ގައުމުގައި ހުރި މައްސަލަތަކުގެ ގޮތުގައި ފާހަގަ މި ކުރާ ކަންކަމަކީ، އިއްޔެ ނުވަތަ މިއަދު ކުރިކަމެއްގެ ސަބަބުން ދިމާވި މައްސަލަތަކެއް ނޫނެވެ. މިއީ މީގެ އެތައް އަހަރެއް ކުރިން ކުރި ކަންތައްތަކެއްގެ ސަބަބުން ދިމާވެފައިވާ ކަންތައްތަކެކެވެ. އޭރު މިކަންކަން ދެމެހެއްޓެނިވި ގޮތެއްގައި ނުކުރެވުމުން ބޮޑުކަމެއްގެ ގޮތުގައި ފާހަގަނުވީ ނަމަވެސް، މިއަދު އަޅުގަނޑުމެން ބޯން ޖެހިފައި މިވަނީ އެކަމުގެ ހިތި ބޭހެވެ. ޒިންމާދާރު ކުރުމުގެ މަސައްކަތްތައް ފެށުންލެއް މާ ބޮޑަށްވެސް ލަހީއެވެ. ފިޔަވަޅުތައް އަޅަމުން އައީ، އޭރެއްގެ ހާލަތަށް އެކަނި ވިސްނާފައެވެ. އެކަމުގެ ސަބަބުން ދެން ދިމާވެދާނެކަމަކަށް، ދެން އަންނަ ބަޔަކު ނަގަން ޖެހޭނެ ޒިންމާއަކަށް ބަލާފައެއް ނެތެވެ.
މިހާރު ގައުމުގެ އިގްތިސާދީ ހާލަތު މިއޮތް ފައްތަރަކީ އޭގެ ފުރިހަމަ މިސާލެކެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ރައީސް މުހައްމަދު ވަހީދު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ދައުރުތަކުގައި އުފެދިފައިވަނީ 56 ބިލިއަން ރުފިޔާގެ ދަރަންޏެކެވެ. ދެން ވަޑައިގެންނެވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހެވެ. އެމަނިކުފާނުގެ ވެރިކަމުގައި އެކަނި، 4 ވެރިކަމުގެ ދަރަންޏަށްވުރެ ބޮޑު ދަރަންޏެއް އުފެއްދިއެވެ. އެއީ 64 ބިލިއަން ރުފިޔާއެވެ. މިހާރު ދައުލަތުގެ ދަރަނި 120 ބިލިއަނުން މައްޗަށް އަރާފައިވާއިރު، މިކަމުގެ ފާޑުކިޔުމާއި، މިކަމުގެ ސަބަބުން ދިމާވާ ދަތިތަކުގެ ހުރިހާ ބުރައެއް އުފުލަން ޖެހިފައި މިވަނީ، އަދުގެ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒެވެ. އަދި ނުފޯރާ ފޮތިން ފޫގަޅައިގެން، ވެރިކަން ކުރަން ޖެހިފައި މިވަނީވެސް އެމަނިކުފާނަށެވެ.
ނަމަވެސް މިއީ ރައީސް މުއިއްޒު އުފެއްދެވި ދަރަންޏެއް ނޫނެވެ. އޭރެއްގައި އެ އޮތް ހާލަތުން އަރައިގަތުމަށްޓަކައި އެކި އެކި ވެރިކަންތަކުގައި އުފެއްދި ދަރަންޏެވެ. ނަމަވެސް ރާއްޖޭގައި އެންމެ ރަނގަޅަށް ނިޒާމު ބައްޓަން ކުރެވިފައި ނެތީތީ، ކިތައްމެ ބޮޑު ގޯހެއް ވެރިކަމުގައި ހެއްދެވި ނަމަވެސް ސަލާމަތް ވެވޭނެ ދޮރެއް ފަހިވާނެކަން އެނގިވަޑައިގަންނަވާތީ މިކަންކަމަށް އެއްވެސް މީހަކު މާ ބޮޑު ސަމާލުކަމެއް ނުދެއްވަނީއެވެ. މިއަދު ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތީ ފިޔަވަޅުތަކެއް އަޅާ، ބޮޑެތި ބަދަލުތަކެއް ގެނައި ނަމަވެސް، އެކަންކަން ފާހަގަނުވާހާ ގޯސްވެފައެވެ. މުޅި ގައުމު އެކީ ރިފޯމްކުރި ނަމަވެސް އެ ބަދަލު ފެންނަން ވަގުތު ނަގާހާ އިގްތިސާދީ ހާލަތު ގޯހެވެ. ހަރަދު ކުޑަ ކުރުމުގެ ފިޔަވަޅުތައް ކެނޑި ނޭޅި އަޅަމުން ދިޔަ ނަމަވެސް އިތުރަށް ހާލަތު ދަށަށްދާހާ، އޮތް އަނދަވަޅު ފުނެވެ.
އިގްތިސާދީ ހާލަތުގެ ވާހަކަ ބޭއްވުމަށްފަހު، އެހެން ކަންކަމަށް ބެލި ނަމަވެސް ހަމަ އޮތީ މި ހާލަތެވެ. ދޭސީންގެ މައްޗަށް، ބިދޭސީއިން ގަދަވެ، ގައުމަށް ލިބެން ހުރި ފައިދާ ބޭރަށް ކެހިގެން ދާ މަންޒަރު ފެނުމަކީ ހަގީގަތުގައިވެސް ކަންބޮޑުވުމެކެވެ. އެ ގައުމަކުން ލައްކައަކަށްވުރެ ގިނަ މީހުން އެތެރެ ނުކުރެވޭނެކަމަށް ގާނޫނުގައި ލިޔެފައި އޮތްކަން އެކަންޏެވެ. އެކަން ތަންފީޒު ކުރުމަށްޓަކައި ރައްޔިތުންގެ ޓެކްސް ފައިސާއިން ބޮޑު މުސާރަ ދިނުމަށްފަހު، އެތައް ބަޔަކަށް ވަޒީފާ ދިނެވެ. ނަމަވެސް ހާސިލްވީކަމެއް ފެންނާކައް ނެތެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއިންގެ މައްސަލަ ހައްލު ކުރުމަށްޓަކައި، މި ބޮޑު މާލެ ސިޓީގައި އިމިގްރޭޝަންގެ މުވައްޒަފުން އަތް ފުނާ އަޅަައިފިއެވެ. އެތައް ބިދޭސީއަކު ހައްޔަރުކޮށް، އެތައް ބަޔަކު ޑީޕޯޓުވެސް ކޮށްފިއެވެ. އަދިވެސް އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި އެތައް ބަޔަކު އެބަތިބިއެވެ. ނަމަވެސް މިއީވެސް އެކަށީގެންވާ މަސައްކަތެއްކަމަށް ބަލައިގަންނަން ދަތީ، މައްސަލަ ގޯސްވެފައި އޮތްލެއް ބޮޑުކަމުންނެވެ.
ދެން އޮތީ ގޭންގު މަރާމާރީއާއި، މަސްތުވާތަކެތީގެ މައްސަލައާއި، މަގުމަތީގެ ރައްކާތެރިކަން ކަށަވަރުނުވެ އޮތް މައްސަލައެވެ. މީގެ ކުރީގައި އެކަންކަމާއިމެދު އަމަލު ކުރަމުން އައި ގޮތުން ސަބަބުން، އަދި އެކަށީގެންވާ ގޮތެއްގައި ފިޔަވަޅުތައް ނޭޅި އޮތުމުގެ ސަބަބުން މިކަންކަންވެސް ހުރީ އަތުނުވާ ހިސާބުގައެވެ. ޕާކިންގެ މައްސަލައާއި، މަގުތަކުގެ މައްސަލައަށް ބެލި ނަމަވެސް ހަމަ މިހެންނެވެ. އެންމެ އަސާސީ ހައްގުތައްވެސް އޮތީ މި ހާލަތުގައެވެ. ސިއްހީ ހިދުމަތާއި، ތައުލީމު ހޯދުމާއި، މިހެން ގޮސް ދިގު ލިސްޓެއް ކިއިދާނެއެވެ. މީގެ ކުރިން އެންމެ އެކަށީގެންވާ ގޮތެއްގައި މިކަންކަން ދެމެހެއްޓެނިވި، ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދަން އަހަމިއްޔަތުކަން ދެވިފައި ނެތުމުގެ ސަބަބުން، އެކަމުގެ ހިތި ތަޖުރިބާ ކުރަން ޖެހިފައިމިވަނީ އަދުގެ ޖީލެވެ.
ހުރިހާކަމެއް އެއްކިބާގައި ބޭއްވުމަށްފަހު ހައްލު ކުރަންވީ މައްސަލައަކީ މިއީއެވެ. މިއަދުގެ ހާލަތުން އަރައިގަތުމަށްޓަކައި މާދަމާ އަނދަވަޅަކަށް ނުވެއްޓޭނެ ގޮތަށް ކަންކަން ބައްޓަން ކުރެވޭނެ ނިޒާމެއް، މިއަދު ރާއްޖެއަށް ބޭނުންވެއެވެ.

