ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހި ރާއްޖޭގެ ތައުލީމީ ނިޒާމުން ރާހަތު ކުރޭތަ؟

އަހަރެންގެ ޙިޔާލު-
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރާއްޖޭގެ ތައުލީމީ ނިޒާމު ބައި ކުރެވިފައި ވަނީ ޖުމްލަ 10 މިންތިތަކަކަށެވެ. ބޭބީ ނާސަރީއިންފެށިގެން ގުރޭޑު 10އަކާއި ހަމައަށްވެސް، ފެނިގެން ދަނީ އެކަށައެޅިފައިވާ ސިލަބަސްއެއްގެ ދަށުން ހުރިހާ ދަރިވަރުން އެއް މިނަކަށް ތަމުރީނު ކުރުމަށް މަސައްކަތް ކުރަމުންދާ ތަނެވެ.

ރާއްޖޭގެ ތައުލީމީ ނިޒާމު ބިނާވެފައިވާ ގޮތުން، ގުރޭޑު 10 އާއި ހަމައަށް ސަރުކާރުން ހިލޭ ދަރިވަރުންނަށް ކިޔަވާ ދެއްވަ އެވެ. އަދި ސަރުކާރުގެ ފަރާތުން ހިލޭ ޑިގްރީ ކިޔެވުމުގެ މަޤު ވަނީ ފަހިކޮށްދެއްވައިފަ އެވެ. ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް، ޚާއްސަ މަދަރުސާތައް ޤާއިމް ކުރެވިފައި އެބަ ހުއްޓެވެ. ކަންކަން މިހާ ފުރިހަމަވެފައި ވީ ނަމަވެސް، ބަލައި ނުލާ ދޫކޮށްލެވިފައި އޮތް ބައެއް ކަންކަން ހުރިކަން ފާހަގަ ކޮށްލެވެއެވެ.

ސުވާލަކީ، އަޅުގަނޑުމެންގެ ދަރިވަރުންނަކީ އެއް ފޮތަކުން، އެއް ސިލަބަސްއަކުން ކިޔަވައި އެއް މިންވަރަކަށް ފާސްވާންޖެހޭ ބައެއްކަމަށް ގަބޫލު ކުރުމަކީ މިކަމުގައި އެންމެ ރަނގަޅުގޮތް ތޯއެވެ.

އިނގިރޭސި މީޑިއަމްއިން ކިޔަވައިދޭ މާއްދާ ތަކަށް ބަލައިލާނަމަ، އެކި ދަރިވަރުންގެ އިނގިރޭސި ބަހުގެ ފެންވަރު އެކި ވަރުގައި ހުރި ކަމީ އެންމެންނަށްވެސް ސާފުކޮށް އެނގޭ ހަގީގަތެކެވެ.

ކުރުކޮށް ބުނާނަމަ، ހުރިހާ ކުދިންނަށް އެއްހެދުމެއް ހެޔޮވަރުކުރުމަށް މަސައްކަތް ކުރެވޭހެންވެސް އެބަ ހީވޭ ނޫންތޯއެވެ. ހަމަ އެކަނި ކިޔަވައިދޭ ބަހުގެ ސަބަބުންވެސް އެއްބައި ކުދިން އެ މާއްދާއަކުން އެކަށީގެންވާ ނަތީޖާއެއް އަދާ ކުރުމުގައި ކާމިޔާބު ނުވެއެވެ.

ޔުނިސެފްއިން ނެރެފައިވާ ރިޕޯޓަކަށް ބަލައިލާނަމަ، ދަށު ސާނަވީގައި ކިޔަވާ ދަރިވަރުންގެ ތެރެއިން މަތީސާނަވީ ތައުލީމު ހާސިލްކުރުމަށް ދަނީ ކިޔަވާ ދަރިވަރުންގެ ނިސްބަތުން އެންމެ 1.6 އިންސައްތައެވެ. އޭގެތެރެއިންވެސް މަތީ ސާނަވީ ތައިލީމުން ފާސް ވަނީ ކިޔަވާ ދަރިވަރުންގެ ނިސްބަތުން 45 އިންސައްތަ ދަރިވަރުން ކަމުގައި ހާމަކޮށްފައި ވެއެވެ. ޖުމްލަ ގޮތަކަށް ބަލާ ނަމަ، ރާއްޖޭގެ ރަށްތައް ބެހިފައިވާ ގޮތުން، ހުރިހާ ރަށެއްގައި އަދި މަތީ ސާނަވީ ތައުލީމު ހާސިލް ކުރެވޭނެ މަގު ފައި ކުރެވިފައެއް ނުވެއެވެ.

ޕްރައިމަރީ ތައުލީމަށް ބަލައިލާ ނަމަ، ސަރުކާރުން ހިލޭ ގިނަ ރަށް ރަށުގައި ތައުލީމް ހާސިލް ކުރެވޭނެ މަގު ތަނަވަސް ކޮށްދީފައި އޮތުމުގެ ސަބަބުން، ޕްރައިމަރީ ތައުލީމު އުނގެނުމަށް ސްކޫލް ތަކަށް ވަންނަ ދަރިވަރުންގެ އަދަދު ވަރަށް ގިނައެވެ. އެހެން ނަމަވެސް ރާއްޖޭގެ ގިނަ ރަށްރަށުގައި، ރަނގަޅު ފެންވަރުގެ މުދައްރިސުން ނެތުމުގެ ސަބަބުން، ބައެއް ރަށް ރަށުގައި، އެކަށީގެންވާ ނަތީޖާއެއް ނެރުމުގެ ފުރުސަތު ވަރަށް ހަނިކަމުގައި ފާހަގަ ކުރެވެއެވެ. މިކަން މިހެން ދިމާވަނީ ރާއްޖެ ޖަޒީރާ ގައުމެއްގެ ގޮތުގައި އޮތުމުގެ ސަބަބުންނޭ ބުނެވިދާނެއެވެ. ރާއްޖޭގެ ރަށްރަށުން ކިޔަވާ ދަރިވަރުންގެ ތެރެއިން ޕްރައިމަރީ ތައުލީމުން ފާސްވަނީ ، ވެރިރަށް މާލޭގައި ކިޔަވާ ދަރިވަރުން ފާސްވާ ނިސްބަތަށް ބަލާފައި، 20 އިންސައްތަ ދަށް އަދަދަކަށެވެ.

ސާނަވީ ތައުލީމަށް ފަހު، އުމުރުން 16 އަހަރުގައި ތައުލީމް ހާސިލް ކުރުން ދޫކޮށްލާ ދަރިވަރުންގެ އަދަދު އަންނަނީ ގިނަވަމުންނެވެ. އަދި ރަނގަޅު ނޫން މަގު އިޚްތިޔާރު ކުރެވި، މަގު ގެއްލެމުންދާ ޒުވާނުން މިވަނީ އިންތިހާއަށް ގިނަ ވެފައެވެ. މާލޭގައި ހިނގާ ކުށްތަކުގެ ނިސްބަތުން، 95 އިންސައްތަ ޒުވާނުންނަކީ ތައުލީމުގެ ވެށިން އެކަހެރިވެގަނެ، ނުބައި މަގު އިޚްތިޔާރު ކުރެވިފައިވާ ދިވެހި ދަރިންނެވެ. މިއަދު ކުށުގެ ވެށީގެ އަދަދު އިތުރު ވަމުން އަންނަ، މިފަދަ ކަންކަން ބަލައި، ދިރާސާ ކުރުން މި ވަނީ މުޖުތަޢުއަށް މުހިންމު ވެފައެވެ.

ރަށް ރަށަށް ބަލައިލާ ނަމަ، ރިކްރިއޭޝަނަލް ހަރަކާތްތަށް މާލޭގައި ހިންގާ ވަރާ ގާތަށް ވެސް ނުހިންގޭ ބުނުން ދޮގަކަށް ނުވާނެއެވެ. މި ކަންކަމުގެ ސަބަބުން ދަރިވަރުން، ތައުލީމް ހާސިލް ކުރުމަށް ފޫހިވެ، އެހެން މަގެއް އިޚްތިޔާރު ކުރުމަށް މަސައްކަތް ކުރެއެވެ. ރަށް ރަށުގެ ތައުލީމީ ފެންވަރު މި ހާލަތުގައި އޮތުމުގެ ސަބަބުން އެތައް އާއިލާއެއް ރަށް ދޫކޮށް މާލެއަށް ހިޖުރަ ކުރުމަށް މަޖުބޫރު ވެއެވެ. ބައެއް ރަށްރަށަކީ ދުވަސްކޮޅުކޮޅުން ގޮސްލެވޭ ވަރަށްވުރެ މާލެއާއި މާ ދުރު ހިސާބު ތަކުގައި އޮންނަ ރަށް ރަށެވެ. ޓިކެޓް ގެ އަގު އެހާމެ ބޮޑެވެ. އާޚިރުގައި، މާލޭގެ އާބާދީއަށް ބަރުވުމުގެ އެންމެ މައިގަނޑު ސަބަބަކަށް ވެފައި މިވަނީވެސް ރަށްރަށުގައި އެކަށީގެންވާ ތައުލީމީ ނިޒާމެއް ގާއިމްވެފައި ނެތުމެވެ. އޭގެ އިތުރުން، މިގޮތަށް ބަދަލުވާ އާއިލާ ތަކުގެ ނިސްބަތުން 10 އިންސައްތައެއް ހާ ކުދިން ދިރިއުޅެމުން ދަނީ އެ ކުދިންގެ މައިންބަފައިންނާއި ވަކިން ތަންތަން ކުއްޔަށް ނަގައިގެންނެވެ. މި ކަމަކީ އެކުދިންގެ ޅަ ސިކުނޑިތަށް ކުށުގެ ވެއްޓަށް ހުށަހެޅުމަށް ލިބޭ ފަހި ފުރުސަތަކަށް ވެގެންދެއެވެ.

މިކަންކަން ހައްލު ކުރުމަށް ރާއްޖޭގައި، މުދައްރިސުން ތަމްރީނު ކުރުމުގެ މަންހަޖު އިސްލާހުކޮށް، ގިނަ މުދައްރިސުން އުފެއްދުމުގެ ބަދަލުގައި،އަދަދު މަދު، ނަމަވެސް ކޮލިޓީ ރަނގަޅު މުދައްރިސުން އުފެއްދުމަށް އިސްކަން ދެވިދާނެއެވެ. އިނގިރޭސި ބަހަށް ދަށް ކުދިންނަށްވެސް ފުރުސަތު ހަނި ނުވާނޭހެން އެކުދިން ދާން ބޭނުންވާ ދާއިރާތަކަށް މަގު ފުޅާ ކޮށްދެވޭނެ ޤާބިލް މުދައްރިސުން ތިބުން ވަރަށް މުހިންމެވެ. އެކި ދާއިރާތަކަށް ޅަ އުމުރުގައި ވެސް ލޯ ހުޅުވޭނެ ކަހަލަ އިތުރު ހަރަކާތްތައް ހިނގައި، ކެރިއާރ ގައިޑެންސް ޕްރޮގްރާމްތައް އެކުދިންގެ ޅަ އުމުރުގައި ވެސް ފެށުމަކީ އެކަމަކުން ނުހަނު ފައިދާ ކުރާނެ ކަމެކެވެ.

މަތީ ސާނަވީ ތައުލީމު ނިމި، ދާންވީ މިސްރާބެއް ނޭނގިފައި ދަރިވަރުން އެ ތިބޭ ތިބުން ނިމުމަކަށް ގެންނަން ޖެހެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: