ހ. ޝީރީންވިލާގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ އަލީ ޝާހިލް ބޭނުން ވަނީ ދިފާއީ ވަކީލެއްގެ އެހީއާއި ނުލައި ޝަރީއަތް ކުރިޔަށް ގެންދަންކަމަށް އޭނާ ކޯޓުގައި ބުނެފި އެވެ.
ހ. ޝީރިންވިލާގެ 09 ވަނަ ފަންގިފިލާގައި، ޝިއާއު މަރާލާފައި އޮއްވައި ފެނުނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 06 ވަނަ ދުވަހު އެވެ. ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދީ، ޝިއާއު މަރާލި މައްސަލައިގައި ކުށުގެ ވެށިން ހައްޔަރު ކުރީ އަލީ ޝާހިލް އެވެ. އިތުރު މީހެއް ނުވަތަ، ބައެއްގެ ބައިވެރިވުމެއް އޮތްކަމަށް ނުބެލެވޭ މި މައްސަލައިގައި ޝަރީއަތް ކުރިޔަށް ގެންދެވޭ ގޮތެއްވެފައި ނުވަނީ ޝާހިލް އެއްބާރުލުން ނުދޭތީ އެވެ.
ހ. ޝީރީންވިލާގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ އަލީ ޝާހިލް ބޭނުން ވަނީ ދިފާއީ ވަކީލެއްގެ އެހީއާއި ނުލައި ޝަރީއަތް ކުރިޔަށް ގެންދަންކަމަށް އޭނާ ކޯޓުގައި ބުނެފި އެވެ.
މައްސަލައިގައި ޝާހިލްގެ މައްޗަށް ފަސް ދައުވާއެއް ކުރާއިރު، ބައެއް ދައުވާތައް ސިއްރުކޮށް އަޑުއެހުންތައް ވެސް ގެންދަނީ ސިއްރުކޮށްގެންނެވެ.
ކްރިމިނަލް ކޯޓުން މީޑިއާތަކަށް ބުނެފައި ވަނީ މައްސަލައިގައި ބޭއްވި އަޑުއެހުމުގައި ޝާހިލް އަމިއްލއަށް ދައުވާ ކުރިޔަށް ގެންދަން ބޭނުންވާތީ ދައުލަތުން ހަމަޖައްސައިދިން ވަކީލު ދޫކޮށްލާފައިވާކަމަށެވެ. އަދި މައްސަލައިގެ ލިޔެކިއުންތައް ހޯދައި ޝާހިލްއަށް ހަވާލު ކުރުމަށް ޝަރީއަތުން އެންގި އެވެ.
މީގެއިތުރުން ޝަރީއަތުން ވަނީ ކޯޓުގައި ބެލޭ ގޮތަށް ހެކި ރައްކާތެރި ކުރުމުގެ އަމުރު ނެރެފައިވާ ލިޔެކިއުންތައް ބަލަން އެދިފަ އެވެ. އެހެންވެ އެ ލިޔެކިއުންތައް ބެލޭނެ އިންތިޒާމު ހަމަޖައްސަން ޝަރީއަތުން އެންގި އެވެ.
އެހެންކަމުން ދެން މި މައްސަލައިގައި އޮންނަ އަޑުއެހުމުގައި ޝާހިލްގެ މައްޗަށް ދައުވާ އިއްވައި އެ ދައުވާތަކަށް ޝާހިލްގެ ފަރާތުން ޖަވާބުދާރީވާން ފުރުސަތު ދޭނެ އެވެ.
މައްސަލައިގައި މިދިޔަ އަހަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ، ޝާހިލްގެ މައްޗަށް ކުށް ސާބިތު ކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި ލިބިފައިވާ ކަމަށެވެ. އަދި މަރާލި ގޮތުގެ ތަފްސީލާއި، މޯޓިވްކަމަށް ބެލެވޭ ބައެއް ގަބޫލު ކުރެވޭ ސަބަބުތައް ވެސް އެބަހުރި ކަމަށެވެ. މި މައްސަލައިގައި ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ޝާހިލްގެ މައްޗަށް ސާބިތު ކުރެވޭ މިންވަރަށް ހެކި ލިބިފައިވާކަމަށް ފުލުހުން ބުނެ އެވެ.
މައްސަލައިގައި ފުލުހުންނަށް އެންމެ ބޮޑަށް ދަތިވީ، ޝާހިލްގެ ފަރާތުން އެއްބާރުލުމެއް ނުލިބުމުންނެވެ. ނަމަވެސް މިހާރު ތަހުގީގަށް އޭނާ ވާހަކަ ދައްކަމުން ދާކަމަށް ފުލުހުން މައުލޫމާތު ދެ އެވެ.
ފުލުހުން ބުނީ ޝިއާއު މަރާލާފައި ވަނީ، ރާވައިގެންކަމަށް ނުބެލެވޭކަމަށާއި އެއީ ދިމާވި ކުއްލިކަމެއްގެ ތެރެއިން ހިނގައިދިޔަ ހާދިސާއެއްކަމަށް ބެލެވޭ ކަމަށެވެ. ޝާހިލް ހައްޔަރު ކުރިއިރު އޭނާ ހުރީ މަސްތުގެ ހާލަތުގަ އެވެ.

