ދީނާއި ޤައުމުގެ ދިފާޢުގައި ބޮޑުތަކުރުފާނު ވެވަޑައިގަތް މަތިވެރި ޖިހާދުގެ ޛިކުރާ އައުކޮށް އެއިން އިބުރަތް ލިބިގަތުމަކީ ޤައުމުގެ މިނިވަންކަމާއި ހަމަޖެހުމަށް ކޮންމެހެން މުހިއްމުކަމެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހް ވަނީ ގައުމީ ދުވަހުގެ ތުހުނިޔާ ފޮނުއްވާ ދީނާއި ޤައުމުގެ ދިފާޢުގައި ބޮޑުތަކުރުފާނު ވެވަޑައިގަތް މަތިވެރި ޖިހާދުގެ ޛިކުރާ އައުކޮށް އެއިން އިބުރަތް ލިބިގަތުމަކީ ޤައުމުގެ މިނިވަންކަމާއި ހަމަޖެހުމަށް ކޮންމެހެން މުހިއްމުކަމެއް ކަމަށް ވިދާޅުވެފައެވެ.
ޤައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވާ ފައްޔާޒް ވިދާޅުވީ ގައުމީ ދުވަހުގެ ގޮތުގައި ޙާއްސަ ދުވަހެއް ފާހަގަކުރަނީ އައްސުލްޠާން މުޙައްމަދު ތަކުރުފާނުލް އައުޒަމް ކުރެއްވި މަތިވެރި ޖިހާދުން، ޕޯޗްގީޒުންގެ އަތްދަށުން މި ވަޠަން ސަލާމަތްކުރެއްވުމާއެކު، ދިވެހީންގެ އަމިއްލަ ވެރިކަމެއް ހިންގާ މިނިވަން މުސްތަޤިއްލު ޤައުމަކަށް ދިވެހިރާއްޖެ ވީ ކަމުގެ ޒިކުރާ އައު ކުރުމަށް ކަމަށެވެ.
ފައްޔާޒް ވިދާޅުވީ ފުރިހަމަ މިނިވަންކަމާއެކު ގައުމެއްގެ ސިފައިގައި ދިވެހިރާއްޖެ އޮތުމަށް ޓަކައި ފަރުދީ، ދާޚިލީ އަދި ޚާރިޖީ މިނިވަންކަން އެކުއެކީ ދެމެހެއްޓުން މުހިންމު ކަމަށެވެ. ތާރީޚު ހެކިދޭގޮތުން މި ރާއްޖޭގެ މިނިވަންކަން ގެއްލިދިޔަ ކޮންމެ ފަހަރަކު އެކަމެއް މެދުވެރި ވެފައިވަނީ، ދިވެހީންގެ ތެރެއިން ބަޔަކު އަމިއްލަ މަންފާއަށް ޓަކައި ނުވަތަ ރައްޔިތުންނަށް މޮޅުގޮތް ހޯދައި ދިނުމުގެ ނަމުގައި ހިންގި ފަރުވާކުޑަ އަދި ނޭއްގާނީ ޢަމަލުތަކެއްގެ ސަބަބުން ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.
ގައުމީ ދުވަހަށް އަލިވިލޭއިރު ގައުމިއްޔަތާއި އަދި ގައުމީވަންތަކަން ގެއްލިގެންދާ ގޮތަށް ނިންމޭ ނިންމުންތަކުން އަނެއްކާވެސް ވަނީ ދިވެހި ޖައްވުގައި ބިރުވެރިކަން އުފެދިފައި ކަމަށް ފައްޔާޒް ވިދާޅުވިއެވެ. ޤައުމީ ދުވަހަކީ މިފަދަ ކަންކަމުގެ މައްޗަށް ރައްޔިތުން ބަސްބުނެ، އަޑު އިއްވަން އެންމެ މުނާސަބު ދުވަހެއްކަމަށް ފައްޔާޒް ވިދާޅުވިއެވެ.
މި ދުވަހާއި ގުޅިގެން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ވަނީ ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ. ޝާހިދު ވިދާޅުވީ ދިވެހި ޤައުމިއްޔަތު ބިނާކުރެވިފައިވަނީ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ މައްޗަށް ކަމަށެވެ. މިއީ އެއްދީނެއްގައި ތިބި، އެެއްބަހަކުން ވާހަކަދައްކާ، އެއްނަސްލެއްގެ އެއްބައެއް ކަމަށާއި މިފަދަ ކަންކަމަކީ ދުނިޔޭގެ މަދުބަޔަކަށް ނޫނީ ލިބިފައިނުވާ މަތިވެރި ނަސީބެއް ކަމަށެވެ.
ޝާހިދު ވިދާޅުވީ ޤައުމިއްޔަތުގެ ނަމުގައިވިޔަސް ރައްޔިތުންގެ މެދުގައި ބައިބައިވުން އުފައްދައި ފިތުނައާއި ނަފުރަތު ފެތުރުމަށް ޖާގަ ދެވިގެންނުވާނެ ކަމަށާއި އެކަންވެގެންދާނީ ގައުމިއްޔަތަށް އޮތް އެންމެ ބޮޑު ނުރައްކާ ކަމުގައި ވިދާޅުވިއެވެ.

