ބައެއް ކަސްޓަމަރުންނަށް ސްޓެލްކޯ ތަމްސީލުކުރާ ކަމަށް ހެދިގެން ވަކިވަކި ފަރުދުންގެ ފަރާތުން އޮޅުވާލައިގެން ސްކޭމް ކޯލްތައް ލިބެމުންދާކަމަށް ބުނެ އެކމަށް ސަމާލުވުމަށް ސްޓެލްކޯއިން އެއްދިއްޖެއެވެ.
ސްޓެލްކޯގެ އެމްޑީ ހުސެއިން ފަހުމީ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ބައެއް ކަސްޓަމަރުންނަށް ސްކޭމް ކޯލްތައް ލިބެމުންދާ ކަމަށާއި އެ ގުޅާ މީހުން ފޯރުކޮށްދެނީ ދޮގު މައުލޫމާތު ކަމަށާއި އަދި ކަސްޓަމަރުންނަށް އޮޅުވާލަން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.
ކަސްޓަމަރުން ސަމާލުވާންވީ ކަންކަމުގެ ތެރޭގައި ސްޓެލްކޯއިން ދުވަހަކުވެސް ފޯނުން ކަސްޓަމަރުންގެ ޒާތީ ނުވަތަ މާލީ މައުލޫމާތު ހޯދުމަށް ނުގުޅާނެ ކަމަށް ފަހުމީ ވިދާޅުވިއެވެ. އަދި ޝައްކު ކުރެވޭ ކޯލެއް ލިބިއްޖެނަމަ، އެއްވެސް ޒާތީ މައުލޫމާތެއް ހިއްސާ ނުކުރުމަށް އެމްޑީ އިލްތިމާޒް ކުރައްވާފައިވެއެވެ. ކަސްޓަމަރުން ކުންފުންޏާއެކު ކުރާ މުއާމަލާތެއްގެ ސައްހަކަން ރަސްމީ ޗެނަލްތަކުން ސްޓެލްކޯއާ ގުޅައިގެން ޔަގީންކުރުމަށް ސްޓެލްކޯއިން ވަނީ އެދިފައެވެ.
ސްޓެލްކޯގެ ކޮންޓެކްޓް ސެންޓަރު 1545 ގުޅައިގެންވެސް އެކަމުގެ މައުލޫމާތު ހޯދޭނެއެވެ.

