ސްޓެލްކޯ އިން ކަރަންޓުގެ ހިދުމަތް ދޭ ރަށްތަކުގެ ތެރެއިން ތިން ރަށް ފިޔަވާ ހުރިހާ ރަށެއްގައި ސްމާޓު ގްރިޑު ގާއިމްކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ސްޓެލްކޯއިން ބޭނުންކުރަން ފަށައިފައިވާ ސްމާޓް ގްރިޑް އަދި މުސްތަގުބަލުގައި އެ ސްމާޓް ގްރިޑް ފުޅާވެގެންދާނެ ގޮތާއި ބެހޭ ގޮތުން މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރު ހުސެން ފަހުމީ ވިދާޅުވީ އެ ކުންފުނީގެ ހުރިހާ އިންޖީނުތައް އޮޕަރޭޓްކުރަމުންދަނީ އެސްކާޑާ ސިސްޓަމެއް މެދުވެރިކޮށް ކޮމްޕިއުޓަރު މެދުވެރިކޮށް ކަމަށެވެ.
އެގޮތުން، ޑިސްޓްރިބިއުޝަން ސިސްޓަމް މިހާރު ސްމާޓް ގްރިޑަކަށް ބަދަލުކޮށްފައިވާ ކަމަށާއި، މިއާއެކު ހުރިހާ ޓްރާންސްފޯމަރުތައް އޮފީހުގައި ތިބެގެން ކޮންޓްރޯލްކޮށް ލޯޑް ކަލްކިއުލޭޓް ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސްމާޓު މީޓަރު ހަރުކުރުން ލަސް ވި ސަބަބަކީ ސްމާޓު ގްރިޑު އިންސްޓޯލު ކޮށް ނިމެންދެން މަޑުކުރުމުން ކަމަށެވެ. ޖުމްލަ ޓޯޓަލް ސޮލިއުޝަން ލިބެނީ ސްމާޓް ގްރިޑާ އެކު ސްމާޓު މީޓަރު އައުމުން ކަމަށާ ސްމާޓު ގްރިޑުގެ މަސައްކަތް ނިމުމުން ސްމާޓު މީޓަރުގެ މަސައްކަތް ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެ ކުންފުނީގެ ޗީފް ޓެކްނިކަލް އޮފިސަރު އަހުމަދު އިގުބާލު ވިދާޅުވީ ސްޓެލްކޯ އިން ކަރަންޓުގެ ހިދުމަތް ދޭ ރަށްތަކުގެ ތެރެއިން ތިން ރަށް ފިޔަވާ ހުރިހާ ރަށެއްގައި ސްމާޓު ގްރިޑު ގާއިމްކޮށްފައިވާ ކަމަށެވެ. އަދި އަންނަ އަހަރު ނިމެންވާއިރަށް ހުރިހާ ރަށެއްގެ ކަރަންޓު ލޯޑު މާލޭގައި ހުންނަ ސްޓެލްކޯގެ މައި އޮފީހުން ފެންނާނެހެން އެ ނިޒާމު ޤާއިމް ކުރެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ ޖެނެރަލް މެނޭޖަރު، ޓްރާންސްމިޝަން އެންޑް ޑިސްޓްރިބިއުޝަން އިބްރާހިމް ނާޝިދު ވިދާޅުވީ މާލެ އާއި ހުޅުމާލޭގެ 57 ޓްރާންސްފޯމަރު މިހާރު ގްރިޑު ތެރެއަށް އިންޓަގްރޭޓު ވެފައިވާ ކަމަށެވެ.
އަޅުގަނޑުމެންގެ ފީޑުގައި ހުރި ހުރިހާ ޑިސްޓްރިބިއުޝަން ނެޓްވޯކަކަށް ފައިބާ ނެޓްވޯކު އެޅިފައި އެ ހުރީ. އަޅުގަނޑުމެންގެ ސްމާޓް ގްރިޑުގެ ބެކް ބޯން ސްޓްރަކްޗާ އެކީ ނިމިފައި އެ ވަނީ
ސްމާޓް ގްރިޑު މަޝްރޫއު ނިމުމާ އެކު ދެން އެ ކުންފުނިން ފަށާނީ ސްމާޓު މީޓަރު ހަރުކުރުމުގެ މަސައްކަތް ކަމަށް ސްޓެލްކޯއިން ބުންޏެވެ. އަދި އެ ކުންފުނީގެ އަމާޒަކީ ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި އެ ކުންފުނީގެ ހުރިހާ ކަސްޓަމަރުން ސްމާޓް މީޓަރަށް ބަދަލު ކުރުން ކަން ފާހަގަކޮށްފައިވެއެވެ.

