނީއެއް ކައުންސިލްގެ އެކައުންޓަށް ޖަމާކޮށްފައި ހުރިކަން އެނގޭނެ ލިޔެކިއުމެއް ނެތުމެވެ.
މީގެއިތުރުން އާންމުކޮށް ގިނަ ހަރަދުތައް ކައުންސިލުންކޮށްފައި ހުރީ ފިނޭންސް މިނިސްޓްރީގެ ހުއްދަ ނުހޯދައިކަމަށް ރިޕޯޓުގައި ވެއެވެ. އަދި ކައުންސިލް އިދާރާގެ މާލީ ތަފާސްހިސާބުތަކާއި އެކަމާއި ގުޅޭ ލިޔެކިއުންތައް ދައުލަތުގެ މާލިއްޔަތު ގަވައިދާއި އެއްގޮތަށް ބަލަހައްޓާފައި ނުވާކަން އޮޑިޓުގައި ވެއެވެ.
އެ ނޫން ވެސް ގިނަ މައްސަލަތައް ރިޕޯޓުން ފެންމަތިކޮށް، އޮޑިޓު އޮފީހުން ވަނީ ކައުންސިލްގެ އާމްދަނީ ފައިސާއާއި އެކައުންޓުތަކުން ނަގާފައިވާ ފައިސާގެ ތެރެއިން މަދުވާކަމަށް ބެލެވޭތީ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އަޅައިދޭން އެދިފަ އެވެ. އަދި ލިޔެކިއުންތައް ބެލެހެއްޓުމުގައި އިހުމާލުވި މީހުންގެ މައްޗަށް ވެސް ތަހުގީގެއް ހިންގައި ޒިންމާ ކުރުވުމަށް ވަނީ އަންގާފަ އެވެ.

