ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަތުހަރު އަނބުރާ ފުލުހުންގެ ބަންދުކުރީ އެސެސްމަންޓުތައް ފުރިހަމަކޮށްފައިތޯ ތަހުގީގުން ކަށަވަރު ކުރުމަށް އެމްޑީޕީން ގޮވާލައިފި

އާދަމް އަތުހަރު، 32
ޝެއާރކޮށްލާ ކަހަލަދޯ؟

ބާރުގެ ބޭނުންކުރުމުގެ ތެރޭގައި އަތުހަރަށް ލިބުނު ޖިސްމާނީ އަނިޔާއަށް ފަރުވާ ފުރިހަމަވުމުގެ ކުރިން އޭނާ އަލުން އަނބުރާ ފުލުހުންގެ ބަންދަށް ގެންގޮސް ދޫނިދޫގައި ބަންދުކުރީ ހަދަން ޖެހޭ އެސެސްމަންޓުތައް ފުރިހަމަކޮށްފައިތޯ ތަހުގީގުން ކަށަވަރު ކުރުމަށް އެމްޑީޕީން ކަމާބެހޭ ހުރިހާ މުވައްސަސާތަކަށް ގޮވާލައިފިއެވެ.

ތޫނު ހަތިޔާރެއް ބޭނުންކޮށްގެން މާލޭގައި އަންހެނަކު ރަހީނުކުރި އާދަމް އަތުހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުގައި އަމަލުކޮށްފައިވާ ގޮތާއި ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫ ކަސްޓޯޑިއަލްގައި ހުއްޓައި އޭނާ އަމިއްލައަށް މަރުވުމަށް މަސައްކަތްކޮށް މާލެ ގެނެސް ހޮސްޕިޓަލުގައި ފަރުދާ ދެނިކޮށް ހޯމަ ދުވަހުގެ ވަގުތެއްގައި މަރުވި މައްސަލާގައި އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިނގި އެ ހާދިސާގައި އަންހެން މީހާ ސަލާމަތް ކުރުމަށް ފުލުހުން ކުރި މަސައްކަތް އެމްޑީޕީން ފާހަގަކުރާ ކަމަށެވެ. ނަމަވެސް އެ ހާލަތުގައި ފުލުހުން އަމަލުކޮށްފައި ވަނީ އެފަދަ ހާލަތެއްގައި އަމަލުކުރުމަށް ފުލުހުންގެ ތެރޭގައި ކަނޑައަޅާފައިވާ ހަމަތަކާ ހިލާފަށް ކަމުގައި އެމްޑީޕީން ވަނީ ސުވާލު އުފައްދާފައެވެ. އެމްޑީޕީން ބުނެފައިވަނީ ފުލުހުންގެ ތެރޭގައި މިފަދަ ކަންކަން ތަހުގީގުކުރުމަށް އެކުލަވާލާފައިވާ އުސޫލުތަކާ އެއްގޮތަށް އެކަން ތަހުގީގު ނުކުރާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވުމަކީ ފުލުހުންގެ ޕްރޮފެޝަނަލިޒަމަށް އަސަރުކުރާ ކަމެއްކަމަށެވެ. އަދި އެއީ އެމްޑީޕީން ގަބޫލުކުރާގޮތުގައި ގާނޫނީ އިމުގެ ބޭރުން މަސައްކަތް ކުރުމަށް ފުލުހުންނަށް ދެވޭ ހިތްވަރެއް ކަމަށެވެ.

އެމްޑީޕީގެ ބަޔާނުގައި ވަނީ މިކަމާ ގުޅިގެން މިހާތަނަށް ނޫސްވެރިންނާ ހިއްސާކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި އަތުހަރު އަމިއްލައަށް މަރުވާން މަސައްކަތް ފެށި ހިސާބުން އޭނާއާ ހަމައަށް ފުލުހުންނަށް ދެވިފައިވަނީ 28 މިނެޓުން ކަމަށެވެ. ފުލުހުންގެ ބަންދުގައި ހުންނަ ކޮންމެ މީހެއްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ގާނޫނީ ގޮތުން ފުލުހުންގެ މައްޗަށް ލާޒިމު ކަމެއް ކަމަށްވާއިރު އަތުހަރު ފަދަ ބޮޑު އަނިޔާއެއް ލިބިފައި ހުރި މީހަކު ގޮޅީގައި ހަރަކާތްތެރިވަމުންދިޔަ ގޮތް ރަނގަޅަށް ބަލައި އެކަށީގެންވާ ވަގުތުގައި ފިޔަވަޅު އެޅުމުގައި މައުލޫމާތުތަކަށް ބަލާއިރު އިހުމާލުތަކެއް އޮތް ކަމަށް ޕާޓީން ގަބޫލުކުރާ ކަމަށް ބުނެފައިވެއެވެ.

އިތުރު ފަރުވާއަށް އައި.ޖީ.އެމް.އެޗަށް އަތުހަރު ގެނައުމަށް ފަހު ވެސް އޭނާގެ އާއިލާއަށް ދޭން ޖެހޭ އެންމެ ފުރިހަމަ މައުލޫމާތު ދީފައި ނުވާކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި އެފަދަ ބޮޑު ކަމެއް ހިނގައިދިޔުމުން ބަންދުގައި ހުރި މީހާއާ ގުޅޭ މައުލޫމާތު އާއިލާއާ ހިއްސާކުރަން ޖެހޭނެ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

މި ހާދިސާގެ މައުލޫމާތު ހިއްސާކުރަން ޖެހޭނީ ފުލުހުންގެ ހިދުމަތުން ކަމަށްވާއިރު މިކަމުގައި މިހާތަނަށް ވެސް އެ އިދާރާއިން ކަންވީ ގޮތް ހިއްސާކޮށްފައި ނުވުމަކީ ޕާޓީގެ ކަންބޮޑުވުމެއް ކަމަށް ވަނީ ބުނެފައެވެ. ފުލުހުންގެ ހިދުމަތުގެ ބަދަލުގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު މި ހާދިސާގެ މައުލޫމާތު ހިއްސާކުރުމުގައި އިސްކޮށް ހަރަކާތްތެރިވުމަކީ ފުލުހުން ގާނޫނު މަތިކޮށްފައިވާ ޒިންމާ އަދާކުރުމަށް ހުރަސް އެޅޭ ކަމެއް ކަމުގައި ޕާޓީން ދެކޭކަމަށް ވަނީ ބުނެފައެވެ. އެމްޑީޕީން ބުުނެފައިވަނީ މި މައްސަލައިގެ ކަން ހިނގައިދިޔަ ގޮތް ސާފުކޮށްދިނުމަށް ފުލުހުންގެ އިދާރާއިން ނޫސްވެރިންގެ ބައްދަލުވުމެއް ވީ އެންމެ އަވަހަށް ބޭއްވުމަށް ޕާޓީން ވަނީ ގޮވާލާފައެވެ.

ފުލުހުންގެ ގާނޫނުގައި އެ ހިދުމަތް ހިންގާނެ ގޮތް ސާފުކޮށް ބަޔާންކޮށްފައިވާއިރު އެ ގާނޫނަށް ބެލުމެއް ނެތި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ފުލުހުންގެ މައްޗަށް ސިޔާސީ ނުފޫޒު ފޯރުވަމުން ގެންދާކަމަށް އެމްޑީޕީން ވަނީ ތުހުމަތުކޮށްފައެވެ. ފުލުހުންގެ މައްޗަށް މަތިކޮށްފައިވާ ގާނޫނީ ޒިންމާ އަދާކުރުމަށް ހުރަސް އެޅޭ ގޮތަށް ސަރުކާރުގެ އަމަލު ކުރުމަކީ ގާނޫނަށްވުރެ މަތީގައި ފުލުހުން ހަރަކާތްތެރިވުމުގެ ސަގާފަތެއް އިއާދަކުރެވުމުގެ ފުރުސަތު ފަހިވާ ކަމެއްކަމަށް ވެސް ބަޔާނުގައިވެއެވެ. މިގޮތަށް އަމަލުކުރުމުގެ ބަދަލުގައި ފުލުހުންގެ ހިދުމަތް އިތުރަށް ޒަމާނީ އަދި ޕްރޮފެޝަނަލް ފުލުހުންގެ ހިދުމަތެއް ގާއިމުކުރުމަށް ފަށާފައިވާ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް އެމްޑީޕީން ވަނީ ސަރުކާރަށް އިލްތިމާސް ކޮށްފައެވެ.

އަތުހަރު މަރުވުމުގައި އިހުމާލެއް އޮތް ކަމަށް ބެލުމުގެ ޖާގަ އޮތްއިރު މިކަމުގެ ފުރިހަމަ މިނިވަން ތަހުގީގެއް ހިންގައި އެ ތަހުގީގު އާންމުކުރުމަށް ކަމާބެހޭ އެންމެހާ މުއައްސަސާތަކަށް ވަނީ ގޮވާލާފައެވެ. މި ތަހުގީގުތަކުގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް މިފަދަ ހާދިސާއެއް ތަކުރާރު ނުވާނެ ގޮތަށް ފިޔަވަޅުތައް އެޅުމަށް ވެސް ހުރިހާ އިދާރާއަކަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: