މާލޭ ސަރަހައްދުގައި އެކްސިޑެންޓުތައް ގިނަވެފައިވާތީ، ފުލުހުން އާންމު މިންވަރަށް ވުރެ އިތުރަށް މަގުތަކުގައި ހަރަކާތްތެރިވާން ފަށައިފިއެވެ.
ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މާލެ އާއި ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިނގައި ބައެއްގެ ފުރާނަ ވަނީ ގޮސްފައެވެ. އެގޮތުން މިދިޔަ ބުދަ ދުވަހުގެ ރޭ މާލޭ ބޮޑުތަކުރުފާނު މަގުގައި ކާރަކާއި ސައިކަލެއް ޖެހި 21 އަހަރުގެ ޒުވާނަކަށް އަނިޔާވެ، އޭނާއަށް ފުރުވާދެނިކޮށް ވަނީ ނިޔާވެފައެވެ.
މީގެ އިތުރުން، މިދިޔަ ހުކުރު ދުވަހުގެ ދަންވަރު ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރީގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލަކާއި ކާރެއްޖެހި، ސައިކަލުގައި އިން ޒުވާނާއަށް ލިބުނު ސީރިއަސް އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް ވަނީ ނިޔާވެފަ އެވެ. އަދި މިދިޔަ 2 ދުވަހު ވެސް 3 އެކްސިޑެންޓެއް ވަނީ ހިނގައިފައެވެ. އެއީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަދި ހުޅުމާލެއަށް އަރާ ހައިވޭގައި އާއި މާލޭ މާފަންނު ބަސް ޓާމިނަލް ކައިރީ ހިނގި އެކްސިޑެންޓުތަކެވެ.
މާފައްނު ބަސްޓާމިނަލް ކައިރިވި އެކްސިޑެންޓަގައި ދިވެހި ފިރިހެނަކަށާއި، 2 ބިދޭސީ ފިރިހެނަކަށް ވަނީ އަނިޔާވެ ފައެވެ.
އެހެންކަމުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ވެހިކަލް ޗެކްޕޮއިންޓްތައް ގާއިމުކޮށް އުޅަނދުފަހަރު ބަލައި ފާސްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ރައްޔިތުންނަށް ވަނީ ނަސޭހަތްތެރި ވެފައެވެ. ފުލުހުން ބުނެފައިވަނީ ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި މަސައްކަތް ކުރައްވައި ކަމަށެވެ.
މާލެ ސަރަހައްދުގައި ގިނަ އަދަދެއްގެ އެކްސިޑެންޓްތައް ހިނގުމާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ގިނަ ފިޔަވަޅު ތަކެއް އެޅުމަށް އަންގައިފައެވެ. އޭގެ ތެރޭގައި މަގުމަތީގެ ޤާނޫނު ތަކާއި ގަވާއިދުތައް ތަންފީޒުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރާ މަސައްކަތް މިހާރަށްވުރެ އިތުރުކޮށް ހަރުދަނާކުރުމަށް ވަނީ އެދިފައެވެ.
ފުލުހުންގެ ތަފާސް ހިސާބު ތަކަށް ބަލާއިރު މިއަހަރުގެ މިހާތަނަށް ފުލުހަށް 1،933 އެކްސިޑެންޓު ވަނީ ރިޕޯޓްކޮށްފައެވެ. އަދި ކޮންމެ މަހަކު 200 ވުރެ ގިނަ އެކްސިޑެންޓް ފުލުހަށް ރިޕޯޓް ކުރެއެވެ. އަދި މި އަހަރުގެ މިހާތަނަށް ޖުމްލަ 1،907 އެކްސިޑެންޓް ހިނގާފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބު ތަކުން ދައްކައެވެ. އޭގެ ތެރެއިން އެންމެ ގިނައިން އެކްސިޑެންޓްވި ކަމަށް ރިޕޯޓްކޮށްފައިވަނީ މާރޗް މަހުގައެވެ. އެއޢި ޖުމްލަ 301 މައްސަލަ އެވެ.

