ފްލެޓާއި ގުޅޭ ކަންކަން ކުރިއަށް ގެންދަނީ މިނިސްޓްރީގެ ލަފާގެ ދަށުންކަމަށް ފަހި ދިރިއުޅުން ކޯރަޕަރޭޝަން (އެފްޑީސީ) އިން ބުނެފިއެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަނުން މިހެން ބުނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރަމުންދާ 4،000 ހައުސިންގ ޔުނިޓް މަޝްރޫއުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ޔުނިޓުތަކުގެ އެއްބަސްވުމާއި އަދި ޔުނިޓް ހަވާލުކުރުމާއި ބެހޭ ގޮތުން ގިނަ ފަރާތްތަކަކުން މައުލޫމާތު ހޯދުމަށް ހުށައަޅާފައިވާތީ ނެރުން ބަޔާނެއްގައެވެ.
ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ޔުނިޓް ލިބޭނެ ފަރާތްތަކާއި، އެ ފަރާތްތަކަށް ލިބޭނެ ޔުނިޓެއް ކަނޑައެޅުމުގެ މަސައްކަތްތަކަކީ މިނިސްޓްރީ އޮފް ހައުސިންގ ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓްއިން ކުރަމުން ގެންދަވާ މަސައްކަތްތަކެއްކަމަށް ފާހަގަކޮށް އެ ކޯޕަރޭޝަން އިން ބުނީ، ޔުނިޓް ހަވާލުކުރުމަށް ގުޅޭ އެންމެހާ ކަންކަމުގައި އެ ކޯޕަރޭޝަންއިން އަމަލުުރަމުން ގެންދަނީ މިނިސްޓްރީގެ ލަފާގެ މަތިންކަމަށެވެ.
މިނިސްޓްރީ އޮފް ހައުސިންގ ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން މީގެ ކުރިން ވަނީ ޔުނިޓު ހަވާލުކުރުމާއި ގުޅުންހުރި އެންމެހާ މަސައްކަތްތައް މަޑުޖައްސާލުމަށް އަންގާފައިވާކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
އެހެންކަމުން ޔުނިޓު ހަވާލުކުރުމާ ގުޅޭ ގޮތުން ކުރެވޭ އެންމެހާ މުއާމަލާތްތައް ކުރިއަށް ގެންދެވޭނީ އެ މައްސަލައާއި ގުޅިގެން މިނިސްޓްރީއިން ވަކި ގޮތެއް އެންގުމުންކަމަށް ބުންޏެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރުން ދޫކޮށްފައިވާ 4،000 ފްލެޓުގެ މައްސަލަ މި މަހުގެ ތެރޭގައި މުރާޖައާ ކުރެވޭނެކަމަށާއި، މި މަސައްކަތް އޮކްޓޯބަރ މަހަށް ނިންމާލެވޭނެކަމަށް ހައުސިން މިނިސްޓަރު ޑރ އަލީ ހައިދަރު ވަނީ ދާދި ފަހުން މަޖިލީހުގައި ވިދާޅުވެފައެވެ.

