ފެނަކަ އެސްޓީއޯގެ ދަށަށް ބަދަލު ކުރުމަކީ ނުރައްކަލެއް ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެ އެވެ.
އަމްރު ޝޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފެނަކައިން މުސާރަ ނުދެވޭ ފަދަ މާލީ ދަތި ހާލަތެއްގައި އޮއްވައި އެ ކުންފުނި، އެސްޓީއޯ ދަށަށް ގެންދިޔުމަކީ ނުރައްކަލެއް ކަމަށެވެ.
ފެނަކައިން އެކި ކުންފުނިތަކަށް ދައްކަން ޖެހޭ 3.2 ބިލިއަން ރުފިޔާ އޮތްއިރު، އެ ކުންފުނިތައް ތިބީ ހަދާނެ ގޮތް ހުސްވެފައި ދައުލަތުގެ މީޑިއާއަށް މިނިސްޓަރ ސައީދު ވިދާޅުވުމުން، އެކަމަށް ރައްދު ދެއްވައި އަމްރު ވިދާޅުވީ އެ 3.2 ބިލިއަން ރުފިޔާގެ ތެރެއިން 2.2 ބިލިއަން ރުފިޔާއަކީ ފެނަކައިން އެސްޓީއޯއަށް ދައްކަން ޖެހޭ ފައިސާ ކަމަށެވެ.
އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏަށް ފެނަކަ ބަދަލުކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފައާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވީ މިދިޔަ އާދިއްތަ ދުވަހު އެވެ. ފެނަކަ، އެސްޓީއޯގެ ދަށަށް ބަދަލުކުރުމަަށް ސަރުކާރުން ނިންމީ އެ ބަދަލު ގެނައުމަށް ޝައުގުވެރިކަން ފާޅުކޮށް އެސްޓީއޯ އިން މިމަހުގެ 15 ވަނަ ދުވަހު ސަރުކާރަށް ހުށަހެޅި ޕްރޮޕޯސަލަށް ބެލުމަށްފަހު އެވެ. އެސްޓީއޯ އިން ބުނީ ފެނަކައިގެ އިންޓަރިމް ބޯޑު އެކުލަވާލުމަށް ހަމަޖެހިފައިވަނީ އެސްޓީއޯ، ފިނޭންސް މިނިސްޓްރީ، އެންވަޔަރަންމަންޓް މިނިސްޓްރީ ތަމްސީލް ކުރާ ބޭފުޅުން ހިމެނޭ ގޮތަށް ކަމަށެވެ.

