މި ފަހުން ބޮޑު ވާހަކައެއްގެ ގޮތުގައި ދެކެވެމުންދާ އެއް ވާހަކައަކީ ބައިނަލްއަގުވާމީ މައިދާނުގައިވެސް ފާހަގަކޮށްލެވޭ ރާއްޖޭގެ ވިޔަފާރިވެރިއަކަށް ސަރުކާރުން ބިމެއް ދޭން އުޅޭކަމަށް ބުނެ ދެކެވޭ ވާހަކަތަކެކެވެ. ހަގީގަތެއްކަމެއް ސާފެއް ނުވެއެވެ. ތުހުމަތުކުރާގޮތުން ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމުގައި އިސް ދައުރެއް އަދާކުރަމުންދާ އެއް ޝަހުސިއްޔަތުކަމަށްވާ މުހައްމަދު އަލީ ޖަނާހުއަށް ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުންވަނީ ބައިނަލްއަގުވާމީ ފެންވަރުގެ މޯލްއެއް ބިނާކުރުމަށް ފުރުސަތު ފަހިކޮށްދީފައެވެ.
މިކަމާއި ގުޅިގެން ގިނަ ބަޔަކު ސަރުކާރަށް ފާޑުކިޔައިފިއެވެ. ކުރިއަށް އޮތްތާނގައި މިފަދަ ކަމެއް ކުރަން ހުށައަޅަން ބަޔަކަށް ނުކެރޭ މިންވަރަށް އެ މަޝްރޫޢުއަށް ފާޑުކިޔައި ކޮރަޕްޝަންގެ ތުހުމަތުތައް އަމާޒުކުރިއެވެ. އެހެންނަމަވެސް މިކަމުގެ މުއާމަލާތްތައް ހިންގީ ނިމިދިޔަ އަހަރުގެ ތެރޭގައިކަން ބައެއް މީޑިއާތަކުންވަނީ ލިބިފައިވާ ލިޔެކިއުންތަކަށް ރިއާޔަތްކޮށް ކަށަވަރުކޮށްދީފައިކަމަށްވުމުން، އިންތިހާއަށް ފައިދާކުރަނިވި މަސައްކަތްތަކެއް ސިޔާސީ ކޮށްގެން ފެށުމުގެ ކުރިން ފެއިލްކޮށްލުމާއި ދިމާލަށް ގެންދަން އެއްބަޔަކު މަސައްކަތްކޮށްފިއެވެ. ސިޔާސީ ކޮށްލީ ރައްޔިތުންގެ މަސްލަތު ހިމެނޭ ފައިދާ ކުރަނިވި ކަމެކެވެ.
ވިޔަފާރިވެރިއަކަށް ފައިދާތަކެއް ވެގެންދާ މަންޒަރުގެ އިތުރަށްވެސް މިފަދަ ކަމަކުން ވެގެންދާ ގިނަ އިތުރު ފައިދާތަކެއް ހުރިކަން ކަމުގެ ހަގީގަތަށް ބެލުމުން ފެންނަނެއެވެ. ބުނާގޮތުން މޯލް އެޅުމަށް ކަނޑައެޅިފައިވަނީ ގާތްގަނޑަކަށް އެއް ލައްކަ އަކަފޫޓުގެ ބޮޑުމިން ހުންނަ ބިމެއްގައެވެ. މިތަން ހުންނާނީ ހުޅުމާލޭގެ ސެންޓްރަލް ޕާކު ސަރަހައްދުގައިކަމަށްވެސް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
މީގެ ކުރިން ރައްޔިތުންގެ ތެރޭގައި އޮތް އެންމެ ބޮޑު އެއް ޝަކުވާއަކީ މާލެ ސަރަހައްދުގައި އައިސްފައިވާ ތަރައްގީތަކާއިއެކު ކޮފީއެއް ބުއިން ނޫން ކަމެއް ކުރެވެން ނެތްކަމުގެ ވާހަކައެވެ. މާ ބޮޑެތި އިތުރު މޮޅު ހަރަކާތްތަކެއްގައި ބައިވެރިވެވެން ނެތްކަމުގެ ވާހަކަވެސް ބައެއް ފަރާތްތަކުން ދައްކާއިރު، ކުރާނެ ކަމެއް ނެތިގެން މަގުތައް މަތީގައި އުޅަނދެއްގައި ދެކޮޅަށް އެނބުރޭ ވާހަކަވެސް އިވެއެވެ. ނުވަތަ އެންމެން ގޮސް ތިބެނީ އެއް ޕާކެއްގައި ޖަމާވެފައެވެ. މޯލްއެއް އެޅުމުން މި ފޫހިކަމަށް ނިމުމެއް އަންނާނެއެވެ. ނުވަތަ ވަރަށް ބޮޑެތި ކުރިއެރުންތައް ލިބިގެންދާނެއެވެ.
މުނިފޫހިފިލުވުމުގެ އިތުރުންވެސް ލިބޭ ކުރިއެރުންތައް އެބަ ހުއްޓެވެ. މޯލްއެއްގައި ގިނަ އަދަދެއްގެ މީހުން މަސައްކަތްކުރާނެއެވެ. އަދި އެތަނުގައި ތިބޭނީ ބައިނަލްއަގުވާމީ ބްރޭންޑުތައް ކަމަށްވުމުން ދުނިޔޭގެ މަޝްހޫރު ކުންފުނިތަކުގައި މަސައްކަތްކުރުމަށްވެސް ދިވެހިންނަށް ފުރުސަތު ލިބިގެންދާނެއެވެ. އެކި ދާއިރާތަކުން ބައިނަލްއަގުވާމީ ފެންވަރުގައި ހިދުމަތް ދިނުމުގެ ތަމްރީނުތައްވެސް ލިބުމުގެ މަގު ފަހިވެގެންދާނެއިރު، ބައިނަލްއަގުވާމީ ގިނަ ކުންފުނިތަކަކީ ދުނިޔޭގެ އެކި ގައުމުތަކުގައި އައުޓްލެޓުތައް ބިނާކޮށްގެން މަސައްކަތްކުރާ ކުންފުނިތައްކަމަށްވުމުން އެތަންތަނުގައިވެސް ގޮސް މަސައްކަތްކުރުމަށް ފުރުސަތު ލިބިގެންދިއުމުގެ މަގު ފަހިވެގެންދާނެއެވެ.
ދެން އޮތީ ދިވެހި މާލިއްޔާތަށް ކުރާނެ ފައިދާއެވެ. މިހާރު ގިނަ އަދަދެއްގެ ފަތުރުވެރިން ދިވެހިރާއްޖެއަށް އަންނައިރު ހަގިގަތުގައި ސުވަނިއާރ ފިހާރަތައް ފިޔަވާ މާ ވަރެއްގެ ޝޮޕިންގްއެއް ކުރެވޭކަށް ނޯވެއެވެ. މާލެ ސަރަހައްދުގައި މިހާރު މަދު ބްރޭންޑަކުން އައުޓްލެޓްތައް ހުންނައިރު އެންމެ ލަގްޝަރީ ގޮތުގައި ކިޔޭ ބްރޭންޑުތަކާއި މުދަލެއް ނުހުރެއެވެ. މިއީ ދިވެހިންނަށް ނެގެން އޮތް ފައިދާ ނުނަގާ ދޫކޮށްލުމެވެ. އެ ވިޔަފާރިތަކުން އެތައް ފައިސާއެއް ޓެކްސްގެ ގޮތުގައި ލިބިގެންދާނެކަން ސާފުއިރު މިފަދަ ތަންތަން ބިނާކުރުން ލަސްކުރުމަކީ ގެއްލުންތަކެއް ލިބިގެންދިއުމެވެ. އަދި އިތުރު ބަޔަކު އެފަދަ މަސައްކަތެއް ކުރަން ހިޔާލު ނުކުރާއިރު، ހިޔާލެއް ކުރާ ކޮންމެ މީހަކުގެ މައްޗަށް ތުހުމަތުތައް އަޅުވައި ކަން ސިޔާސީ ކުރުމުން ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރެވިގެންދޭތޯ ސުވާލު އުފެއްދުންވެސް މުހިންމެވެ.
ކަމުގެ ދެކޮޅު ބެލުމެއް ނެތި ސޯޝަލްމީޑިއާގައި އިންވެސްޓަރުންނަށާއި މަސްލަހަތު ހިމެނޭ ފަރާތްތަކަށް ދެއްކުމަށްޓަކައި ޓެގުކޮށް ފާޅުކުރާ ޝުއޫރުގެ ނަތީޖާއަކީ މިފަދަ ކަންކަން ދިވެހިންނާއި ހިސާބަށް ގެނެސްދިނުމަށް ޝައުގުވެރިވާ މީހުންނަށް ދިވެހިންގެ އާންމު އަގުލަބިއްޔަތުން އެކަންކަމަށް ޖާގަ ދިނުމަށް ބޭނުން ނުވާކަމަށް ފެނިގެންދިއުމެވެ. އައުމަށް އަޅާ ފިޔަވަޅުގައި އެނބުރިދިއުމެވެ.
ހަމަ އެފަދައިން ދިވެހިރާއްޖޭގައި ޔުނިވާރސިޓީތައް ބިނާކުރުމާއި ކޮލެޖުތައް ބިނާކުރުމަށްޓަކައި ފިޔަވަޅެއް އަޅާހެން ހީވާ ކޮންމެ ފަހަރަކުވެސް ސިޔާސީ ކޮޅިގަނޑެއް އުފެދެއެވެ. އެހެންނަމަވެސް ދިވެހިން ގޮސް ބޭރު ގައުމުތަކުގައި ތިބެ ތައުލީމު ހާސިލުކުރަން ބޭނުންވާ ގޮތަށް ރާއްޖެއަށް އައިސް ތައުލީމު ހާސިލުކުރަން ތިބެން ބޭނުންވާނެ އެތައް ބައެއްވެސް އުޅޭނެކަން ކޮންމެ މީހަކަށްވެސް ވިސްނާލުމުން އެނގޭނެއެވެ. މިގޮތުންވެސް އެތައް ފައިސާއެއް އެތެރެކުރުމަށް ފުރުސަތު އެބައޮތެވެ. ސިޔާސީ ކުރުމުގެ ނަތީޖާއަކީ މިފަދަ ތަނެއް އަޅަންވެސް ބަޔަކަށް ބިމެއް ދޭން ނުކެރުމެވެ. ރާއްޖޭގެ ތަރައްގީގެ މަސައްކަތްތައް ކުރިނުކެނޑުމެވެ. ހުރިހާކަމެއް ސިޔާސީ ކުރުން ހުއްޓާލަން ޖެހެއެވެ.
ބައިނަލްއަގުވާމީ ދަރިވަރުން ރާއްޖެއަށް ކިޔަވަން އަންނާނީ، ބައިނަލްއަގުވާމީ ފެންވަރުގެ ކޮލެޖުތަކާއި ޔުނިވާރސިޓީތައް ބިނާކޮށްގެންނެވެ. އެ ފެންވަރުގެ ފެސިލިޓީތައް ގާއިމުކުރެވޭނީ އެކަމަށް ބޭނުންވާ ޖާގަ ލިބިގެންނެވެ. އެފަދަ ޖާގައެއް ހޯދަންޖެހޭނީ އެކަމަށް އެކަށީގެންވާ ތަނެއްގައިކަންވެސް އެނގޭނެއެވެ.
އެހެންކަމުން ދިވެހިރާއްޖޭގައި ސިޔާސީ ގޮތުން ކުރާ މަސައްކަތްތަކީ، އެފަދަ މަސައްކަތްތަކުގެ ހަގީގީ މަގުސަދުކަމަށްވާ ގައުމާއި ރައްޔިތުންގެ ކުރިއެރުމަށް ކުރެވިގެންދާ ކަންކަމަށްވުމަކީ ކޮންމެހެންވެސް ބޭނުންތެރިކަމެކެވެ. ސިޔާސީ މަސައްކަތްތަކުގެ މަގުސަދު އޮޅުވާލައި އެއީ ސަރުކާރަކާއި ޖައްސާލައިގެން އުޅުންކަމަށް ސިފަވާގޮތަށް އެދެވޭ ނަތީޖާއެއް ނުނުކުންނާނެ އެއްވެސް އޮއްޓަރެއް ނެތް މަސައްކަތްތަކެއް ޖެއްސުމުގެ ގޮތުން ކުރުމުން ދިވެހިންނަށް ލިބޭނީ ގެއްލުމެވެ. ނުރަނގަޅު ކަންކަން އިސްލާހުކުރަން މަސައްކަތްކޮށް ރަނގަޅުކަންކަން ތަންފީޒުކުރުމުގައި ހުރިހާ އެންމެންވެސް އެއްބާރުލުން ދޭންޖެއެވެ.

