ބަންކަރިންގް ޚިދުމަތާއެކު ރާއްޖޭގައި ޔޫއެސް ޑޮލަރަށް ހުރި ދަތިތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ފަށަން ތައްޔާރުވަމުންދާ ބަންކަރިންގެ ޚިދުމަތާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވާ ވަޖީހު ވިދާޅުވީ ގައުމެއްގެ އިގްތިސާދީ ހާލަތު ރަނގަޅުވެގެން ދާނީ އެގައުމެއްގަ ތިބި ޕްރައިވެޓް ޕާޓީތައް ރަނގަޅު ވެގެން ކަމަށާ އަމިއްލަ ވިޔަފާރި ކުރާ ފަރާތްތަކުގެ އާމްދަނީ އިތުރުވެ، އެމީހުން ތަރައްގީވެ ގޮސްގެން ކަމަށެވެ.
ވަޖީހު ވިދާޅުވީ އިހަވަންދިއްޕޮޅުގަ މި ފަށާ ޚިދުމަތަކީ އެއީ އިންޓަރނޭޝަނަލް ބަންކަރިންގްގެ ޚިދުމަތް ކަމަށެވެ. އަދި އެކަމުގެ ހުރިހާ މުއާމާލާތެއް ހިންގިގެންދާނީ ބޭރު ފައިސާއިން ކަމަށާ އެމްޕީއެލްއިން ހިންގާ ކަންކަމުގެ ތެރޭގައި ހިމެނޭ ޑޮކިންގްގެ ކަންތައްތަކާ ސަލްވޭޖުގެ ޚިދުމަތްތަކުގައި ވެސް މުއާމަލާތް ކުރެވޭނީ ޔޫއެސް ޑޮލަރުން ކަމަށެވެ.
އެހެންކަމުން އެމްޕީއެލް މެދުވެރިކޮށް ވެސް ގިނަ އަދަދެއްގެ ބޭރު ފައިސާ ވަންނާނެ ކަން ފާހަގަކުރައްވާ ވަޖީހު ވިދާޅުވީ ޤަބޫލުކުރެވޭ ގޮތުގައި މި ޚިދުމަތާއެކު ރާއްޖޭގައި ޔޫއެސް ޑޮލަރަށް ހުރި ދަތިތަކަށް ވަަރަށްބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެެވެ. އޭނާ ވިދާޅުވީ އިންޓަނޭޝަނަލް ބަންކަރިންގްއަށް ވަންނައިރު އެންމެ ބޮޑަށް ވިސްނަން ޖެހޭ ކަމަކީ ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުން ކަމަށެވެ. އަދި އިންޑިއާ އާ ސްރީލަންކާއާ އަޅާބަލާއިރު އަގުތައް ވެސް ރަނގަޅު ވާނެ ކަމަށް ވަޖީހު ވިދާޅުވިއެވެ.
އެހެންވީމަ މި ދެންނެވީ އިހަވަންދިއްޕޮޅުގަވެސް ލ. އަތޮޅުގަވެސް އަދި އައްޑޫ ސިޓީގައި ވެސް އަދި މާލޭގައި ވެސް މި ހިންގާ ހަރަކާތްތަކުގައި ވަރަށް ބޮޑަށް ބައިވެރިވާނެ އަމިއްލަ ފަރާތްތަކުން. ބައިވެރިވީމަ އަމިއްލަ ފަރާތްތަކުގެ އާމްދަނީ އިތުރުވެގެން ގޮސް އިގްތިސާދީ ގޮތުން ވަރަށް ބޮޑު މަންފާތަކެއް ކުރާނެ.
އޭގެ އިތުރުން މިކަން ފުޅާ ކޮށް ތަރައްގީ ކުރުމަށްޓަކައި ކަސްޓަމަރުން ހިތްހަމަޖެހޭ ވަރުގެ ޚިދުމަތެއް ދިނުމަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި މިކަން ފެށުމާއެކު ވަރަށް އަވަހަށް އެކަށީގެންވާ ރަނގަޅު މާކެޓް ޝެއާއެއް ލިބިގެންދާނެ ކަމަށް ވެސް ވަޖީހު ވިދާޅުވިއެވެ.
ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މި މަހުގެ ތެރޭގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ބަންކަރިންގެ ހިދުމަތްތައް ފެށިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ކަމަށެވެ. އެމަނިކުފާނުވަނީ އެކަމުން ފުރަތަމަ އަހަރުގެ ތެރޭގައި އެކަނި ވެސް ރާއްޖޭގެ ޖީޑީޕީއަށް 400 މިލިއަން ޑޮލަރު އިތުރުވެގެންދާނެކަން ފާހަގަކުރައްވާފައެވެ.

