ޔޫނިއަތަކަކީ ވަރަށް ގިނަ ރައްޔިތުން ތަމްސީލު ކުރާ ބައެއްކަމަށާއި، އެހެންކަމުން ކުރިއަށްދާނީ ޔޫނިއަންތަކުގެ އަޑު އަހައިގެންކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާާޅުވެއްޖެއެވެ.
ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ އިސް ބޭފުޅުންނާއި އަދި ގެދޮރުވެރިކަމާއި ބެހޭ އެކި ޔޫނިއަންތަކުގެ ބޭފުޅުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން މައުލޫމާތު ހިއްސާ ކުރައްވަމުން ރައީސް ވިދާޅުވީ މި ދެބައްދަލުވުމަކީ ވަރަށް ’ލުކް ފޯވާޑް‘ ކުރާ ބައްދަލުވުމެއްކަމަށެވެ.
ބޮޑު ކަންނެލި މަސްވެރިކަން ރާއްޖޭގައި ކުރިއެރުވުމަށް ސަރުކާރުގެ ސިޔާސަތަކީ އެކަމުގައި މަސައްކަތް ކުރާ މަސްވެރިންގެ އަޑު އަހައިގެން ކުރިއަށް ދިއުންކަމަށެވެ. މި ބައްދަލުވުމުގައި މަޝްވަރާ ކުރާ ކަންކަމަށްވެސް ރިޔާއަތް ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ. ކޮންމެ އިންޑަސްޓްރީއެއްގައި މަސައްކަތް ކުރި ނަމަވެސް އެ މީހުންގެ އަޑު އަހައިގެން ކުރިއަށްދިއުމަކީ ސަރުކާރުގެ ސިޔާސަތުކަމަށްވެސް ވިދާޅުވިއެވެ.
ގެދޮރުވެރިކަމާއި ބެހޭ ޔޫނިއަންތަކުގެ ތެރެއިން ރައީސް މިއަދު ބައްދަލު ކުރައްވާކަމަށް ހިއްސާ ކުރެއްވި ޔޫނިއަންތަކަކީ:
ފަހި
ގިރާވަރު
މާލެ ސިޓިޒެންސް އެސޯސިއޭޝަން
ގުޅިފަޅު ރައްޔިތުންގެ އެސޯސިއޭޝަން
ހުޅުމާލެ ރައްޔިތުންގެ ކޮމިޓީ
މާލެ ރަށްވެހިންގެ ޖަމިއްޔާ
މި ހުރިހާ ޔޫނިއަންތަކަކާއިވެސް ބައްދަލު ކުރައްވަނީ އެއްކޮށްކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވިދާޅުވީ މި ބައްދަލުވުމުގައި އެބޭފުޅުންގެ އިހުސާސްތަކާއި، ކަންބޮޑުވުންތައް ހިއްސާ ކުރުމުގެ ފުރުސަތު އޮންނާނެކަމަށެވެ.
މި ޔޫނިއަންތަކަކީ ވަރަށް ގިނަ ރައްޔިތުން ތަމްސީލު ކުރާ ބައެއްކަމުން، އެ މީހުންގެ އަޑު އައްސަވާނެކަމަށް ފާހަގަކޮށް ރައީސް ވިދާޅުވީ، މި ބައްދަލުވުމުގެ ނަތީޖާއަކަށް ވެގެންދާނީ ގެދޮރުވެރިކަމާއި ގުޅިގެން ސަރުކާރުން މިހާރު ކުރިއަށް ގެންދާ ކަންތައްތަކާއި، ކުރިއަށް އޮތްތާގައި ނިންމަން ހުރި ކަންކަމުގައި ހިޔާލާއި މަޝްވަރާ ލިބުންކަމަށް ފާހަގަކުރެއްވިއެވެ.

