ގައުމުގެ އިގްތިސާދީ ހާލަތު ދަށްވެ، މާލިއްޔަތު އަޑި ނޭނގޭ ފުން އަނދަވަޅަކަށް ވެއްޓުނީ ހައްދެއް ނެތި މިދިޔަ ފަސް އަހަރު ފައިސާ ޗާޕު ކުރުމުގެ ސަބަބުންކަމަށް ސަރުކާރުގެ މައި ޕާޓީ ޕީއެންސީގެ ލީޑަރ އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތާއި ގުޅޭގޮތުން މިރޭގެ ޕީއެންސީ ޖަލްސާގައި ރައީސް ވިދާޅުވީ، އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި އޮތް ކަންބޮޑުވުމަކީ ވެސް އެއީ ކަމަށެވެ. ރާއްޖޭގެ އިގްތިސާދު މިދިޔަ ފަސް އަހަރު ވައްޓާލާފައި އޮތީ ރައީސް ވިދާޅުވި ގޮތުގައި އަޑި ނޭނގޭ ފުން އަނދަވަޅަކަށެވެ.
ރައީސް ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ގައުމު ވައްޓާލާފައި އޮތް ހާލަތު އެނގި ސާފުވީ މަސައްކަތާއި ހަވާލުވެ، ރަނގަޅު މަގުން ކަންކަން ކުރިޔަށް ގެންދެވޭނެ މަގެއް ހޯދުމުގެ ތެރެއިންނެވެ. ރާއްޖޭގެ އިގްތިސާދީ ހާލަތު އެންމެ ބޮޑަށް ގޯސްވީ، ހައްދެއް ނެތި ފައިސާ ޗާޕު ކުރުމުގެ ސަބަބުންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އޭގެ މައްޗަށް ލޯނުތައް ނަގަމުން ދިޔައީ އެއްވެސް ޕްލޭނެއް ނެތިކަމަށެވެ.
އެއީ އަޑި ނޭނގޭ ފުން އަނދަވަޅެއްކަން އަޅުގަނޑުމެންނަށް އިހުސާސް ވާން ފެށީ، އެ މަސައްކަތް ރަނގަޅު މަގުން ގެންދަން ފެށީމަ.. އެ ހާލަތަށް ވައްޓާލުމުގެ އެންމެ ބޮޑު ސަބަބަކަށް ވީ ފައިސާ ޗާޕު ކުރީ އިންތިހާއަށް.. އަށްހާސް މިލިއަން ރުފިޔާގެ ފައިސާ ޗާޕު ކުރުމުގެ ސަބަބުން، އަށް ހާސް މިލިއަން ރުފިޔާގެ ފައިސާ އެންމެ ފަސް އަހަރުގެ ތެރޭގައި ޗާޕު ކުރުމުގެ ސަބަބުން އަޅުގަނޑުމެންގެ އިގްތިސާދު އެހާ ބޮޑު އަނދަވަޅަށް ވެއްޓުމުގައި އަދި އިންތިހާއަށް ލޯނު ނެގުމުގެ ސަބަބުން..
ރައީސް ވިދާޅުވީ ކޮވިޑު-19 ގެ ތެރޭގައި ލިބުނު އެތައް ފައިސާއަކަށް އެމްޑީޕީ ހިޔާނާތްވެ، އެ އަމިއްލަ މަންފާއަށް ބޭނުންކޮށްފައިވާކަމަށެވެ. ރައްޔިތުންނަށް މަންފާވާ އެއްވެސްކަމެއް ލޯނު ނަގައިގެން ކުރެވުނުތޯ ސުވާލު އުފައްދަވައި ރައީސް ވިދާޅުވީ، ފައިސާ ޗާޕު ކުރުމުގެ ހިތި މި ސަރުކާރުން ގަބޫލު ކުރާކަމަށެވެ. އެހެންކަމުން ފައިސާ ޗާޕުކޮށް ފަސޭހަ މަގެއް އިހުތިޔާރު ކުރަން ބޭނުން ނުވާކަމަށާއި، ކައިރި ގައުމުތަކުން މިސާލު ނަގައި ބޭނުން ވަނީ ދެމެހެއްޓޭނެ އިގްތިސާދެއް ގެނައުމަށްކަމަށް ރައީސް ވިދާޅުވި އެވެ.
ފައިސާ ޗާޕުކޮށްގެން ފަސޭހަވާނެކަމަށް ބައެއް ފަރާތްތަކަށް ގަބޫލު ކުރެވުނު ނަމަވެސް ވަގުތީ އުފަލެއް ހޯދުމުގެ ބޭނުމެއް ނެތްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މިއަދު ވެސް އެތައް ބިލަކަށް އަރާ ބިލިއަނުން ހުރި ފައިސާ ނުދައްކާ ހުރިއިރު އެ ސަރުކާރުން ރައްޔިތުންނަށް ދިނީ ކޮން ރަނގަޅު ހިދުމަތެއް ތޯ ރައީސް ސުވާލު އުފެއްދެވި އެވެ.
ގައުމު ހަމަ މަގަށް އެޅުވުމަށް ކުރަމުން ދާ މަސައްކަތާއި، ބިލުތަކަށް ޕޭމަންޓުތައް ދޫކޮށް ނޮވެމްބަރު މަހު ނިންމާލާނީ ފައިސާ ޗާޕު ކުރުމަކާއި ނުލައިކަމަށް ރައީސް ވިދާޅުވި އެވެ. އަދި އިހުޔާރު ކުރާނީ ގައުމަށް އެންމެ ފައިދާ ހުރި ގޮތަށްކަމަށާއި، ހާރިޖީ ގޮތުން ދިވެހިން އިސްކޮށް ލިބެން ހުރީ އެހީތައް ގަބޫލު ކުރައްވާނެކަމަށް ރައީސް ވިދާޅުވި އެވެ.

