ޝެޑިއުލްއަށް ވުރެ އަވަހަށް ކަނޑައެޅި ބަޖެޓުގެ ތެރެއިން ނިންމި ސިނަމާލެ ބްރިޖުގެ މަޝްރޫއިން ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގާބިލުކަން ހުރި މިންވަރު އެނގޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ސިނަމާލެ ބްރިޖު ބޭނުން ކުރަން ފެށިތާ ހަ އަހަރު ފުރުމުގެ މުނާސަބަތުގައި ކުރެއްވި ޕޯސްޓެއްގައި މުއްތަލިބު ވިދާޅުވީ މިއީ ރާއްޖޭގެ އިގްތިސާދަށް ބޮޑު އިންގިލާބެއް ގެނުވި މަޝްރޫއެއްކެމަަށެވެ. އަދި ޗައިނާގެ އެހީއާއި އެކު އެޅި ސިނަމާލެ ބްރިޖަކީ އެފަދަ އިމާރާތެއް ރާއްޖޭގައި އެޅި ފުރަތަމަ ފަހަރުކަން ވެސް މިނިސްޓަރ ފާހަގަކުރެއްވި އެވެ.
މުއްތަލިބު ވިދާޅުވީ ބްރިޖުގެ މަޝްރޫއުއާއި އެކު ދިވެހިންނާއި ރާއްޖޭގެ އިގްތިސާދަށް އައު ދޮރުތަކެއް ހުޅުވިގެން ދިޔަކަމަށެވެ. މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނަވައިގެން ޝެޑިއުލްއަށް ވުރެ އަވަހަށް ކަނޑައެޅި ބަޖެޓުގެ ތެރެއިން ނިންމެވި މަޝްރޫއެއްކަމަށާއި އެކަމުން ވެސް އެމަނިކުފާނުގެ ގާބިލުކަން ހުރި މިންވަރު އެނގޭކަމަށް މުއްތަލިބު ވިދާޅުވި އެވެ.
ރައީސް މުއިއްޒުގެ ހައުސިން މިނިސްޓަރުކަމުގައި ފެށި އެ މަޝްރޫއު 2017 ވަނަ އަހަރާ ހަމައަށް ދިޔައިރު 35 ތަނބުގެ ތެރެއިން 22 ތަނބަށް ކޮންކްރީޓު އަޅާ ވަނީ ނިމިފަ އެވެ. އެއަށް ފަހު އަހަރު މެދާއި ހަމައަށް ދިޔައިރު ވީ އަކުރެއްގެ ސިފައިގައި އިންނަ ކެޕްއިން އެޅުމުގެ މަސައްކަތް ވަނީ ނިންމާލާފަ އެވެ. އަދި އެ މަސައްކަތް ކުރިޔަށް ދިޔަ ގޮތް ނޫސްވެރިންނަށް ދައްކާލުމަށް ފަހު، ބްރިޖު ގުޅުވާލައި 2018 ގެ ޖުލައި މަހުގެ ތެރޭގައި ވެސް ނޫސްވެރިންނަށް މަސައްކަތް ކުރިޔަށް ދާގޮތް ދައްކާލި އެވެ.
އޭރު ވެސް ރައީސް މުއިއްޒު ފާހަގަކުރެއްވީ، ބްރިޖުގެ މަސައްކަތް ދަނީ ޝެޑިއުލް ކުރެވުނު މިންވަރަށް ވެސް ބާރު ސްޕީޑެއްގައިކަަމަށާއި، ބްރިޖު ވެގެން ދާނީ އިގްތިސާދުގެ އެންމެ ބޮޑު ހިއްސާދާރަށް ކަމަށެވެ.
އޭގެ ފަހުން މިވީ ފަަސް އަހަރުގެ ތެރޭގައި ބްރިޖު ފާހަގަކުރެވުނީ ރާއްޖޭގެ ތަރީހުގައި ވެސް އެންމެ ފާހަގަކޮށްލެވޭ ޕްރޮޖެކްޓަށެވެ. އޭރު އިދިކޮޅުގައި އޮވެ އެމްޑީޕީން ބުނަމުން ދިޔައީ ދައުރު ނިމޭއިރު ވެސް ބްރިޖުގެ މަސައްކަތް ނިންމާ ނުލެވޭނެކަމަށާއި، ޝެޑިއުލްއަށް މަސައްކަތް ކުރިޔަށް ވެސް ނުދާކަމަށެވެ.

