ހުޅުމާލޭގައި 12 ޕާކިން ބިލްޑިން ތަރައްގީކުރަން ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
މިކަމާއި ގުޅިގެން ހައުސިން ޑިވެލޮޕްމެންޓް ކޯރަޕަރޭޝަން (އެޗްޑީސީ) އިން ބުނީ މި ޕާކިން ބިލްޑިންތަކަކީ ހުޅުމާލޭގެ ޕާކިން މައްސަލައަށް ހައްލު ހޯދުމަށާއި، ވެހިކަލްތަކަށް ރައްކާތެރިކޮށް ޕާކްކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކުރިއަށްގެންދާ މަޝްރޫއެއްކަމަށެވެ. އަދި އެ ޕާކިން ބިލްޑިންތަކުގައި ކޮމާޝަލް ޔުނިޓުތައްވެސް ހިމެނޭނެއެވެ. އެ މަޝްރޫއު ދޫކުރުމުގައި އިސަކަންދޭނީ އީޕީސީ ޕްލަސް އެފް (އިންޖިނޭރިން، ޕްރޮކިއުމަންޓް، ކޮންސްޓްރަކްޝަން އަދި ފައިނޭންސް) މޮޑެލްއަށެވެ.
ނަމަވެސް، އެ ކޯޕަރޭޝަނަށް ހުށަހަޅާ އީއޯއައިތައް އެހެން މޮޑެލްތަކަށް ވެސް ހުށަހެޅިދާނެކަމަށާއި، އެއް ފަރާތަށްވުރެ ގިނަ ފަރާތުން އެ މަޝްރޫއަށް ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހަޅައިފިނަމަ މަޝްރޫއު ހަވާލު ކުރާނީ އެންމެ ފުރިހަމަ ޕްރޮޕޯސަލް ހުށަހަޅާ ފަރާތަކަށްކަމަށް އެޗްޑީސީއިން ބުންޏެވެ. އީއޯއައިތައް އިވެލުއޭޓް ކުރުމުގައި ބަލާނެ ކަންތައްތަކުގެ ތެރޭގައި ޕްރޮޕޯސްކޮށްފައިވާ ބިޒްނަސް މޮޑަލްއާއި، އޮޕަރޭޓަރުގެ އެކްސްޕީރިއެންސް އަދި ސީއެސްއާރު ހިމެނެއެވެ.
އެހެންކަމުން، ހުޅުމާލޭގައި ޕާކިން ބިލްޑިންގ ތަރައްގީކުރަން ޝައުގުވެރިވާ ފަރާތްތަކުން އީމެއިލް މެދުވެރިކޮށް ސެޕްޓެމްބަރު 16، 2024 ގެ 14:00 ގެ ކުރިން އީއޯއައި ހުށަހަޅަންވާނެކަމަށްވެއެވެ. އީއޯއައިތައް ހުށައަޅަން ޖެހެނީ އީމެއިލް މެދުވެރިކޮށެވެ. މި މަޝްރޫއާ ގުޅޭ އިތުރު މައުލޫމާތު މި ކޯޕަރޭޝަންގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށް އެޗްޑީސީއިން ބުންޏެވެ.
އެ ކޯޕަރޭޝަންގެ ނަންބަރު 1516 އަށް ގުޅައިގެންވެސް އިތުރު މައުލޫމާތު ސާފުކުރެވޭނެކަމަށް ފާހަގަކޮށް އެޗްޑީސީއިން ބުނީ އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަނީ ހުޅުމާލެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ލުއިފަސޭހަ ގޮތްތައް މަގުފަހިކޮށްދިނުމަށްކަމަށެވެ.

