ދިވެހި ގައުމިއްޔަތަކީ ދިވެހީންގެ ވިސްނުމުގައި އޮންނަ ދިވެހީންގެ އެއްބައެއް ވަންތަކަމާއި ދިވެހީން ދެމިތިބުމުގެ ފިކުރު ކަމަށް މިނިސްޓަރ އޮފް ދިވެހި ކަލްޗަރ އެންޑް ހެރިޓޭޖް އާދަމް ނަސީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ވިދާޅުވީ ގައުމުދެކެ ލޯބި ވުމުގެ މާނަ ދެކެނީ އިހްސާސެއްގެ ގޮތުގައި ނޫންކަމަށާއި އެއަށްވުރެ ފުން، ބުއްދީގެ ހަމަތަކުގެ މަތިންގެނެވޭ އެއަށްވުރެ ފުން ވާހަކަ ތަކެއް ގޮތުގައި ކަމަށެވެ. އަދި ރައީސް އެކަން ވަރަށް ފާޅުގައި ގައުމީ ދުވަހުގެ ޖަލްސާގައިވެސް ވިދާޅުވެފައިވާ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ދިވެހި ގައުމިއްޔަތު މާނަކުރައްވާ ގޮތަކީ ދިވެހީންގެ ސިފަތަކާއި ދިވެހީންގެ އަސްލުތަކަށް ބެލުން ކަމަށާއި އަދި ދުނިޔޭގެ އެހެންތަންތަނުގައި ވެސް އެބައެއްގެ ގައުމިއްޔަތު ނުވަތަ ނޭޝަނަލް އައިޑެންޓިޓީ އޮންނަ ގޮތް ކަމަށް ވިދާޅުވިއެވެ.
”ދެން މި ގައުމިއްޔަތުގެ ވާހަކަ ދައްކާއިރު އިތުރު ތަފްސީލަކަށް އަޅުގަނޑު ގެންނަން ބޭނުންވޭ އެއީ ރައީސް އިޝާރާތްކުރެއްވި އެހެން ކަމަކާވެސް އެކީގައި. ދުނިޔޭގެ ކޮންމެ ތަނެއްގައިވެސް، ކޮންމެ ގައުމެއްގައިވެސް، އެ ގައުމެއްގެ ހުންން ސިފަތަކަކާއި އޮންނަ ގޮތްތަކަކާއި ގާބޫލުކުރާ ގަބޫލު ކުރުންތަކެއްގެ މައްޗަށް ނަން ކިޔޭ ގައުމިއްޔަތެއް އޮވޭ. އެކި ބަހުން އެކި ނަން މިކެޔެނީ. އޭގެތެރއިން ބައެއް ކަންކަމަކީ ދިވެހީންގެހުރި ކަންކަމެއް ނޫން“
މިނިސްޓަރ ވިދާޅުވީ ބައެއްގައުމުތަކުގައި އޮންނަ ގައުމިއްޔަތު ދިވެހީންގެ ގައުމިއްޔަތާއި ފުށުއަރާނެ ކަމަށާއި އަދި ރައީސްވެސް އެކަމަށް އިޝާރާތް ކުރެއްވި ކަމަށެވެ. އޭގެތެރޭގައި ދީނާއި ހިލާފު ގައުމިއްޔަތުވެސް ދުނިޔޭގައި ހުރި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ދިވެހީންގެ ގައުމިއްޔަތުގެ މަދަކީ އިސްލާމްދީން ކަމުގައި ރައީސް ވިދާޅުވެފައިވާ ކަމަށެވެ. އެހެންކަމުން ދިވެހި ގައުމިއްޔަތުގެ ތެރެއަށް އަންނާނީ އިސްލާމް ދީން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

